ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރާއްޖެ މިއަދު ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ފޮރިން ސެކްރެޓަރީއަށް މަރުހަބާ ދެންނެވީ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދުފާ ނައީމެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުގައި ދެ ގައުމުގެ ފޮރިން ސެކްރެޓަރީން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭގޮތުންނާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުގައި މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބްރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

މިއަހަރުގެ ޖެނުއަރީ 29ގައި އިންޑިއާގެ ފޮރިން ސެކްރެޓަރީކަމާ ހަރްޝް ވަރްދާން ޝްރިންގްލާ ހަވާލުވެވަޑައިގެންނެވި ފަހުން މިއީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީއެވެ.