އެޑިސަން ކަވާނީ މެންޗެސްޓާ ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލާއެކު، އެޓީމުން އެވަޓަން ބަލިކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން އެވަޓަން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މިސީޒަން އެންމެ ވަރުގަދަކޮށް ފެށި އެއް ޓީމަކީ އެވަޓަންއެވެ. އެޓީމުން ލީގުގައި ވަރުގަދަކޮށް ފެށި ނަމަވެސް، ސަސްޕެންޝަން އަދި އަނިޔާގެ މައްސަލަތައް ދިމާވެ، އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. ހަމޭޒް ރޮޑްރިގޭޒްއަށް އަނިޔާވި ހިސާބުންވެސް އެވަޓަންއަށް އުނދަގޫތަކެއް ކުރިމަތިވި އިރު، މިރޭގެ މެޗުގައި އޭނާ ފެށި ނަމަވެސް، އެވަޓަންއަށް ކުޅެން ޖެހުނީ ސަސްޕެންޝަންގައި ހުރި ރިޗާލްސަން ނުލައެވެ.
ޔުނައިޓެޑުން މިދިޔަ ހަފުތާ ޗެމްޕިއަންސް ލީގުގައި އިސްތާންބޫލް ބެޝިކްޝެހީރާ ދެކޮޅަށް ކުޅެ ބަލިވެފައިވާ އިރު، އެޓީމުގެ ހިތްވަރަށް މިރޭގެ މެޗު މުހިއްމުވިއެވެ. ރަނގަޅު ނަތީޖާއަކުން މޮޅުވި އިރު، މެޗުގެ ފަހު ހާފުގައި ކުޅެން ނުކުތް ކަވާނީ ޔުނައިޓެޑް ޖާޒީގައި ފުރަތަމަ ގޯލް ޖެހުމަކީ މިރޭގެ މެޗުން ކޯޗު އޮލެ ގުނަ ސޮލްސްޖާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ކަވާނީ މި ސީޒަނަށް ޔުނައިޓެޑާ ގުޅުނު ނަމަވެސް، އޭނާ ނުކުޅެ ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުނީ ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރަން ޖެހުމުންނެވެ.
އެވަޓަންގެ ގުޑިސަން ޕާކްގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި އެވަޓަންއިން ލީޑު ނެގިއެވެ. ރިޗާލްސަންގެ ބަދަލުގައި މިރޭގެ ފެށި ބަނާޑް އެ ގޯލް ޖެހިއިރު، ހާފުގެ ފަހުކޮޅުގައި ފުލުފުލުގައި ދެ ގޯލް ޖަހައި ޔުނައިޓެޑުން ނަތީޖާ އަނބުރާލިއެވެ. އެ ދެ ގޯލަކީވެސް ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ޖަހައިދިން ދެ ގޯލެވެ.
ދެވަނަ ހާފަށް ނުކުމެ އެވަޓަންއިން ކުޅުނު ރަނގަޅު ކުރި ނަމަވެސް ޔުނައިޓެޑްގެ ގޯލާ ހަމައަށް ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެވަޓަންގެ ފަރާތުން ފެނުނު އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ ލޫކަސް ޑީންގެ ފަރާތުންނެވެ. އޭނާގެ ބާރު ހަމަލާ އަމާޒުވީ ގޯލް ދަނޑިއަށެވެ.
އެވަޓަންއިން ކުރިއަށް ޖެހި ކުޅެމުން ދިޔަ ދިއުމުގެ ފައިދާ ނަގައި، ކައުންޓާ އެޓޭކްގައި ކަވާނީ ގޯލް ޖެހީ މާކަސް ރަޝްފޯޑުގެ އެސިސްޓަކުންނެވެ. މިރޭގެ މެޗުގެ ކުރިން އެވަޓަންއިން ވަނީ ރަޝްފޯޑުގެ ދަރުމަވެރި މަސައްކަތް ފާހަގަކޮށް، އޭނާގެ އަގުވަޒަން ކޮށްފައެވެ.
އެވަޓަންއަށް އަށް މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ޔުނައިޓެޑަށް ހަތް މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ އަދިވެސް 13 ވަނައިގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު