އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް 148 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 34,787,720,151 (34.7 ބިލިއަން) ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އިގުތިސޯދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ހަރަދުގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ ހުށަހަޅާފައިވެއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 5.8 ބިލިއަން ރުފިޔާއެވެ.

އިގުތިސޯދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ހަރަދުގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އޭގެން އެންމެ ބޮޑު އަދަދެއް ހޭދަކުރަނީީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އަދި ރަންވޭގެ މަޝްރޫއަށެވެ. އެގޮތުން އެ މަޝްރޫއަށް އެކަނިވެސް އެއް ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މީގެ އިތުރުން އެ ހަތް ބިލިއަންގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް ހޭދަކުރުމަށް 148 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަނީ އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް ފެނަކަ އާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަތީޖާއަކަށްވެގެން ގޮސްފައިވަނީ ދޮޅު އަހަރުގެ ތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 3.5 އިންސައްތަ އިތުރުވުމެވެ.

ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގައި އުފައްދާ ހަކަތައިގެ ހަތަރު ބައިކުޅަ އެއްބަޔަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.