ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މުވައްޒަފަކު މަރުވި މައްސަލައިގައި އެ ރިސޯޓަށް ދީފައިވާ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަގުތީ ގޮތުން ބާތިލުކޮށްފިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ވަކި މުއްދަތެއް ނެތް ގޮތަށް އެ ރިސޯޓަށް ދީފައިވާ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް ހުއްދަ ބާތިލުކުރި ތާރީހެއް ކަށަވަރުވެފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ގުޅުމުން މިނިސްޓަރު "ވަން"އަށް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެފަދަ މައުލޫމާތުތަކެއް ހިއްސާނުކުރާނެ ކަމަށެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މަރުވި، ދ. މާއެނބޫދޫ، ދިލްބަހާރުގޭ އާދަމް ނަސީރަށް އެ ރިސޯޓުގެ މެނޭޖްމެންޓުން އެކަށީގެންވާ ފަރުވާ ފޯރުކޮށްނުދިނުމާއި ފަރުވާ ލަސްވުމާއި އަޅައިނުލާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެ މައްސަލަ ފުލުހަށްވެސް ހުށަހަޅައިފައެވެ. އަދި އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކަނޑިންމަ ރިސޯޓު މުވައްޒަފުގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ކަނޑިންމަ ރިސޯޓުގައި ބަލި ފެތުރުނު ސަބަބު ދެނެގަތުމަށް މިދިޔަ ހޯމަ ދުވަހު ދ. އަތޮޅު ހޮސްޕިޓަލާއި ކަނޑިންމަ ރިސޯޓުގައި އެޗްއީއޯސީގެ ޓީމެއް ހަރަކާތްތެރިވެފައިވާ ކަމަށާއި ކޮވިޑް ޖެހިގެން ނިޔާވި މީހާއާ ގުޅޭ ކަންތައްތައް ބެލުމުގެ ގޮތުން ބައެއް މީހުންގެ ފަރާތުން މައުލޫމާތު ސާފުކުރެވުނު ކަމަށެވެ.

"މި ޓީމު މާލެ އައީ މިއަދު މެންދުރު. މިހާރު ޓީމުގެ ރިޕޯޓު ނޫނީ ފައިންޑިންގްސްތައް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާ ވަނީ ހިއްސާކުރެވިފައި. އަދި މި ފައިންޑިންގްސްތައް ބެއްލެވުމަށްފަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ މިކަން އިތުރަށް އިންވެސްޓިގޭޓް ކުރުމަށް ޕޮލިހަށް މިރޭ ހުށަހަޅުއްވާފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެ ރިސޯޓު ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް ފަތުރުވެރިން އަރައި ފޭބުން މަނާކޮށްފައެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކަނޑިންމަ ރިސޯޓުން ފޭބޭނީވެސް ކޮންޓެކްޓް ޓްރޭސިން ހަދައި އެއްވެސް ކޮންޓެކްޓެއް ނެތް އަދި ނެގެޓިވްކަން ޔަގީންވާ ފަތުރުވެރިންނަށެވެ.

ކަނޑިންމަ ރިސޯޓުން މިހާތަނަށް 51 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 50 ރިސޯޓް މުއައްޒަފުންނާއި އެއް ފަތުރުވެރިއެކެވެ.