ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބު އިބްރާހިމް ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން ހައި ކޯޓުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން ޝަހީބު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ.

ޝަހީބު ދޫކޮށްލި މައްސަލައިގެ އަޑުއެހުން ހައި ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 ގައި ބާއްވާ ގޮތަށެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދައި، މިދިޔަ މަހުގެ 14 ވަނަ ދުވަހު ޝަހީބާއި އިތުރު ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހެކި ހުށަހެޅުމުން ޝަހީބުގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ 15 ދުވަހެވެ.

ބަންދުގެ މުއްދަތު އިތުރުކުރުމަށް މިދިޔަ މަހުގެ 28ގައި އިތުރު ހެއްކާއެކު ހުށަހެޅުމުން ވެސް ޝަހީބު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި ޝަހީބަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރެކެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާ ވަނީ މެމްބަރުކަމުން ސަސްޕެންޑުކޮށްފައެވެ.