ހުސެއިން ޝަމީމް

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން އުވައެއް ނުލެވޭނެ: ޕީޖީ ޝަމީމް

އަލީ ޔާމިން

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން އުވައެއް ނުލެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރަގްރާމެއްގައި ރާއްޖޭގެ މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ޕީޖީ ޝަމީމްގެ ރައުޔެއް ހޯދުމަށް އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޝަމީމް ވިދާޅުވީ، ރާއްޖޭގައި މަރުގެ އަދަބު އުވައި ނުލެވޭނެ ކަމަށާއި އެއީ ރައްޔިތުން ބޭނުންވާނެ ގޮތެއްވެސް ނޫން ކަމަށެވެ.

"ރާއްޖޭގައި މަރުގެ އަދަބު އުވައެއް ނުލެވޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައިރާއްޖޭގެ ގާނޫނުތައް ބަދަލު ނުކޮށެއް މަރުގެ އަދަބު ރާއްޖޭގައި އުވައެއް ނުލެވޭނެ." ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ދޭން ޖެހޭ ކަމަށާއި ނަމަވެސް އެކަމަށްޓަކައި އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ބޮޑަށް ހޯދަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ ކަމަށް ޕީޖީ ވިދާޅުވީ، ރާއްޖޭގެ ގާނޫނުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއެކު އާންމުންގެ ހިޔާލު ވެސް ހޯދައިގެން ކަމަށް ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރު ދެނެގަތުމަށް ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ދީނީ އިލްމުވެރިން ވިދާޅުވީ، އިސްލާމްދީނުގެ ހުކުމްތަކަކީ ދިވެހިން ބޭނުންވީމާ ބަދަލުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބައެއް ކުށްތަކަށް މަރުގެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް އެ އަދަބު ތަންފީޒު ނުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 67 އަހަރު ކުރިންނެވެ.

މަރުގެ އަދަބު ދޭން އަލުން ފަށާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބުންޏެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރު ހަމަވެގެންދިޔަ އިރުވެސް މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެއެވެ.