ފަހަކަށް އައިސް ބައެއް މީޑިއާތަކުން ބަދުއަހުލާގީ އަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް ޝާއިއުކުރާ ކަމަށާއި އެފަދަ މީޑިއާތަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.
އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ބައެއް މީޑިއާތަކުން ބަދުއަހުލާގީ އަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް ޝާއިއުކުރާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ކައުންސިލްގެ ގާނޫނުގައި "ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތިން ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެމްސީގެ ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.
"ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާއި މުޖުތަމައުގެ އާއްމު އަހުލާގީ މިންގަނޑުގެ ބޭރުން އަނިޔާވެރިކަމާއި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް އަމަލުކުރާ މީޑިއާތަކާއި ބަދުއަހުލާގީ އަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަމަށް މަގުފަހިވާ ފަދަ ގޮތަކަށް އަމަލުކުރާ މީޑިއާތަކާމެދު މި ކައުންސިލުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއަޅާނެ ވާހަކަ ދަންނަވަން،" އެމްއެމްސީން ބުންޏެވެ.
އިންޓަނެޓްގެ ޒަރިއްޔާއިން ވެބްސައިޓާއި މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހަބަރާއި މައުލޫމާތު ފެތުރުން ފުޅާވެފައިވާ ޒަމާނެއްގައި ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އަހުލާގީ ގޮތުން ދަށް ފެންވަރުގެ ލިޔުންތައް އާންމުވުމުގެ ސަބަބުން ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ ޒަރިއްޔާއިން ފުރާވަރުގެ ކުދިންނަށް ނޭދެވޭ އަސަރުކުރާކަމުގެ ކަންބޮޑުވުން ކަމާ ގުޅުން ހުރި ފަރާތްތަކުން ހިއްސާކުރަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.
"އަދި ބައެއް ފަހަރު މިފަދަ ކޮންޓެންޓްތައް އެ ކޮންޓެންޓެއް ތައްޔާރުކުރި މީޑިއާއަކުން ނެގި ނަމަވެސް އިންޓަނެޓްގެ ޒަރިއްޔާއިން ޝެއާ ކުރެވޭތީ ޒަމާންތަކެއް ވަންދެން އެފަދަ ލިޔުންތައް އާންމުންނަށް ފެންނަން ހުރޭ. މިއީ މިކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް،" ބަޔާނުގައިވެއެވެ.
އެމްއެމްސީން ބުނީ ބައެއް މީޑިއާތަކުގައި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާއި މުޖުތަމައުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފު ލިޔުންތަކާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ލިޔުންތައް އަދި މިނޫނަސް އެއްވެސް ހަގީގަތެއް ނެތް ތޯތޯ ވާހަކަތަކުގެ މައްޗަށް ބިނާކޮށްވެސް އެކި ބާވަތުގެ ލިޔުންތައް ޝާއިއުކުރާ ކަމަށެވެ. އެފަދަ ކަންކަމުގެ ޝަކުވާ އާންމު ފަރާތްތަކުން ލިބެމުން އަންނަ ކަމަށްވެސް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނީ ދިވެހި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުންވެސް އަބަދުވެސް އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އިޖުތިމާއީ އަހުލާގު ދަމަހައްޓައި، ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓަން ޖެހޭ ކަމަށެވެ.
"މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމާއި އަހުލާގީ ގޮތުން ދަށުދަރަޖައިގެ ވާހަކަތަކާއި ލިޔުންތަކަކީ ނޫސްވެރިކަމުގެ އެތިކްސް ނުވަތަ އަހުލާގީ ހަމަތަކާ ކަނޑައެޅިގެން ހިލާފު ކަމެއް،" ބަޔާނުގައި ވެއެވެ.
އެހެންކަމުން ނޫސްވެރިކަމުގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންވިޔަސް އަދި ނުކޮށްވިޔަސް މިދެންނެވި މަތިވެރި އުސޫލުން ބޭރުން މީޑިއާގެ އެކި ވަސީލަތްތައް ހިންގަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން އިހުލާސްތެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތް ކުރާ އެތައް ބަޔަކަށް ބަދުނާމާއި ނުހަނު ގިނަގުނަ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށްވެސް މީޑިއާ ކައުންސިލުން ބުންޏެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް