އަނިޔާގެ މައްސަލަތައް އިންތިހާއަށް ދިމާވެފައިވާ ލިވަޕޫލަށް އޮތް ކުރު މުއްދަތުގެ އެންމެ މޮޅު ހައްލަކީ ބަޔާން މިއުނިކަށް ކުޅެމުންދާ ޑޭވިޑް އަލާބާ ގެންދިޔުން ކަމަށް ކުރިން ލިވަޕޫލަށް ކުޅެފައިވާ ޑެނީ މާފީ ބުނެފިއެވެ.

ފުޓުބޯޅަ އެނަލިސްޓެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ މާފީ ބުނީ ލިވަޕޫލަށް ދިމާވެފައިވާ ސެންޓާ ބެކުގެ މައްސަލައަށް އޮތް އެންމެ މޮޅު ހައްލަކީ އަލާބާ ކަމަށެވެ.

"އަލާބާގެ ހުނަރަށް ބަލާއިރު، އެއްވެސް ސުވާލެއްވެސް. އަލާބާއަކީ މިވަގުތުވެސް ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި، އެންމެ ވާސަޓައިލް އެއް ޑިފެންޑަރު. ޔާގަން ކްލޮޕްގެ ވިސްނުމުން ބަލާއިރުވެސް، އަލާބާއަކީ ކްލޮޕް ގަބޫލުކުރާ ފެންވަރުގެ، ގިނަ މަގާމުތަކަކަށް ކުޅެވޭނެ ކުޅުންތެރިއެއް. އަހަރެން އަމިއްލަ ނިންމުމެއް ނަމަ، ވީ އެންމެ އަވަހަކަށް އަލާބާ ގެންދާނަން. އެކަމަކު ގަބޫލުކުރަން ޖެހޭ އަލާބާ ފެންވަރުގެ ކުޅުންތެރިއަކަށް ބައިވަރު ހުށަހެޅުންތައް އަންނާނެ،" މާފީ ބުނެފައިވެއެވެ.

އޮސްޓްރިއާގެ ޑިފެންޑަރު އަލާބާގެ ކޮންޓްރެކްޓް އާކުރުމަށް ބަޔާންއިން ކުރަމުން އަންނަ މަސައްކަތް ނާކާމިޔާބުވެފައިވާއިރު، ލިވަޕޫލަށް މިހާރު އެންމެ ބޭނުން ވަނީވެސް ސެންޓާ ޑިފެންސަށް ތަޖުރިބާކާރު ކުޅުންތެރިއެކެވެ. ލިވަޕޫލްގެ ފަހަތް ބެލެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ވާޖިލް ވެންޑައިކްގެ ކަކުލުގެ އޮޕަރޭޝަނަކަށްފަހު، މި ސީޒަން އެއްކޮށް ގެއްލޭނެ ކަމަށް ބެލެވިފައި އޮތްއިރު، އެތަން ފޫބެއްދުމަށް ލިވަޕޫލަށް އުނދަގޫ ވާނެއެވެ.

ފަބީނިއޯގެ އިތުރުން ޖޯ ގޮމޭޒްއާއި ރީ ވިލިއަމްސް އަދި ނެޓް ފިލިޕްސް ފަދަ ކުޅުންތެރިން ލިވަޕޫލްގައި ވެން ޑައިކް ނެތްތައް ފޫބައްދަން މަސައްކަތް ކުރަމުންދާ ނަމަވެސް، މިވަގުތުވެސް ފަބީނިއޯ ހުރީ އަނިޔާގައެވެ. އެހެންކަމުން ސްކޮޑު ވަރުގަދަކޮށް، ލީގު ދިފާއުކުރުމަށް ލިވަޕޫލުން އިތުރު ސެންޓާ ބެކެއް ޖެނުއަރީގައި ގެންދާނެ ކަމަށް ބެލެވެއެވެ.

ބަޔާންއާއެކު މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގާއި ކަޕް އަދި ލީގުވެސް އުފުލާލި އަލާބާ ގެންދިޔުމަށް ކުރިން ލިވަޕޫލަށް ކުޅުނު ގޯލްކީޕަރު ޑޭވިޑް ޖޭމްސްވެސް ވަނީ ތާއީދު ކޮށްފައެވެ. ޖޭމްސް ގަބޫލުކުރާ ގޮތުގައި ލިވަޕޫލަށް ދާއިމީ ހައްލަކަށްވެސް އަލާބާއަކީ އެކަށޭނެ ކުޅުންތެރިއެކެވެ.