ޗައިނާގެ ޝަންހާއީގެ ޕްރީ ސްކޫލެއް އާ ސަރަހައްދަކަށް ބަދަލުކޮށްފައިވާއިރު އެ އިމާރާތް ދިޔައީ "ހިނގާފަ"އޭ ބުނުމުން ޖޯކަކަށް ވެދާނެއެވެ. ނަމަވެސް އެއީ އެކަން ހިނގި ގޮތެވެ.
ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮށްފައިވާ އެމަސައްކަތުގައި 85 އަހަރުވީ ޕްރީ ސްކޫލެއް ޝަންހާއީގެ ހުއާންގްޕު ޑިސްޓްރިކްޓަށް ގެންގޮސްފައިވަނީ އިމާރާތުގެ ދަށުގައި ހަރުކޮށްފައިހުރި 200 މޯބައިލް ސަޕޯޓްގެ އެހީގައެވެ.
ޕްރޮޖެކްޓްގެ ޗީފް ޓެކްނިކަލް ސުޕަވައިޒަރު ވަނީ އިމާރާތުގެ އަޑިން އެއްކޮށް އިމާރާތް ހިއްލައި 200 ސަޕޯޓިވް ރޮބޮޓް ފައިތަކެއް ހަރުކޮށްފައެވެ. އަދި ހާއްސަ ސެންސަރުތަކެއްގެ އެހީގައި 7600 ޓަނުގެ އެއިމާރާތް ވަނީ ހިނގާފައި އެހެން ސަރަހައްދަކަށް ބަދަލުވެފައެވެ. އެމަސައްކަތުގައި ބޭނުންކޮށްފައިވަނީ 2018 ވަނަ އަހަރު ޗައިނާގައި އުފެއްދި ޓެކްނިލޮޖީއެކެވެ.
ޕްރޮޖެކްޓުގެ އެންމެ ބޮޑު މަގުސަދަކީ އެހާ ގިނަދުވަސް ވީ ގަދީމީ އިމާރާތެއް އެއްވެސް ގެއްލުމެއް ނުދީ އެހެން ސަރަހައްދަކަށް ބަދަލު ކުރުމެވެ.