(ތެއާޅީސްވަނަ ބައި)

"ކީއްވެ އެހެން ހީކުރަންވީ؟! އަހަރެން ބޭނުމީ ޒިހާން ސައްހަ ސަލާމަތުން އުފަލުން ހުރިތަން ދެކެން!" ޔުނާ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އަޑުހަރު ކުރި ވަގުތު އޭނައަށް އިތުރަށް ރޮވެން ފެށިއެވެ. ޔުނާއަށް ގިސްލެވެން ފެށުމުން ޒިހާން އުދަގުލާއެކީ ވެސް ސީދާވެލަމުން ޔުނާގެ ގާތަށް ޖެހި ޔުނާ އޭނަގެ އަތުތެރެއަށް ގެނައެވެ. ޔުނާގެ ބޮލުގައި ފިރުމަން ފެށި ވަގުތު ޔުނާގެ ގިސްލުން ކުޑަކޮށް މަދުވެގެން ދިޔުމުން ޒިހާނަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެހިނދު އިވިގެން ދިޔަ ބަސްތަކުން ޒިހާންގެ ނޭވާ މެދުކެނޑުނެވެ.

"އައި ލަވް ޔޫ، ޒިހާން...." އޭނަގެ މޭމަތީގައި ބޯއަޅައިގެން އޮވެ ޔުނާ ބުނެލީ އެ ބަސްތަކެވެ.

އެ ބަސްތައް އިވުނު ފުރަތަމަ ސިކުންތުކޮޅުގައި ޒިހާނަށް އަމިއްލަ ކަންފަތަށް ވެސް އިތުބާރުކުރަން ދަތިވިއެވެ. މި ހުރެވުނީ ހުވަފެނެއްގެ ތެރޭގައި ކަމަށް ހިނދުކޮޅަކަށް ނަމަވެސް އޭނަގެ ހިތް ބުންޏެވެ. އެހެނަސް މާ ގިނައިރެއް ނުވެ އަނެއްކާވެސް ޔުނާގެ ގިސްލުމުގެ އަޑު އިވުމުން މިއީ ޙަޤީޤަތްކަމަށް އޭނައަށް ޔަޤީންކުރެވުނެވެ. ހަމަ އެއާއެކު އޭނައަށް ނޭނގި އޭނަގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އެތައް އަހަރެއް ވަންދެން އެ ލޯތްބަކަށް އިންތިޒާރުކުރި ލޯބި އޭނައަށް ހާސިލު ކުރެވިއްޖެކަން އެނގުންވި ހިނދު ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެސް ވެރިވިއެވެ. އެ އުފާވެރި ވަގުތުކޮޅުގައި ޔުނާ ރޮމުން ދިޔައީތީ ހިތުގައި ޝަކުވާވެސް އުފެދުނެވެ. ޔުނާ މަސަލަސް ކުރުމަށް ޒިހާން އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް ޔުނާ އިތުރަށް ވާހަކަ ދެއްކިއެވެ.

"ޒިހާންގެ ލޯބި އަހަންނަށް ހައްޤެއް ނޫން.... އަ... އަހަރެން ވަނީ ޒިހާން އެތައް ފަހަރެއްގެ މަތިން ވަރަށް ބޮޑަށް ދެރަކޮށްފަ. އޭގެ ބަދަލުގަ ވެސް ޒިހާން އަހަންނަށް އުފަލެއް ނޫނީ ނުދޭ. އެންމެ ފަހުން ދުވަހުވެސް...... ޒިހާން ކައިރި ނުބުނެ އަހަރެން ދިޔައީ އެހެން ހިލޭ ފިރިހެނަކާ ބައްދަލުކުރަން. ޒިހާން ދުވަހަކުވެސް އެފަދަ ގޮތަކަށް އަހަރެންގެ އިތުބާރު ގެއްލުވައެއް ނުލާނެ. ޒިހާނަށް ޙައްޤެއް ނޫން އަހަރެން ކަހަލަ އަންބަކު. ޒިހާނަށް ޙައްޤުވަނީ ޒިހާން ކަހަލަ ރަނގަޅު ކުއްޖަ..." ޔުނާގެ އެ ވާހަކައިގެ މެދުތެރެއިން ހިތަށް އުދަގޫވި މިންވަރުން ޒިހާނަށް ޔުނާއާއި ދުރުވެލަމުން އެ މޫނަށް ބަލައިލެވުނެވެ. އަދި ޔުނާ ބުނަން ފެށި އެ ފަހު ބަސްތަކާއެކީ ޔުނާގެ އަނގަމަތީގައި މަޑުމަޑުން އެއްއަތް އެޅިއެވެ. އެއާއިއެކު ޔުނާ އިސްއުފުލައިލަމުން ޒިހާނަށް ބެލިއެވެ.

"ތިކަހަލަ ވާހަކަ ނުދައްކައްޗޭ ޔުނޫ..... ﷲ އަހަރުމެން އެކީގަވުމަށް މިންވަރު ކުރައްވާނީ އަހަރުމެން ދެމީހުންނަށް ވެސް އެގޮތަކީ އެންމެ ރަނގަޅު ގޮތަށްވީމަ. އަހަރެން ކުޑަ ހިނދުކޮޅަކަށް ވެސް ހިތާމައެއް ނުކުރަން ޔުނޫ އަހަރެންގެ އަންބަކަށްވީތީ. ގުޅުމުގެ ކުރީކޮޅު ޔުނާއަށް އަހަންނާއިމެދު އެގޮތަށް ކަންތައް ކުރެވުނީ ޔުނާއަށް ލިބިފަ ހުރި ހިތާމައެއްގެ ސަބަބުން ކަން އަހަންނަށް އަބަދުވެސް އެނގޭ. އަދި ކުރީ ދުވަހު ޔުނާ އަހަންނަށް ނާންގާ އެމީހާއާއި ބައްދަލުކުރަން ދިޔުމުގެ ފަހަތުގަވެސް ސަބަބެއް އޮންނާނެކަން އަހަންނަށް ޔަޤީން. އަޑުއެހީމޭ އޭނައާއި ޔުނާއާ ދެމެދު ދެކެވުނު ވާހަކަތައް. އޭނަގާތު މަރާލާށޭ ބުނިއިރު ޔުނޫ ބިރެއްވެސް ނުގަނޭތަ؟ އަހަންނަށް ރަނގަޅު ވަގުތުގަ ނާދެވުނު ނަމަ ކިހިނެއްވީސް؟" ޒިހާން ޔުނާގެ ކަރުނަތައް ފޮހެދެމުން ވާހަކަ ދެއްކިއިރު އޭނަގެ ލޯމަތިން ވެސް ކަންބޮޑުވުމާއި ހިތާމަވެރިކަން އެކުލެވިގެންވާ އަސަރެއްވިއެވެ.

"ޒިހާން އަހަރެން އެ ހަމަލާއިން ސަލާމަތް ކުރި ވަގުތު ބިރުގަތްތަ؟" ޔުނާ ވެސް ޒިހާނާއި ހަތަރުކަޅި ހަމަކުރަމުން ކޮށްލީ ސުވާލެކެވެ. އެއާއެކު އެހެން މީހުންނަށް ނޭނގޭނެ ފަދައަކުން ދެމީހުންނަށް ވެސް ދެމީހުން ކުރި ސުވާލުތަކުގެ ޖަވާބު ލިބުނެވެ. އެ ޖަވާބު ލިބިގެން ދިޔުމާއެކު އަނެއްކާވެސް ޒިހާން ޔުނާ އޭނަގެ އަތުތެރެއަށް ގެނެސް ފޮރުވައިލިއެވެ.

"އައި ލަވް ޔޫ..... .އައި ލަވް ޔޫ ސޯ މަޗް!" ޒިހާން އެހެން ބުނެލީ ޔުނާގެ ގައިގައި އިހުނަށްވުރެ ބާރަށް ބައްދާލަމުންނެވެ.

"އައި ލަވް ޔޫ ޓޫ..." ޔުނާވެސް ދެލޯ މަރައި އެވަގުތުކޮޅުގެ ތެރެއަށް ގެއްލެމުން ބުނެލިއެވެ.

ދެމަފިރިންގެ ދެމެދުގައި ބަދަލުވެގެން ދިޔަ އެ ބަސްތަކާއެކީ ދެމީހުންގެ ހަޔާތުގައި ފެށިގެން ދިޔައީ އާ ބާބެކެވެ. އެ ވަގުތުކޮޅުން ފަށައިގެން އެ ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔައެވެ. އޭގެ ފަހުން އެދެމީހުންގެ ދެމެދުގައި ބަދަލުވަމުން ދިޔަ ހިނިތުންވުމުގައި އިހުނަށްވުރެ ފުން މާނައެއް ވިއެވެ. އެ ހިނިތުންވުންތައް ނުހަނު ފުރިހަމައަށް ދެމީހުންގެ ލޮލާއި ހަމައަށް ވެސް ފޯރާ ހިނދު ލޮލުން ފާޅުވަމުން ދިޔައީ ތަފާތު ވިދުވަރެކެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ލޯބީގެ ޢިޝާރާތްތައް ދައްކަންފެށީ ވަކި ޖެހިލުންވުމެއް ނެތިއެވެ. ޑޮކްޓަރުން ޒިހާނަށް ކެއުމުގެ އިޒުނަ ދިނުމުން ޔުނާ ޒިހާންގެ ހާލަތަށް އެންމެ ރަނގަޅުވާނީ ކޮން ކަހަލަ ކެއުމެއްތޯ އަހައި އެ މާއްދާތައް ހިމެނޭނެ ކެއުމެއް ވޯޑަށް ގެނައެވެ. އެއަށްފަހު ވަކި އެއްޗެކޭ ނުބުނެ ޒިހާނަށް ކާންދޭން އިސްނެގީ ހިނިތުންވުމަކާއެކީ އަމިއްލައަށެވެ. ޒިހާން ވެސް ވަކި ސުވާލު ކުރުމެއްނެތި ހިނިތުންވެލަމުން ޔުނާގެ އަތުން ކާންފެށިއެވެ. އެވަގުތު ޒިހާން ޔުނާއަށް ހަނދާންކޮށްދިނީ ޔުނާ ހޮސްޕިޓަލުގައި އޮތް ދުވަހެއްގައި އޭނަ ކާ އެއްޗެހި ފޮނުވި ދުވަހެވެ. އެދުވަހު ޔުނާ އޭނަ 'ނޮން-އެގްޒިސްޓެންޓް ފިރިމީހާ' ގެ ގޮތުގައި ސިފަކުރި ގޮތް ޒިހާން ހަނދާން ކޮށްދިނުމުން ދެމީހުންނަށް ވެސް ހެވުނެވެ.

"އޯ މައި ގޯޑް ސީރިއަސްލީ! އަހަންނަށް އެދުވަހު ހަވަނަ ހިއްސުން އެނގުނީ ކަންނޭނގެ މިއީ އަހަރެންގެ ވާންއުޅޭ ފިރިމީހާ އަހަންނަށް ފޮނުވި އެއްޗެއްކަން. ހަހަ! އެކަމަކު ވަރަށް މީރު އިނގޭ އެދުވަހު އެ ބަތްކޮޅު. ކޮން ތަނަކުން އެހާ މީރުކޮށް ކައްކަން ދަސްކުރީ؟" ޔުނާ ވެސް ޒިހާންގެ އެނދުމަތީގައި އިނދެގެން އިނދެ ވާހަކަ ދެއްކިއެވެ. އެހިނދު ދެމީހުންގެ ދެމެދަށް ވާ ގޮތަށް ހުރި މޭޒުމަތީގައި ކާތަށިތައް އެތުރިފައިވިއެވެ.

"12 އަހަރު ވީތަނާ އަހަރެން މާލެއަށް މޫވްކުރީ. މަންމައާއި ދޮންތަ ވެގެން އެއްކުރި ލާރިން ޓިކެޓް ގަނެވޭ ވަރު ވުމުން އަހަރެން ރަށާއި ވީހާވެސް ދުރަށް ފޮނުވާލަން އެމީހުން ނިންމީ. އޭރު ގޭގެ ހާލަތު ހުރި ގޮތުން.... އޭރުއްސުރެ މާލޭގަ އާންޓަކާއެކީ އުޅެމުން ދިޔައީ. އާންޓް ވަރަށް ބޮޑަށް ބަލިވެގެން ދިޔައީ އޭގެ ދެއަހަރު ފަހުން. އެހެންވީމަ ވަރަށް ގިނަ ކަންތައް އަމިއްލައަށް ކުރަން ޖެހުނު. ހެހެ.... ގުޑް އެކްސްޕީރިއެންސް އަނެއްހެން. ވަރަށް ގިނަ ކަންތައް ދަސްވި." ޒިހާން އެ ވާހަކަ ދެއްކީ ހީލުމަކާއެކީ ކަމަށްވިޔަސް އެ ލޮލުގައިވި ރިހުން ޔުނާއަށް ދޭހަކުރެވުނެވެ. އެންމެ 12 އަހަރުގައި އަމިއްލަ އާއިލާއާއި ދުރަށް ދާން ޖެހުމުން ޒިހާނަށް ކޮށްފައިވާނެ އަސަރު ޔުނާއަށް ތަސައްވުރު ކުރެވުނެވެ. ފުރައިގެން ނުދާން ޒިހާނަށް އާދޭސްކުރެވިފައިވާނެތާއެވެ. އެހެނަސް މަންމަމެން އެހެން ހަދަނީ ނުލަފާ މީހެއްގެ އަތްދަށުން ޒިހާން ސަލާމަތް ކުރަން ކަން ޒިހާނަށް ވެސް އެނގޭނެތާއެވެ. އެހާ ކުޑައިރު އެކަނިމާއެކަނި ފުރަމުން ދާ ވަގުތު ރޮވިފައިވާނެތާއެވެ. އަދި މި ހުރިހާ ކަމެއްގެ މައްޗަށް މަންމަމެންނާއި ދުރުގައި މުޅިން އާ މާޙައުލެއްގައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަންވުމުން އޭގެ އަސަރުވެސް ކޮށްފައިވާނެތާއެވެ.

ހިނދުކޮޅެއް ވަންދެން ޔުނާއަށް ޒިހާނާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ޒިހާންގެ ހިތްވަރަށް ހިތާހިތުން ތައުރީފުކުރާ ހާލުގައެވެ. ޔުނާ އެއްޗެކޭ ބުނަން އުޅުނެއްކަމަކު އެ ހިތްދަތި މާޒީގެ ވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއް ނުވިއެވެ. އެއިން ޒިހާންގެ ހާލަތު ގޯސްވުން ނޫންކަމެއް ނުވާނެކަން ދަނެގެންނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ޒިހާން އަނެއްކާވެސް ހިނިތުންވުމަކާއެކީ ވާހަކަ ދެއްކުމުން ޔުނާއަށް ހިތާހިތުން ހަމްދުކުރެވުނެވެ.

"އެނގޭތަ؟ ތަންކޮޅެއް ކުރިން އެމްސްޓާޑަމްއަށް އައިއްސަވެސް ރެސްޓޯރެންޓެއްގަ ވޯކް ކުރީމޭ. އެކަމަކު އެންމެ ދެ ތިން ދުވަހަށް. އަހަރެން އުޅުނު އިމާރާތެއްގެ ކައިރީގަ ހުންނަ ކުޑަ ރެސްޓޯރެންޓެއްގަ އުޅޭ ބޭބެ ބަލިވީމަ ކުޑަ ހެލްޕެއް ވެލީ. އަހަރެން ހެދި ޕާސްތާއެއް މީރުވެގެން ކޮންމެވެސް ކުއްޖަކު އުޅުނު ވާހަކަ އެ ބޭބެ ދެއްކި އަހަރެން ރަށަށް ދިޔަ ފަހުން ވެސް. ހެހެ....." ޒިހާން ލުއި ގޮތަކަށް ހީލަމުން ބުނެލިއެވެ. އެހިނދު ޔުނާ އިތުރު ކާއެތިކޮޅެއް ލައްވާލަދިނެވެ.

"ޕާސްތާއޭ؟ ވެއިޓް ތިއީ ކޮން ރެސްޓޯރެންޓެއް؟ ކޮން އަހަރެއްގަ ވީ ކަމެއް ތިއީ؟" ޔުނާ ހައިރާންކަން ވެރިވެގެން ދިޔަ ހިތަކާއެކީ ސުވާލުކުރިއެވެ.

"މިއީ މީގެ ތިން ވަރަކަށް އަހަރު ކުރިން. ސްޕައިސް ރެސްޓޯރެންޓް. އެމްސްޓަލް ސްޓްރީޓްގެ 14 ވަނަ ބްލޮކްއާ ދިމާލުގަ ކަންނޭނގެ އެތަން ހުންނާނީ. ޔުނޫ ދަންނަ ތަނަކީތަ އެއީ؟" ޒިހާން ސުވާލުކުރިއެވެ. އެ ސުވާލު ކުރިއިރު ވެސް ތަންކޮޅެއް ކުރިން ޔުނާ އޭނަ ގާތު އެމްސްޓާޑަމް އިން މީރުވި ޕާސްތާއެއްގެ ވާހަކަ ދެއްކި ހަނދާން އާވިއެވެ.

"އޯ މައި ގޯޑް.... ނޭނގޭ ބުނަންވީ އެއްޗެއްވެސް. އެއްރެއަކު އަހަރެން ޔުނިވާރސިޓީގެ ރެޒަލްޓް ލިބުނު ދުވަހަކު އެއް މާއްދާއަކުން ވަރަށް ދަށްވީމަ އަޕްސެޓްވެގެން ހުރެ ބަހުން ގެއަށް ދިޔަ މަގުމަތީގަ ފޭބުނީ ވެސް ނުބައި ސްޓޮޕަކަށް. އެކަން އެނގުނީމަ ވެސް ދެން ކުރަން ހުރި މަސައްކަތާމެދު ވިސްނާފަ ސްޓްރެސްވެގެން ހަމަ ކުޑަކޮށް ހިނގާލަން ހިތަށްއެރީ. ހިނގަމުން ގޮއްސަ ރެސްޓޯރެންޓެއްގަ އިށީނީ ވަކި ކާކަށް ނޫން. އެކަމަކު ވެއިޓަރު އައިއްސަ ކުޑަ މެނޫއެއް ދިނީމަ ޕާސްތާއަށް އޯޑަރު ދިނީ. ވަރަށް މީރުވި އެ ޕާސްތާ އައި ސްޓިލް ރިމެމްބާރ. ހަމަ މޫޑުވެސް ރަނގަޅުވެގެން ދިޔައީ. 10 ޔޫރޯގެ ޓިޕްއެއް ވެސް ދިނިން ވެއިޓަރަށާއި ޝެފްއަށް. އެހެން ކުޑަ ނޫޓެއް އަދި ކޮއިންއެއްވެސް ނެތީމަ އެރޭ.." ޔުނާ ކިޔައިދިނެވެ.

"ހެހެ.... އެއީ ހަމަ ޔުނޫ ދޯ؟ އެރޭ އެ ވެއިޓަރު އެ ބޮޑު ޓިޕް ހިފައިގެން އައިއްސަ ވަރަކަށް އަޅުވާވެސް ކިޔުނޭ އަހަންނާ ރެސްޓޯރެންޓަށް އައި އެ އަންހެން ކުއްޖާއާ. އަހަންވެސް އެހި އަހަރެން ދަންނަ ކުއްޖަކީތޯ. އަންހެން ކުއްޖާ ބުންޏޯ ވަކިން ހާއްޞަކޮށް ޝެފްއަށް ތެންކިއު ބުނާށޯ." ޒިހާން ހެވިފައި އިނދެ ވާހަކަ ދެއްކީ ޔުނާއާއި އެއްވަރަށް ހައިރާންވެފައިވާ ހާލުގައެވެ. ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ބަލަން ތިބެ ހެވުނީ ދެމީހުންގެ ދެމެދުގައިވި ގުޅުމުގެ ވަރުގަދަކަން އިހްސާސް ކުރެވޭ ހާލުގައެވެ.

ޒިހާން ހޮސްޕިޓަލުން ދޫކޮށްލެވުނީ އޭގެ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ. ދެމީހުން އެކުއެކީގައި ހޮސްޕިޓަލުން ނިކުންނަން ދިޔަ މަގުމަތީގައި ޒިހާން ކުއްލި ގޮތަކަށް މަޑުކޮށްލީ އެ ދެމީހުންނަށް ހަމަލާ އަމާޒުވި ރޭގެ މަތިން ހަނދާންކުރަމުންނެވެ. އެ މީހުން އެ ހަމަލާ އަމާޒުކުރީ ޔުނާއަށް ކަން ހަނދާންވުމުން ޒިހާން ޔުނާ ގާތު ފިހާރައަކަށް ހިނގާށޭ ބުނެލީ މަގުން ދާއިރު ޔުނާގެ މޫނާއި ގައިގެ ބޮޑުބައެއް ފޮރުވޭނެ ފަދަ ޖެކެޓެއް ގަތުމަށެވެ. ވޭތުވެ ދިޔަ ހަތަރު ދުވަސް ތެރޭގައި ދެމީހުންގެ ތެރެއިން އެކަކު ވެސް އެ ހަމަލާގެ ވާހަކަ ދައްކަން ޤަސްދެއް ނުކުރެއެވެ. ދެމީހުންގެ ވެސް ސިކުނޑީގެ ކަނެއްގައި އެ ވާހަކަ ވިއެއްކަމަކު އެ ހާސްކަމުން ދެމީހުންގެ ދެމެދުގައި ހޭދަކުރެވޭ އުފާވެރި ވަގުތުކޮޅުތަކަށް ނިމުމެއް ގެންނަން ބޭނުމެއްނުވީއެވެ. އަދި އަމުދުން އިތުރު ނުރައްކަލެއްގެ ހިލަމެއް ނުވީތީ އެ ވާހަކަ ނުދައްކަން އިތުރު ހިތްވަރެއް ލިބުނެވެ.

އެހެނަސް ހޮސްޕިޓަލުގެ ހަތަރު ފާރުން ނިކުންނަން ވުމުން ޒިހާން ޔުނާއާއިމެދު ކަންބޮޑުވީއެވެ. ޒިހާން އެ ކަންބޮޑުވުން ފާޅުކުރުމުން ޔުނާ ޒިހާންގެ އެދުމަށް އެއްބަސްވިއެވެ. އަދި ޒިހާންގެ އަތުގައި ހިފައިގެން ހޮސްޕިޓަލުން ނިކުންނަން ދިޔައެވެ.

ހޮސްޕިޓަލުން ނިކުތުމަށްފަހު ޓެކްސީއަކަށް އެރުމުގެ ކުރިން ޒިހާން ޔުނާ ގޮވައިގެން މަގު ހުރަސް ކުރިއެވެ. އެއަށްފަހު މަގުގެ އަނެއް ފަރާތުގައި ހުރި ގޯޅިތައް ހުރަސްކުރަމުން މިއީ ތިމަންނަ ދަންނަ ސަރަހައްދެއް ކަމަށް ޒިހާން ބުންޏެވެ. ޒިހާން އެހެން ބުނުމުން ޔުނާއަށް ވެސް ވަށައިގެން ބެލެން ފެށިއެވެ. މިއީ އޭނަ އެމްސްޓާޑަމްގައި ކިޔަވަމުން ދިޔަ ދެވަނަ އަހަރު އުޅެމުން ދިޔަ ޞަރަޙައްދުކަން ޔުނާއަށް އެނގުންވީ ޒިހާން އޭނައާއި އެކީގައި ގޯޅިއަކަށް އެޅުމުންނެވެ. ދާދި ދެންމެއަކު އެމީހުން ހިނގާފައި އައި މަގަށް ފުދޭ ވަރެއްގެ ބަދަލުތައް އައިސްފައިވިޔަސް އެ މަގަށް މާ ބޮޑު ބަދަލެއް އައިސްފައި ނެތެވެ. އޭނަ ކުރިން އުޅެމުން ދިޔަ 10 ބުރީގެ އިމާރާތް ފެނިގެން ދިޔުމާއެކު ޔުނާއަށް އެތަން އެނގިގެން ދިޔައީ އެހެންވެއެވެ.

ޒިހާން ޔުނާ ގޮވައިގެން ދިޔައީ އެ އިމާރާތުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ފިހާރައާއި ދިމާލަށެވެ. ޔުނާ މި ހިސާބުގައި އުޅެމުން ދިޔަ ދުވަސްވަރު މެދު ފަންތިއަށް ހުރި އެ ފިހާރަ ކޮންމެވެސް ވަރަކަށް ބޮޑު ކުރެވިފައިވީއިރު މިހާރު އެތާނގައި ތަފާތު އެއްޗެހި ހުންނާނެ ކަމަށް ވެސް ދެއްކިއެވެ. ޒިހާން ޔުނާ ގޮވައިގެން އެ ފިހާރައަށް ވަނުމާއެކު އެކަން ޔަޤީންވެގެން ދިޔައެވެ. އެހެނަސް އެ ކައުންޓަރުން ފެނިގެން ދިޔައީ ޔުނާ އެއްކަލަ ރޭ އެ ފިހާރައަށް ދިޔައިރު ހުރި މުސްކުޅި ފިރިހެން މީހާއެވެ. އެމީހާ ފެނިފައި ޔުނާ ޖެހިލުންވިއެއްކަމަކު ޒިހާން ފުރިހަމަ ހިނިތުންވުމަކާއެކީ އޭނަގެ އަތުގައި ހިފައިގެން ކައުންޓަރާއި ދިމާލަށް ދިޔައީ އެމީހާގެ ބަހުރުވައިން ބާއްޖަވެރި ހެނދުނަކަށް އެދެމުންނެވެ. ކައުންޓަރު ކައިރީގައި މަޑުކޮށްލަމުން ވެސް ޒިހާން ވަކި ހުއްޓުމެއްނެތި އެ ބަހުރުވައިން ވާހަކައެއް އަޅުވާލީ އެއީ ޒިހާން ދަންނަ މީހެއް ފަދައިންނެވެ. އެމީހާވެސް ޒިހާނާއި ވާހަކަ ދައްކަމުން ދިޔައީ ހިނިތުންވުންތަކާއެކީ ގައެވެ. ދެމީހުންގެ ވާހަކަތައް އަޑު އިވެމުން ދިޔަދިޔަހެން ޔުނާގެ ހަނދާނަށް އަންނަމުން ދިޔައީ އޭނައަށް އެ ފިހާރައިން ރަތްކުލައިގެ ކުޑަ ލިބުނު ރެއެވެ. ޔުނާއަށް އެކަމާއިމެދު ރަނގަޅަށް ނުވިސްނެނީސް ކައުންޓަރުގައި ހުރި މުސްކުޅި ފިރިހެން މީހާ ދެބުމަ ކައިރިކޮށް ނަންބަރު އައިނު ރަނގަޅުކުރަމުން އޭނައަށް ބަލަން ފެށި ގޮތުން ޔުނާއަށް އުދަގޫވިއެވެ. އެއަށްފަހު އެމީހާ ސުވާލެއް ކޮށްލީ ވެސް އޭނަގެ ބަހުރުވައިން ކަމަށްވިޔަސް އެހީ ކީކޭކަން ޔުނާއަށް ނަގައިގަނެވުނެވެ. ސުވާލުގެ ރާގަކަށް އެމީހާ އަހައިލީ މިއީ ކާކުތޯއެވެ. އެއާއެކު ޒިހާން ޔުނާގެ އުނަގަނޑުގައި އަތްއަޅުވައި ކައިރިކޮށްލަމުން ބުނެލީ މިއީ ތިމަންނަގެ އަނބިމީހާކަމަށް ކަން ޔުނާއަށް ނަގައިގަނެވުނެވެ. އެ ފިރިހެން މީހާ ދެންވެސް ޔުނާއަށް ބަލަން ހުރެ ހައިރާންކަމާއެކީ އެއްޗެއް ބުނެލުމުން ޒިހާންގެ ދެބުމަ ވެސް ކައިރިވިއެވެ. އިސާހިތަކު ޒިހާން ޔުނާއަށް ބަލައިލިއެވެ.

"ތެދެއްތަ ޔުނޫ؟ ޔުނޫ އެއްރެއަކު މިތަނަށް އައިއްސަ ފައިސާ ނުދީ ރަތްކުލައިގެ ކުޑައެއް ހޯދިންތަ؟" ޒިހާން ސުވާލުކުރިއެވެ.

"އަ.... އާނ އެކަމަކު ހަމަ އޭގެ އަނެއްދުވަހު ފައިސާ ދޭންވެގެން އައިން. އެކަމަކު އޭގެ ކުރިން އެ ކުޑަ ގަތް މީހާ ފައިސާ ދީފަ ހުރީ. ވަރަށް މަސައްކަތް ކުރިން އެމީހާ ފެނޭތޯ ވެސް އެކަމަކު....." ޔުނާގެ ވާހަކަ މެދުކެނޑުނީ ޒިހާން މަޑުމައިތިރި އަޑަކުން އޭނަގެ ނަމުން ގޮވާލުމުންނެވެ. ޔުނާ ޒިހާނަށް ބަލައިލުމުން ޒިހާން ވާހަކަ ދެއްކިއެވެ.

"އެއީ އަހަންނޭ....." ޒިހާން ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއާއިއެކު ލިބިގެން ދިޔަ ހައިރާންކަމާއެކީ ދެލޯ ބޮޑުވީ ހިނދު އަނގަމަތީގައި އެއްއަތް ވެސް އަޅާލެވުނެވެ. ޒިހާން ދެންމެ އެ ޤައުމުގައި ބަހުރުވައިން ވާހަކަ ދެއްކިއިރު އެއީ އޭނަ ދަންނަ އަޑެއްހެން ހީވީ ކީއްވެކަން ވެސް އެވަގުތު އެނގުންވިއެވެ. އަޖާއިބުވެފައިވާ ހާލު އެއްޗެކޭ ބުނަން ނޭނގިފައި ވަނިކޮށް އެ މުސްކުޅި މީހާ ހެވިފައިހުރެ އެއްޗެކޭ ބުނުމުން ޒިހާން ހީލުމަކާއެކީ ޔުނާގެ ގައިގެ އެއްފަރާތުން ބައްދާލިއެވެ.

"ކީކޯ؟" ޔުނާއަށް އަހައިލެވުނެވެ.

"ވީ އާރ މޭޑް ފޯ އީޗް އަދާރ ޔޯ...." ޒިހާން ބުނެލިއެވެ. އެއަށްފަހު ޔުނާ ގޮވައިގެން ފިހާރައިގެ އަނެއްފަރާތަށް ދާންފެށީ ޔުނާއަށްދޭން ޖެކެޓެއް ގަތުމަށެވެ.

ޒިހާން ޔުނާއާއެކީ ފިހާރައިން ނިކުތީ އޭނަ ޔުނާއަށް ގަނެދިން ފެހި ކުލައިގެ ހުޑީ ޖެކެޓް ޔުނާ ލައްވައި ދިނުމަށް ފަހުގައެވެ. ފިހާރައިން ނިކުމެވުނު ހިނދު ޔުނާގެ ހައިރާންކަން ހިސާބަކަށް ހަމައަކަށް އެޅުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.

"އެއީ އެރޭ ޒިހާން ކާކަށް ދޭންވެގެން ގަތް ކުޑައެއް؟ އޭގަ އޮތް ނޯޓްކޮޅެއް ވެސް ހަރުކުރެވިފަ...." ޔުނާ ޒިހާނާއެކީ ހިނގަމުން އެހެން އަހައިލީ ތިރިއަށް ނަޒަރު ހުއްޓައިގެން ހުރެއެވެ.

"ބިލީވް އިޓް އޯރ ނޮޓް އެއީ އަހަރެން ހަމަ ޔުނޫއަށް ދޭން ގަތް އެއްޗެއް. އެ އަހަރުގެ ކުރީކޮޅު އަހަންނަށް ޔުނޫ ފެނުނީ މާލޭގެ މަގަކުން ވާރޭގެ ތެރެއިން ހިނގާފަ ދިޔަ މަންޒަރު. އަދިވެސް ހަނދާން އެބަވޭ. އަހަރެން ގޭގަ ހުރެފަ ގެ ކައިރީގަ ހުންނަ ފިހާރައަކަށް ދިޔައީ ދިޔައީ ކުޑައެއް އަޅައިގެން. ދަނިކޮށް މަގުގެ އަނެއްފަރާތުން ޔުނާ ޕޭވްމެންޓް މަތިން ލަސްލަހުން ހިނގަމުން ދިޔަތަން ފެނުނީ. އެއީ ޔުނާ ބުރުގާ އަޅައިގެން ހުރިތަން އަހަންނަށް ފެނުނު ފުރަތަމަ ފަހަރު. އެކަމާމެދު އުފާވިއިރު ޔުނޫގެ ރީތިކަން ވެސް ހިތަށްއެރި. އެކަމަކު ޔުނޫ އެހާ އެކަނިވެރިކޮށް ދެރަވެފަ ހުރެ ހިނގަމުން ދިޔަތަން ފެނުނީމަ މަޑުވެސް ކޮށްލެވުނު. ހިތަށްއެރީ ކީއްވެބާއޭ ޔުނޫ އެހާ ދެރަވެގެން އުޅުނީ. ހަމަ އެވަގުތު ޔުނޫ އެތާ ކައިރީގަ ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުން އަމިއްލަ ސޫރައަށް ބަލައިލި ގޮތުން ހައިރާންވެސްވި. ޔުނޫ އަދި ބުރުގާ އެޅީމަ ކިހާ ރީތިކަން ޔުނޫއަށް ނޭނގެނީތޯ ހިތަށްއެރީ. ވަރަށް ދާންވެސް ބޭނުންވި ޔުނޫ ކައިރިއަށް. އެކަމަކު ޖެހިލުންވި. ދެން އެފަހުން މިކޮޅަށް ފުރުމުގެ ތައްޔާރީތަކާއިގެން ބިޒީވެސްވީ. އަނެއްކާވެސް އެދުވަސް ހަނދާންވެގެން ދިޔައީ އެ ފިހާރައަށް އެރޭ ގޮސް އެ ރަތްކުލައިގެ ކުޑަ ފެނުނީމަ. ދެން އޭތި ގަނެގެން އޭގަ އަޅުވަން އެ ނޯޓުކޮޅު ލިޔުނީ ވެސް އަމިއްލައަށް.... އެ ބޭބެ އެ ނޯޓުކޮޅު ހަރުކޮށް ނިމުނު ތަނާ އެ ނުދަންނަ އަންހެން ކުއްޖާ ފިހާރައަށް ވަދެގެން އައީ. ވާރޭގެ އަޑު އިވެމުން ދިޔައީތީ އަސްލު އަޑު ރަނގަޅަށް ސާފުނުވީ. އެކުއްޖާ އެހާ ބޭނުންވެގެން އައިމަ ހިތަށްއެރީ ދޭނީއޭ. ޔުނޫއަށް ދޭން އެއަށްވުރެ ރީތި އެއްޗެއް ގަންނާނީއޭ. އެކަމަކު ކަން ދިމާކުރި ގޮތުން އޭތި ލިބުނީ ހަމަ ޔުނޫއަށް. ލަކީ ގާލް! ހެހެ......." ޒިހާން އެ ވާހަކަ ކިޔައިދިނުމަށްފަހު ހީލިއެވެ. އެއާއެކު ޔުނާއަށް ވެސް ހީލެވުނެވެ.

"އަސްލުވެސް ވަރަށް ލަކީ. ހަމަ ހަޤީޤަތުގަ ވެސް އެ ނޯޓުކޮޅުގަ ހުރި ބަސްތަކުން އަހަންނަށް އެރޭ ބޭނުންވި ހިތްވަރު ލިބުނު. ޕްރޮބެބްލީ ޒިހާން ތި ބުނާ ދުވަހަކުވެސް އަހަރެން ދެރަވެފަ ހުންނާނީ އެމީހެއްގެ ބަސް އަޑު ނާހަން ޖެހޭ މީހެއްގެ ބަހަށް ހެއްލިގެން. އެކަމާމެދު މިހާރު ވިސްނާކަށް ވެސް ބޭނުމެއް.... އެކަމަކު ޒިހާން. ފަހުން ކީއްވެ އަހަރެން ޒިހާންއާ ބައްދަލުނުވީ އޭގެ އަނެއްދުވަހު؟ ފިހާރައަށް ގޮއްސަ އެހީމޭ އެމީހާ އުޅެނީ ކޮންތާކުހޭ ވެސް." ޔުނާ ސުވާލުކުރިއެވެ.

"އެއީ.... އެރޭ އަހަރެން ދިޔައީ މި ހިސާބާއި ދުރު ހިސާބެއްގަ ހުރި ހޮސްޕިޓަލަކަށް ކޮންމެވެސް ކަމަކު. އެތަނަށް ގޮއްސަ ހުއްޓާ.....ވަރަށް ބޮޑަށް ބަލި...."

"އެންޒައިޓީ އެޓޭކެއް ޖެހުނީދޯ؟" ޔުނާ ކުއްލި ގޮތަކަށް އެހެން ބުނެލީ އެރޭ އެއްކަލަ ވޯޑުގައި ހުރި ސޯފާގެ މަތީގައި އޮތް މުށިކުލައިގެ ޖެކެޓު މަތިން ހަނދާން ކުރަމުންނެވެ.

"ކިހިނެއް އެނގުނީ؟" ޒިހާން ހައިރާންކަމާއެކީ ސުވާލުކުރިއެވެ.

"ބައްޕައަށް ލިވާރ ޑޮނޭޓް ކުރަން ގޮއްސަ ހުރި ޕޭޝަންޓެއް. ހަމަ އެ ބައްޕަ ފެނިފަ އެޓޭކެއް ޖެހުނީ. ޖެހިގެން އެރޭ އޭނަ ހަމައަކަށް އެޅުނީވެސް އެޑްމިޓް ކޮށްގެން ބޭސްދީގެން. އެންމެ ފުރަތަމަ ކައުންސެލާރ ވޯޑަށް ވަންއިރުވެސް ވޯޑުގެ ބޮކިތައް ނިއްވާލާފަ ބަލިމީހާ ހުރީ ބިންމަތީގަ އިށީނދެގެން. ކައުންސެލާރ ވާހަކަ ދެއްކީމަވެސް ބަލިމީހާ ކައުންސެލާރއަށް ބަލައެއް ނުލި. އެއަށްފަހު ޑޮކްޓަރ ލެސްލީ އޭގެ އަނެއްދުވަހުން ފެށިގެން ބަލިމީހާއަށް ފަރުވާ ދޭންފެށީ." ޔުނާ ކިޔައިދިނުމަށްފަހު ޒިހާނަށް ނަޒަރު ހުއްޓައިލި ހިނދު ޒިހާންގެ ފިޔަވަޅުތައް ވެސް މިފަހަރު މަޑުޖެހުނެވެ.

"ސުބްޙާނަ ﷲ! ކިތައް ފަހަރުތަ ދެމީހުން ދިމާވެފަ ހުރީ؟" ޒިހާން އެހިއެވެ.

"ނޭނގެ.... އެނގޭ ކަމަކީ ނޭނގިވެސް ޒިހާނާއި ދިމާވި ހުރިހާ ދުވަހެއްގަ އަހަންނަށް އުފަލެއް ލިބުނުކަން...." ޔުނާ ލުއި ހިނިތުންވުމަކާއެކީ ބުންޏެވެ. ޒިހާން ލުއި ހީލުމަކާއެކީ އެ ވާހަކައަށް ބޯޖަހައިލިއެވެ.

"އަހަންނަށް ވެސް..." ޒިހާން ބުންޏެވެ. އެއަށްފަހު އޭނަ ހިފައިގެން ހުރި ޔުނާގެ އަތް ހިއްލައި އެ އަތަށް ބޮސްދިނެވެ. އެއަށްފަހު އަނެއްކާވެސް ލޯބީގެ ބަސްތައް އެދެމެދުގައި ބަދަލުވެގެން ދިޔައީ ހިނިތުންވުންތަކާއި އެކީގައެވެ. އެހިނދު އެދެމީހުންނަށް ކުރިމަތިވާން އުޅޭ ދެވަނަ ޠޫފާނުގެ ހިލަމެއް ވެސް އެމީހުންނަށް ނުވެއެވެ.

**

"އަހަރެން މި ބުނަނީ ފަހު ފަހަރަށް ޖިނާހު! އެ ދެމީހުންކުރެ އެކަކަށް ވެސް އެއްވެސް އަނިޔާއެއް ދޭން މަ ދެން ޚިޔާލެއް ނުކުރާނަން. ޒިހާނަކީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު. ޔުނާއަކީ އޭނައަށް ވަފާތެރި އަންބެއް. ޔުނާއަށް ކަމެއް ކޮށްފިއްޔާ ޒިހާނަށް ވާނެގޮތް އަހަންނަށް ލޯކުރިމަތިން ފެނިއްޖެ. އަހަންނަށް އަދިވެސް އެކަމަށްޓަކައި އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭ!" ޙަމީދު އައިސްފައިވި ރުޅީގައި ހަރުއަޑުން އެ ވާހަކަ ދެއްކީ ސިޓިންގް ރޫމުގެ މެދުގައި ކޮޅަށް ހުރެއެވެ.

"ދެން؟! ދެން ޙަމީދުބެ ބޭނުންވަނީ ކީއްކުރަން؟ އަހަންނާއި ބައްޕަ ދިން ލާރި ބޭކާރު ގޮތުގަ ތަޅާލަން. ކޮބާ ބައްޕައަށް ޙަމީދުބެ ވި ވަޢުދު. މިހާރު ހަމީދުބެ ބުނެގެން ހަތިޔާރުތައް މާލެއަށް ގެނެވި ހުރިހާ ކަމެއް ތައްޔާރަށް ހުރީ. ބައްޕަ ބޭނުމިއްޔާ ސިކުންތުކޮޅެއްގެ ތެރޭގަ ހަމީދުބެ ކުޑަގޮޅިއެއްގެ ތެރެއަށް ލެވިދާނެކަން ހަނދާން ބަހައްޓާތި!" ޖިނާހުވެސް ކޮޅަށްހުރެ ވާހަކަ ދެއްކި އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއި އެކީގައެވެ. ޒިހާނަށް ހަމަލާ އަމާޒުވި ރެއަށްފަހު ޙަމީދުބެއަށް އައި ބަދަލާއިމެދު ޖިނާހުވަނީ ހިތްހަމަނުޖެހިފައެވެ. ޒިހާނަށްޓަކައި އެމްބިއުލާންސަކަށް ގުޅީ ވެސް ޙަމީދުބެ އަމިއްލައަށް ހިނގާފައި ނެޓްވޯކް ލިބޭ ހިސާބަކަށް ގޮސް ގުޅުމުންނެވެ. ޒިހާން އެމްބިއުލާންސަށް އެރުވުނު ވަގުތު ޙަމީދުބެ އެދިމާލަށް ބަލަން ހުރި ގޮތުން ވެސް ޖިނާހުގެ ރުޅިވެރިކަން ދެގުނަވިއެވެ. އޭނަ ބޭނުންވާ ގޮތް ޙަމީދުބެ ބޭނުންވާ ގޮތަށް ނުވެދާނެކަމުގެ ބިރު ހީވާންފެށީ އެ ވަގުތުކޮޅުން ފަށައިގެންނެވެ.

ޖިނާހުގެ ވާހަކަތައް އަޑުއެހި ޙަމީދު އިރުކޮޅެއް ވަންދެން ހިމޭނުން ހުރުމަށްފަހު ވާހަކަ ދެއްކިއެވެ.

"ޒިހާނާއި ޔުނާއަށް އަނިޔާ ނުކޮށްވެސް އަހަރެން މި ރޭވުން ކާމިޔާބު ކުރާނަން. ޒިހާނަށް ހެޔޮ އެދުނަސް އަހަރެން މި ރޭވުމަށް ފަސްދޭކަށް ނެތިން. ދިހަ ދުވަސް ތެރޭގަ މާލެއަށް ފުރަން ތައްޔާރުވޭ." ޙަމީދު މަޑުމައިތިރި އަޑަކުން އެހެން ބުނުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އެހިނދު ޖިނާހުގެ ދަތްކުނޑި ވިކި ގޮއްމުއްކެވުނެވެ. ޙަމީދު ލޯމައްޗަށް ގެއްލުނު ވަގުތު ނޫނެކޭ ޖިނާހުގެ ހިތަށްއެރިއެވެ. މި ރޭވުން ނިމޭއިރު އޭނަ ޒިހާނާއި ޔުނާއަށް ވެސް ނިމުމެއް ގެންނާނެ ކަމަށް އަމިއްލަ ނަފްސާއި ވަޢުދުވިއެވެ.

(ނުނިމޭ)