ލިޔުންތައް އޮޅުވާލައިގެން ދެ ލޯންޗް ރާއްޖެ އެތެރެކުރި މައްސަލައިގައި، ސަލްޓަންސް އޮފް ދަ ސީސް އިން ދައުތަލަތަށް 110.2 މިލިއަން ރުފިޔާ ނެގުމަށް ސުޕްރީމް ކޯޓު ހުކުމް ކޮށްފިއެވެ.

މީގެ ތެރެއިން އެއް ލޯންޗު އެ ކުންފުނިން ގެނެސްފައިވަނީ، 14 ޑިސެމްބަރު 2007 ގައި ކަމަށެވެ. އަދި ދެވަނަ ލޯންޗް ގެނެސްފައިވަނީ، 25 މާޗް 2008ގަ އެވެ.

މި މައްސަލައިގައި ސަލްޓަންސްގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ ދެ އުޅަނދު ކަސްޓަމްސް އަށް ޑިކްލެއާ ކޮށްފައިވަނީ އެ ދެ އުޅަނދުގެ މައުލޫމާތު އޮޅުވާލައިގެން އޭގެ އަސްލު އަގަށްވުރެ ދަށް އަގެއް ކަސްޓަމްސް އަށް ހުށަހަޅައިގެން ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ސަލްޓަންސްގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، ދައުލަތަށް އެ ފައިސާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް 2010 ވަނަ އަހަރު އޭރު އޮތް މަދަނީ ކޯޓުން ހުކުމް ވެސް ކުރި އެވެ. ނަމަވެސް ސަލްޓަންސްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން 2011 ވަނަ އަހަރު ނިންމީ މަދަނީ ކޯޓުގެ ހުކުމް ބާތިލްކުރުމަށެވެ.

އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަދު ހުކުމް ކޮށްފައިވަނީ އެ މައްސަލައިގައި ހައި ކޯޓުން ހުކުމް ކޮށްފައިވަނީ، ކަމާބެހޭ ގާނޫނުގެ ހަމަތަކާ އެއްގޮތަށް ކަމަށްނުވާތީ، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހައިކޯޓުގެ ހުކުމް ބާތިލްކުރުމަށެވެ.

އެހެންކަމުން ދެ ލޯންޗުގެ އިމްޕޯޓް ޑިއުޓިގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ 53.6 މިލިޔަން ރުފިޔާ އާއި އެ ދެ ލޯންޗުގެ އަގު އޮޅުވާލާފައިވާކަން ތަހުގީގުން އެނގެން އޮތުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއެކު 110.2 މިލިއަން ރުފިޔާ ސަލްޓަސް އިން ދައުލަތަށް ދައްކަންޖެހޭނެ އެވެ.