ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާ އަތުން ރެއާލް މެޑްރިޑް ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ވެލެންސިއާއިން ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލަކީ ޕެނެލްޓީން ޖަހާފައިވާ ގޯލުތަކެވެ.
މެޗަށްފަހު ރެއާލްގެ ގޯލްކީޕަރު ތީބޯ ކޯޝުއާ ވަނީ މެޗުގައި ރެފްރީ ވީއޭއާރްގެ އެހީ ހޯދި ގޮތަށް ފާޑުކިޔައިފައެވެ. ކޯޝުއާ ބުނެފައިވަނީ އިދިކޮޅު ފޯވަޑް ހަޅޭލަވައިގަންނަ ކޮންމެ ފަހަރަކު ރެފްރީ ޕެނެލްޓީ ދިން ކަމަށެވެ.
"މެކްސީ ގޮމޭޒް މެޗުގައި ޕެނެލްޓީ ހޯދީ ބާރަށް ހަޅޭލަވައިގަނެގެން. ރެއާލްއަށް ދޭން ޖެހޭ ތިން ޕެނެލްޓީއެއް ނުދީ ދިޔަ. އަނެއް ކޮޅުން މެކްސީ ބާރަށް ހަޅޭލަވައިގަންނަ ކޮންމެ ފަހަރަކު ޕެނެލްޓީއެއް ދޭ،" މެޗަށްފަހު ކޯޝުއާ ބުނެފައިވެއެވެ.
ކާލޯސް ސޮލާ ވެލެންސިއާގެ ތިން ޕެނެލްޓީ ކާމިޔާބުކޮށް ހެޓްރިކް ހަދާފައިވާ އިރު، އޭނާ ވެފައިވަނީ މިދިޔަ 100 އަހަރު ތެރޭގައިވެސް ލަލީގާ މެޗެއްގައި ޕެނެލްޓީން ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ވެލެންސިއާއަށް ލިބުނު ތިން ޕެނެލްޓީގެ ތެރެއިން ދެ ޕެނެލްޓީއަކީ ރެއާލްގެ ކުޅުންތެރިން އަތުގައި ބޯޅަ ޖެހިގެން ދިން ދެ ޕެނެލްޓީއެކެވެ. ލޫކަސް ވަޒްކުއޭޒްއާއި ސާޖިއޯ ރާމޯސް އަތުގައި ޖެހިގެން ދެ ޕެނެލްޓީ ދީފައިވާ އިރު، ތިންވަނަ ޕެނެލްޓީއަކީ މާސެލޯ، ގޮމޭޒްއަށް ކުރި ފައުލަކަށް ދިން ޕެނެލްޓީއެކެވެ.
ސޮލާ ޖެހި ފުރަތަމަ ޕެނެލްޓީ ރެއާލްގެ ގޯލްކީޕަރު ކޯޝުއާ މަތަކުރި ނަމަވެސް، ކޯޝުއާ ރޮނގުން ބޭރަށް ނުކުތް ކަމަށް ބުނެ ރެފްރީ ވަނީ އަލުން އެ ޕެނެލްޓީ ޖަހުވައިފައެވެ. ކޯޝުއާ ވަނީ އެކަމަށް ހިތްހަމަނުޖެހުން ފާޅުކޮށް، ރެފްރީގެ ނިންމުން ތަފްސީލު ކޮށްދޭން ނޭނގޭ ކަމަށް ބުނެފައެވެ.
ކޯޝުއާ އިތުރަށް ބުނެފައިވަނީ ވެލެންސިއާއިން ޖެހި ފުރަތަމަ ގޯލުގައިވެސް މައްސަލަތަކެއް ހުރި ކަމަށެވެ. ގޯލް ޖެހުމަށް ތަނަވަސްކުރި ފުރުސަތުގައި އަސެންސިއޯއަށް ޗެރިޝޭވް ފައުލްކުރި ކަމަށާއި ވީއޭއާރުން ބަލައި ރެފްރީ އެއީ ފައުލެއް ނޫން ކަމަށް ނިންމި ނިންމުންވެސް ގޯސް ކަމަށް ކޯޝުއާ ބުނެފައިވެއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ