ކޮވިޑް 19އާ ގުޅިގެން ބަންދުކޮށްފައިވާ ކުޅިވަރު ބިންތައް އަލުން ހުޅުވައިލަން އުޅޭ ކަމުގެ އިޝާރާތެއް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދެއްވައިފިއެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ބޫޓަށް އަރައި ރަނގަޅަށް ނާޑުވާ ބާރުކޮށްގެން ތިއްބެވުމަށެވެ. އަދި އެކަމުގެ އިތުރު މައުލޫމާތު މިރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވާނެ ކަމަށާއި އެ މައުލޫމާތުތައް ކަނުލައި އެހުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

ކޮވިޑް 19 ގެ ހާލަތާ ގުޅިގެން މާލޭގެ ކުޅިވަރު ސަރަހައްދުތައް ވަނީ ބަންދުކޮށްފައެވެ. ޓީމު ކުޅިވަރުތަކުގެ އިތުރުން އެކިއެކި އިންޑިވިޖުއަލް ކުޅިވަރުތައްވެސް ހުއްޓިފައިވާ އިރު، އެކަމުގެ ސަބަބުން ކުޅިވަރުގެ ތެރޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. ހާއްސަކޮށް ކޯޗުންނާއި ކުޅުންތެރިންގެ އާމުދަނީ ހިފެހެއްޓިފައިވުމާއެކު އެކަމުގެ ޝަކުވާތައްވެސް ވަނީ ބޮޑުވެފައެވެ.

މިއަހަރު މާޗު މަހާ ހަމައިން ހުރިހާ ކުޅިވަރު ހަރަކާތްތަކެއްވެސް ހުއްޓާލާފައިވާ އިރު، އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް މިހާރު ވަނީ ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަން ޓީމުތަކުގެ ތަމްރީނުތައް ފަށައިފައެވެ. ފުޓުބޯޅަ ސީޒަން އަންނަ މަހު ފެށުމަށް ތައްޔާރުވެފައިވާ އިރު، ސީޒަންގެ މެޗުތައް ކުރިއަށްދާނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ހާމަކުރައްވައިފައެވެ.