ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ރޫޓު ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް، އެމީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.
އެ ތިން މީހުންނަކީ ކ. މާލެ، ގ. ރޮބިންސް، މުހައްމަދު މާހީން މަދީހް (20އ) އާއި ސ. ފޭދޫ /ރަންކޮކާގެ، އަހްމަދު މާހިލް ސައީދު (21އ) އާއި ރ. ރަސްމާދޫ /އޯކިޑްމާގެ، މުހައްމަދު އަޒުމީން (30އ) އެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ރޫޓު ފިހާރައިގެ 4.2 މިލިއަން ރުފިޔާ ބޭންކަށް ޖަމާކުރަން ވޭނެއްގައި ގެންދަނިކޮށް ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކުވެގެން އެ ފައިސާ ފޭރެން މަސައްކަތްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް ވޭނުގައި ތިބި ރޫޓު ފިހާރައިގެ މުވައްޒަފުންނާއި ބީއޯސީ ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑުގެ ބުރަ މަސައްކަތުން ވަނީ އެ ފޭރުން ނާކާމިޔާބުކޮށްލައިފައެވެ. އެކަމަށްޓަކައި ރޫޓުން ވަނީ އެ މުވައްޒަފުންނާއި ސެކިއުރިޓީ ގާޑުގެ އަގު ވަޒަންކޮށް ފައިސާގެ އިނާމު ދީފައެވެ.
އެ މައްސަލައިގައި މީގެކުރިން ހައްޔަރު ކުރި ހަތަރު މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ. އެ އެންމެންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް