ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބާކީ ހުރި ފްލެޓްތަަށް އެދުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ތެރެއިން ހިތަދޫ އާއި މަރަދޫ އަދި މަރަދޫފޭދޫ ގައި ވެސް ފްލެޓް އިމާރާތްކޮށްފައިވެ އެވެ. މީގެ ތެރެއިން ހިތަދޫގައި އިމާރާތް ކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، 150 ފްލެޓް ހާއްސަ ކުރެވިފައިވަނީ ހިތަދޫ ރައްޔިތުންނަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އޭ،ބީ،ސީ ކެޓަގަރީގައި ބާކީ ހުރި 28 ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ފްލެޓްތައް ދޫކުރާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ ޖުމްލަ އަދަދުގެ ތެރެއިން ބާކީ ހުރި އަދަދު އެ ކެޓަގަރީއަކަށް ހާއްސަކޮށްގެން ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެގޮތުން ބާކީ ހުރި 28 ފްލެޓްގެ ތެރެއިން ހިތަދޫ އަވަށުގެ ރައްޔިތުންނަށް ދޭން ނިންމާފައިވަނީ 16 ފްލެޓެވެ. މަރަދޫ އަދި މަރަފޫފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށާއި ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ދޫކުރަނީ ހަ ފްލެޓެވެ.

އިއުލާނުގައި ބުނީ، ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30ގެ ކުރިން ކަމަށެވެ. ފްލެޓަށް އެދޭ ފޯމް ބަލައިގަންނާނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށު އޮފީހުންނެވެ.

ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އިމާރާތްކުރި ފްލެޓްތައް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިޔާ އެވެ. އަދި ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަންޖެހެނީ 3،000 ރުފިޔާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.