އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ބަޖެޓު ޑެފިސިޓް (ދަރަނި)ގެ އަދަދު 15.5 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ހަރަދު 33.2 ބިލިއަން ރުފިޔާއަށް އަރާއިރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް (ދަރަނި) 15.5 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޑެފިސިޓަކީ އާމްދަނީއަށް ވުރެ ހަރަދު އިތުރުވާ މިންވަރެވެ. ފިނޭންސުން ލަފާކޮށްފައިވާ ގޮތުން ކޮވިޑްގެ ސަބަބުން އާމްދަނީ އަށް އައިސްފައިވާ ބޮޑު ލޮޅުމާއެކު ބަޖެޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން 23 އިންސައްތައަށް އަރާނެއެވެ.

ފިނޭންސުން ބުނީ، ޑެފިސިޓް ފޫބެއްދޭނީ ހިލޭ އެހީގެ ގޮތުގަ އާއި ލޯނުގެ ގޮތުގައި ފައިސާ ހޯދައިގެން ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ރާއްޖެއިން ބޭރުގެ މާކެޓަށް 300 މިލިއަން ޑޮލަރުގެ ބޮންޑް/ސުކޫކް އަދި 100 މިލިއަން ޑޮލަރުގެ ގްރީން ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށް ރާވާފައިވާ ކަމަށެވެ. ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން 150 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ހޯދުމަށްވެސް ރޭވިފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ މާކެޓަށް 3،700 މިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު ނުވަތަ ބޮންޑު ވިއްކުމަށާއި ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 462 މިލިއަން ރުފިޔާ ހޯދުމަށްވެސް ރާވާފައި ވެއެވެ.