ޔޫސުފު ބިން ތާޝްފީން

ޔޫސުފު ބިން ތާޝްފީން 10

އަބްދުﷲ ފާރޫގް ހަސަން

(05 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ނަމަވެސް އަޅުގަނޑުމެން އަމިއްލައަށް މަރުވާން ގަސްދު ނުކުރާނަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކަން އަރުވަމެވެ. އަޅުގަނޑުމެންނަށް މިބިރުވެރި ނުރައްކަލުން ދިފާޢުވެވިދާނެއެވެ. މިއަދުވެސް ޤުރުޠުބާގެ މުސްލިމުންގެ ކިބައިގައި ކިތަންމެ ވަރުގަދަ ޠޫފާނެއްގެވެސް މިސުރާބު ބަދަލުކޮށްލެވޭހައި ބާރު އެބަހުއްޓެވެ. ذوالـنّــون އާއި އޭނާގެ ކްރިސްޓިއަން އެކުވެރީން އައިކޮޅަށް އަނބުރައިލުމަށްޓަކައި ބޭނުންވަނީ ހިލޭސާބަހަށް މަސައްކަތްކުރާ އެންމެ ފަންސާސް ހާހެއްހައި މީހުންނެވެ. ޤުރުޠުބާގެ އަހުލުވެރީން މައިދާނަށް ނިކުންނައިރު އަންދަލުސުގެ ދެންތިބި އާއްމު މުސްލިމުން އެބައިމީހުންގެ ފަހަތުގައި ތިބޭނެއެވެ. އަޅުގަނޑުމެންނަށް ސަލާމަތްކުރެވޭނީ ހަމައެކަނި ޤުރުޠުބާއެއް ނޫނެވެ. މުލޫކުއްޠަވާއިފުންގެ ކިބައިން މުޅި އަންދަލުސުވެސް ސަލާމަތްކުރެވިދާނެއެވެ. މުލޫކުއްޠަވާއިފުންނަކީ އަންދަލުސުގެ މުސްލިމުންގެ މުސްތަޤުބަލަށްހުރި ދާއިމީ ނުރައްކަލެކެވެ. އެއިން އެއްވެސް ބޭފުޅެއްގެ ހިތްޕުޅުގައި އިސްލާމްދީނުގެ މުސްތަޤުބަލަށް ކުޑަވެސް ހުރުމަތެއް އޮތްކަމުގައިވާނަމަ އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އެހެންނުވެއްޖެނަމަ އަޅުގަނޑުމެން އެބޭފުޅުންނާމެދު ޢަމަލުކުރާނީ އުއްމަތަށް ޣަދަރުވެރިވާ މީހުންނާމެދު ކަންތައްކުރާން ޖެހޭގޮތަށެވެ.

މުސްލިމު އަޚުންނޭވެ! މިއީ ތަޤުރީރު ކުރުމުގެ ވަގުތެއް ނޫނެވެ. މިއީ ޚަންދަޤުތައް ކޮނެ ދިފާޢީ މަރުކަޒުތައް ހަދާންވީ ވަގުތެވެ. ތިޔަބޭފުޅުން އަޑުއައްސަވައިފައިވާނެ ފަދައިން ދުޝްމިނުންތިބި ޤުރުޠުބާއާ މާދުރަކު ނޫނެވެ. ވަގުތުގެ ނަޤީބުން ތިޔަބޭފުޅުންނާ ކުރާން ބޭނުންވަނީ އެންމެ ސުވާލެކެވެ. އެސުވާލަކީ ތިޔަބޭފުޅުން ތިޔަ ތިއްބެވީ ތައްޔާރަށްތޯ މިސުވާލެވެ."

އަޑުއަހަން އެއްވެތިބި މީހުން ނުހަނު ފޯރިއާއި ޖޯޝާއެކު ނަޢުރާކުރާން ފެށިއެވެ. "އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ. އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ!"

އާއްމުންނަށް ތައްޔާރުވުމުގެ ފުރުސަތު ދިނުމަށްޓަކައި عبـدالمـلـك ގެ ލަޝްކަރު ކުރިއަށް ދަތުރުކޮށް ذوالـنّــون ގެ ލަޝްކަރު ސަރަޙައްދު ކައިރީގައި ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. އެތައްދުވަހެއް ވާންދެން ދެލަޝްކަރުގެ މެދުގައި އާދައިގެ ގޮތަކަށް ހަނގުރާމަ ހިނގަމުން ދިޔައެވެ. ذوالـنّــون މައިދާނަށް ނުކުމެވަޑައިގަތީ އެތައް އަހަރުތަކެއްގެ ތައްޔާރުވެވަޑައިގަތުމަށްފަހުގައެވެ. އޭނާގެ ލަޝްކަރު ހަތިޔާރުގެ ގޮތުންނާއި ސިފައިންގެ އަދަދުގެ ގޮތުން عبـدالمـلـك ގެ ލަޝްކަރަށްވުރެ މާވަރުގަދައެވެ. އޭގެއިތުރަށް އަލްފާންސޫއާއި އުތުރުގެ ކްރިސްޓިއަން އަމީރުން ތިއްބެވީ އޭނާގެ ބުރަކަށިފުޅު ޙިމާޔަތްކުރައްވާ ގޮތުގައެވެ.

އެންމެފަހުން ވަރަށް ވަރުގަދަ ހަނގުރާމައަކަށްފަހު ޤުރުޠުބާގެ ލަޝްކަރު ބަލިވެއްޖެއެވެ. ذوالـنّــون އެމީހުންގެ ފަހަތުން ޤުރުޠުބާގެ ރަށްބޭރާ ހަމައަށް ވަޑައިގެންނެވިއެވެ. އެ މުއްދަތުގެ ތެރޭގައި ޤުރުޠުބާގެ އާއްމުންނަށްވަނީ ތައްޔާރުވުމުގެ ފުރުސަތު ލިބިފައެވެ. ދަންނަބޭކަލުންގެ މަސައްކަތްޕުޅުގެ ސަބަބުން އަންދަލުސުގެ އެހެނިހެން ރަށްރަށުންވެސް މުޖާހިދުންގެ ޖަމާޢަތްތައް ޤުރުޠުބާ ޙިމާޔަތްކުރުމުގެ ޖިހާދުގައި ބައިވެރިވާން އަންނަމުން ދިޔައެވެ. އަންދަލުސުގެ މަޝްހޫރު ކޯރެއްކަމުގައިވާ ވާދިލްކަބީރުގެ ސަބަބުން ޤުރުޠުބާގެ ފަހަތްއޮތީ ޙިމާޔަތްވެފައެވެ. އައްޒަހުރާގެ އިމާރާތްތައްހުރީ ވާދިލްކަބީރުގެ އަނެއްފަރާތުގެ އައްސޭރީގައެވެ. އެހެންކަމުން އައްޒަހުރާ އަކަށްވެސް ނުރައްކަލެއްނެތެވެ. ޤުރުޠުބާއާއި އައްޒަހުރާއާ ދެމެދު އައިސްގޮސް އުޅުމަށް ކޯރުގެ މަގުއޮތީ ހުޅުވިފައެވެ.

ذوالـنّــون ގެ ލަޝްކަރު ޤުރުޠުބާގެ ތިންފަރާތުން އެރަށް ޙިޞާރު ކޮށްފިއެވެ. ޠުލައިޠުލާ ލަޝްކަރު އެތައްފަހަރަކު ކުރިއަރައިގެންގޮސް ޤުރުޠުބާގެ ދޮރޯއްޓާވެސް ކައިރިކުރިއެވެ.

ނަމަވެސް ޤުރުޠުބާގެ އާންމުންގެ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ކޮންމެފަހަރަކުވެސް އެބައިމީހުންނަށް ޖެހެނީ ފަހަތަށްޖެހޭށެވެ. ذوالـنّــون އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް އުފުއްލަވާން ޖެހިވަޑައިގަތުމާއެކުވެސް ޤުރުޠުބާގެ ޙިޞާރު ދެމެހެއްޓެވިއެވެ. އޭނާ ހީފުޅުކުރައްވައިގެން ހުންނެވީ އަލްފާންސޫ އޭނާއާ އެހީވެދެއްވަން ވަޑައިގަންނަވާނެ ކަމުގައެވެ. ނަމަވެސް އޭނާ އުންމީދު ކުރެއްވި ގޮތަކަށެއް ކަންތައްތަކެއް ނުހިނގިއެވެ.

ذوالـنّــون ގެ ލަޝްކަރާއި، ޤުރުޠުބާގެ ލަޝްކަރާ ދެ ލަޝްކަރުންކުރެ ވަކި ލަޝްކަރެއް ގަދަވެ ބަލިވުމަކީ ޙަޤީޤަތުގައި އަލްފާންސޫ އަހައްމިޔަތު ދެއްވާކަމެއް ނޫނެވެ. އޭނާގެ ބޭނުންފުޅަކަށްއޮތީ އެންމެ ކަމެކެވެ. އެދެފަރާތުގެ ދެމެދުގައި ހަނގުރާމަ ހިނގުމެވެ. އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކޮށްކޮށް ޠުލައިޠުލާއާއި ޤުރުޠުބާގެ ބާރުތައް ކަފާސްވުމެވެ. އެއްވެސް ބުރައެއް ނުއުފުއްލަވައި އޭނާއަށް އެދެފަރާތް ބަލިކޮށްލެއްވޭ ވަރަށެވެ. އަލްފާންސޫ ޤުރުޠުބާއަށް ޙަމަލާ ދެއްވަން ذوالـنّــون އަށް ހިތްވަރު ދެއްވިއެވެ. ނަމަވެސް ذوالـنّــون ޤުރުޠުބާގެ ރަށްބޭރަށް ވަޑައިގަތުމުން އަލްފާންސޫ އޭނާގެ ވަޢުދަކަށް ފަރުވާލެއް ނުބެހެއްޓެވިއެވެ. އެހީގެ ލަޝްކަރެއް ނުފޮނުއްވިއެވެ. ذوالـنّــون ގެ އެކުވެރިއެއްގެ ހައިސިއްޔަތުން މައިދާނަށް ނުކުމެވަޑައިގަތުމުގެ ބަދަލުގައި އޭނާ އިންތިޒާރު ކުރައްވަމުން ގެންދެވީ ހަނގުރާމައިގެ ނަތީޖާއަށެވެ.

އިޝްބީލިއްޔާގެ ރަސްގެފާނު معـتـمـد ގެ ކުރިފުޅުމަތީގައި މިހާރުވަނީ މަސްރަޙު އަލިވެފައެވެ. އަލްފާންސޫއަކީ ذوالـنّــون ގެ ޙަޤީޤީ ރަޙުމަތްތެރިޔެއް ނޫންކަން އޭނާއަށް އެނގިވަޑައިގެންފިއެވެ. އަދި ކީއްތޯއެވެ؟ އަލްފާންސޫގެ ބޭނުންފުޅަކީ ދެކުނުފަރާތުން އޭނާގެ ސަރަޙައްދު ފުޅާކުރެއްވުމަށްޓަކައި ޠުލައިޠުލާ ހިއްޕެވުންކަންވެސް معـتـمـد އަށް ވިސްނައިވަޑައިގެންފިއެވެ. އަލްފާންސޫ ޤުރުޠުބާއަށް ޙަމަލާދެއްވަން ذوالـنّــون އަށް ހިތްވަރުދެއްވީ ذوالـنّــون ގެ ޢަސްކަރީ ބާރު ނިކަމެތިކޮށްލެއްވުމަށްޓަކައި ކަންވެސް ވިސްނިވަޑައިގެންފިއެވެ.

ذوالـنّــون ޤުރުޠުބާގެ ޙިޞާރުގައި ހުންނަވާތާ ގިނަދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. އަލްފާންސޫގެ އެއްވެސްކަހަލަ އެހީފުޅެއް ذوالـنّــون އަކަށް ލިބިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން معـتـمـد އަށް އިތުރު ޔަގީންކަމެއް ލިބިވަޑައިގަތެވެ. ذوالـنّــون އަށް ފަތަޙަ ލިބިވަޑައިގަތުމަށްވުރެ އަލްފާންސޫ ބޮޑަށް ބޭނުންފުޅުވަނީ އޭނާ ބަލިފުޅުވުންކަމެވެ. معـتـمـد ދެކެވަޑައިގަންނަވާ ގޮތުގައި ذوالـنّــون އަށް ލިބިވަޑައިގަންނަވާ ކޮންމެ ނާކާމިޔާބަކީ އޭނާއަށް ލިބިވަޑައިގަންނަވާ ފަތަޙައެކެވެ. معـتـمـد ގެ ޖާސޫސުން ޤުރުޠުބާގެ ޚަބަރުތައް ދުވަހުން ދުވަހަށް معـتـمـد ގެ އަރިހަށް ފޮނުވަމުން ގެންދެއެވެ. އެހެންކަމުން ذوالـنّــون އަށް މާގިނަދުވަހަކު ޤުރުޠުބާ ޙިޞާރު ކުރައްވައިގެން ނުހުންނެވޭނެކަން معـتـمـد އަށް ކަށަވަރުވެވަޑައިގަތެވެ.

ނަމަވެސް ޤުރުޠުބާގެ މަސްރަޙު ބަދަލުވަމުންދާ ގޮތާމެދުވެސް معـتـمـد ހުންނެވީ ކަންބޮޑުވެވަޑައިގެންފައެވެ. معـتـمـد ގެ ޖާސޫސުން ޚަބަރުދޭގޮތުގައި ޤުރުޠުބާ މަޑުމަޑުންދަނީ އަންދަލުސުގެ ހުރިހާ ދީނީ ޢިލްމުވެރީންގެ ސަމާލުކަމުގެ މަރުކަޒަކަށް ބަދަލުވަމުންނެވެ. އެބޭކަލުންގެ ދަޢުވަތުގެ މަސައްކަތްޕުޅުގެ ސަބަބުން އަންދަލުސުގެ ތަފާތު ރަށްރަށުން މުޖާހިދުންގެ ޖަމާޢަތްތައް އަންނަނީ ޤުރުޠުބާއަށް ޖަމާވަމުންނެވެ. ޤުރުޠުބާ މަރުކަޒަކަށް ހައްދަވައިގެން މުޅި އަންދަލުސުގައި އިސްލާމީ ވެރިކަމެއް އުފެއްދެވުމަށް ބައެއް ޢިލްމުވެރީން ކުރައްވާ މަސައްކަތްޕުޅުވެސް މަޑުމަޑުންދަނީ ވައިގައި ހިފަމުންނެވެ. އެބޭކަލުންގެ މަސައްކަތްޕުޅުގެ ނާރެހަކީ އާއްމު މުސްލިމުން ލައްވައި މުލޫކުއްޠަވާއިފާ ދެކޮޅަށް ބަޣާވާތް ކުރުއްވުމެވެ. ތިމާމެންގެ އަމިއްލަ ވެރިކަމަށްޓަކައި މުސްލިމުންގެ މިނިވަންކަމާއި ޢިއްޒަތާއި ޝަރަފު ޤުރުބާން ކުރައްވަމުން ގެންދަވާ ރަސްރަސްކަލުންގެ ބައިގަނޑާ ދެކޮޅަށް އާއްމު މުސްލިމުން ނެރުއްވުމެވެ.

ބަޠުލިޔޫސްގެ ރަސްގެފާނު عـمـرالمـتــوكّـل ޤުރުޠުބާގެ އަހުލުވެރީންނަށް އެހީވެދެއްވާން ވަޑައިގެންނެވި ޚަބަރުވެސް معـتـمـد ގެ ޖާސޫސުން އޭނާގެ ކަންފަތްޕުޅަށް އެރުވިއެވެ. عـمـر ވެސް ވަނީ ދަންނަބޭކަލުންގެ މަސައްކަތްޕުޅަށް ތާއީދު ކުރައްވައިފައެވެ. معـتـمـد ގެ ޖާސޫސުން ދެންނެވިގޮތުގައި ذوالـنّــون ބަލިފުޅުވާނެކަމީ ކަށަވަރުކަމެކެވެ. ނަމަވެސް ބަލިފުޅުވާއިރަށް ޤުރުޠުބާގައި ދަންނަބޭކަލުން ނުފޫޒު ވަރަށްބޮޑަށް ވަރުގަދަވާނެއެވެ. ކިތަންމެ ވަރުގަދަ ބާރަކާ ކުރިމަތިލައްވާންވެސް ދަންނަބޭކަލުން ޖެހިލުންވެވަޑައިނުގަންނަވާ ވަރަށެވެ. އެހައިތަނުން ފެށިގެން عبـدالمـلـك ހިންގަވަމުން ގެންދަވާނީ ދަންނަބޭކަލުން ދައްކަވާ މަގަކުންނެވެ. އޭނާ އެހެން ނަހައްދަވައިފިނަމަ މަޖްލިސުއްޝޫރާއިން އޭނާގެ ކަންފަތްޕުޅުގައި ހިފައި ވެރިކަމުގެ ތަޚުތުން ބައިލާނެއެވެ. އެގޮތަށް ކަންތައް ވެއްޖެނަމަ ޤުރުޠުބާއަށް ވެރިވެވަޑައިގަތުމަށްޓަކައި معـتـمـد ބައްލަވަބައްލަވައި ހުންނެވި ފުރުސަތެއް ދުވަހަކުވެސް ލިބިވަޑައެއް ނުގަންނަވާނެއެވެ. އަދި ކީއްތޯއެވެ؟ އަންދަލުސުގައި އިސްލާމްދީން އަލުން ދިރުވުމަށްޓަކައި ހިންގޭ ޙަރަކާތުގެ ނަތީޖާއަކަށްވާނީ އިޝްބީލިއްޔާގައިވާ އޭނާގެ ވެރިކަމަށްވެސް ނުރައްކަލެއް ކަމުގައެވެ. އިސްލާމްދީނަށް ނަޞްރުދޭ މީހުން ކޮންމެވެސް ދުވަހަކުން އެބައިމީހުންގެ ހިތްއުފާކުރުވުމުގެ މަރުކަޒުތަކަށް ވަދެގެން އައުމަކީ معـتـمـد ގެ ޝާޢިރުންނާއި، ވަޒީރުންނާއި، އަމީރުންނާއި، އޭނާގެ އަނބިކަނބަލުން ރަމީކިއްޔާ އެއްގޮތަކަށްވެސް ރުހިވަޑައިގަންނަވާ ކަމެއްނޫނެވެ. އެބޭފުޅުންގެ އުފަލާއި މަޖަލުގެ މަހެފިލުތައް ބަރުބާދުވުމަކީ އެދިވަޑައިގަންނަވާކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ معـتـمـد ގެ ބޭނުންފުޅަކީ ޤުރުޠުބާއާއި އައްޒަހުރާގެ ގަނޑުވަރުތައްވެސް އޭނާގެ ޢައްޔާޝީ ހާލިތަކަކަށް ހެއްދެވުމެވެ.

* * * * * * * * * * *

عبـدالمـنعــم ގެ އަނބިކަނބަލުން ފަތިސްނަމާދަށްފަހު ދުޢާއެއް ކުރައްވާން އަތްޕުޅު އުފުލައިލައްވައިގެން އިންނެވިއެވެ. މެދުގޯތިތެރެއިން މީހެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންނެވުމާއެކު އޭނާގެ ހިތްޕުޅު ތެޅޭންފަށައިފިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ކިބަފުޅަށް ޝުކުރު ހުއްޓެވެ." އޭނާ ޝުކުރުވެރިވެވަޑައިގެންނެވުމުގެ ކަރުނަފޮދާއެކު ދުޢާ ނިންމައިލެއްވިއެވެ. މުސައްލަމަތީން ތެދުވެވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ.

އޭނާގެ ފިރިކަލުން ހުންނެވީ ދަގަނޑު ދަހަނާ އަޅުއްވައިގެންނެވެ. ފެންޑާއާ ހަމައަށް ވަޑައިގެންފައި އޭނާގެ އިސްތަށިފުޅުގައި އޮތް ވިދަވިދާހުރި ދަގަނޑު ތާކިހާކޮޅު ނަންގަވައިފިއެވެ. އޭނާގެ ވަރުބަލިފުޅުކަމުގެ އަސަރު ހާމަވާ މޫނުފުޅުމަތީން ހިނިފުޅު ވެޑުވުމުގެ އަސަރު ފެނިވަޑައިގަތުމާއެކު، އޭނާގެ އަނބިކަނބަލުންގެ ހިތްޕުޅުން ހުރިހައި ހިތާމަފުޅުތަކެއް ފިލައިފިއެވެ.

عبـدالمـنعــم ފެންޑާމަތީގައިހުރި އަދަރާދަގޮނޑިއެއްގައި އިށީނދެވަޑައިގެންފިއެވެ. سـكيـنـة ގުދުވެވަޑައިގެން عبـدالمـنعــم ގެ އިސްޓާކީނުކޮޅު ބާލުއްވާން އުޅުއްވިއެވެ. عبـدالمـنعــم އެކަން މަނާކުރައްވައިފައި ވިދާޅުވިއެވެ.

"ނޫން سـكيـنـة! އަޅުގަނޑު ގެއަށް މިއައީ ގަޑިއެއްހައި އިރަށް. ކަލާވެސް އިށީނދެވަޑައިގަންނަވާ!"

سـكيـنـة ޖެހިގެންހުރި ގޮނޑީގައި އިށީނދެވަޑައިގެން ސުވާލު ކުރެއްވިއެވެ.

"ހަނގުރާމައިގެ މައިދާނުގެ ޚަބަރުތައް ރަނގަޅުތޯ؟"

"މުޅީން ރަނގަޅު. ރޭ ދުޝްމިނުންގެ ޙަމަލަ ވަރަށް ވަރުގަދަ. އެކަމަކު އަޅުގަނޑުމެން އެބައިމީހުން ވަރަށްބޮޑަށް ބަލިކޮށްލިން. މިހާރު މިތައްޔާރުވަނީ އެންމެފަހުގެ ޙަމަލައަށް. ކުދީން ކޮބައިތޯ؟"

"سعد ފަތިސްނަމާދުން ފައިބައިގެން އަސްމަތީގައި އައްޒަހުރާއަށް ހިނގައްޖެ. أحمد އާއި حسن އާ ދެބެން ބޭރުގައި ކުޅޭން އެބައުޅޭ. އިއްޔެ ހަވީރު ކަލާވަނީ އައްޒަހުރާއަށް ދާން سعد އަށް ހުއްދަ ދެއްވައިފައި. އެހެންނޫންނަމަ އަޅުގަނޑު އޭނާ ދިޔައަކަ ނުދިނީމުސް."

عبـدالمـنعــم ވިދާޅުވިއެވެ. "މިރޭ ހަނގުރާމަ ހިނގަމުންދިޔައިރު عبـدالجـبّـار ހުންނެވީ އަޅުގަނޑުގެ ގާތުގައި އޭނާ سعد ދެކެ ވަރަށް ލޯބިފުޅުވޭ."

"ކޮން عبـدالجـبّـار އެއްތޯ؟ إدريـس ގެ ބައްޕަތޯ؟"

"އާދެ. އޭނާ ވިދާޅުވީ سعد إدريـس އާއި އޭނާގެ ހުރިހާ އެކުވެރީން ވަރަށް ކުޅަދާނަ ތީރުވެރީންނަށް ހަދައިފި ކަމުގައި."

سـكيـنـة ވިދާޅުވިއެވެ. "سعد ބުނަނީ ذوالـنّــون ގެ ލަޝްކަރު ޤުރުޠުބާގެ އެތައް އަވަށެއް އަންދައިލައިފިޔޭ. ތިމަން ކުޑަކުދީންގެ ލަޝްކަރެއް އެބަ ތައްޔާރުކުރަމޭ. ބޮޑުވިދުވަހަކުން ޠުލައިޠުލާއަށް ޙަމަލާދީ ذوالـنّــون ގެ ކިބައިން ބަދަލުހިފާނަމޭ.

أحمد އާއި حسن އާ ދެބެން ފެންޑާމައްޗަށް ވަޑައިގެންފިއެވެ. ދެބޭފުޅުން ދުވެވަޑައިގެންފައި ވަޑައިގެން ބައްޕާފުޅާ އޮޅުލައިވަޑައިގެންފިއެވެ. أحمد އޭނާގެ ބައްޕަޔާ ސުވާލުކުރެއްވިއެވެ.

(ނުނިމޭ)