ޑިސެންބަރު 26، 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި 25،593 ދަރިވަރަކަށް އަސަރުކުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ "ސުނާމީއަށް ހޭލުންތެރި ކުރުވުމުގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން ދެއްވި ހިތާބުގައެވެ. މިއަދަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ "ސުނާމީ އެވެއާނެސް ޑޭ" ނުވަތަ "ސުނާމީއަށް ހޭލުންތެރި ކުރުމުގެ ދުވަސް" އެވެ.
މިނިސްޓަރު ވިދާޅުވީ 2004 ވަނަ އަހަރު ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި 108 ދިވެއްސަކު ނިޔާވެފައިވާ ކަމަށާއި މީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ތެރެއިން 32 ކުދިންނަކީ އުމުރުން ތިން އަހަރާއި 15 އަހަރާ ދެމެދުގެ ސްކޫލް އުމުރުފުރާތަކުގެ ކުދިން ކަމަށެވެ.
މި ކާރިސާގެ ސަބަބުން ތައުލީމީ ދާއިރާއަށް ޖުމްލަ 5.15 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި އެގޮތުން ރާއްޖޭގައި ހުރި 315 ސްކޫލްގެ ތެރެއިން 114 ސްކޫލަކަށް އަސަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ނުވަ ސްކޫލެއް އެއްކޮށް ނެތި ގޮސް، 31 ސްކޫލަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި 24 ސްކޫލުގެ ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެތި އެއްކޮށް ނެތި ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ކާރިސާގައި މާލެއާއި އަތޮޅުތެރޭގެ 28 ސްކޫލެއް ވަނީ ރައްކާތެރި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތަކެއްގެ ގޮތުގައި ބޭނުންކުރެވިފައި. އެކި ގޮތްގޮތުން ސުނާމީގެ އަސަރު 25،593 ދަރިވަރުންނަށް ކޮށްފައިވޭ. އަދި ސްކޫލުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން 5،437 ދަރިވަރުން ވަނީ ކިޔެވުމުން މަހުރޫމްވެފައި. އަދި 1،321 ދަރިވަރުންގެ ދިރިއުޅުން ވަގުތީ ހިޔާތަކަށް ބަދަލުވި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ ސުނާމީއަށް ހޭލުންތެރި ކުރުމުގެ ދުވަސް ފާހަގަކުރެވޭ އެއް ސަބަބަކީ ރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމަށްވާ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ހަނދާންތައް އާކުރުމާއި އޭގެން އިބުރަތް ހާސިލުކޮށް ދުރާލާ ތައްޔާރުވުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
"ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާވާ ކުޑަކުދިންނާއި ޒުވާނުންނަކީ ސުނާމީއަށް ހޭލުންތެރި ބަޔަކަށް ހެދުމާއި މުޖުތަމައުގެ ކާރިސީ ހިރާސް ކުޑަކުރުމާއި ކާރިސާތަކަށް ސްކޫލުތަކުގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުން ވެސް މި ދުވަސް މި ފެންވަރުގައި ފާހަގަކުރުމުގެ މަގުސަދުތަކުގައި ހިމެނޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދަރިވަރުން މިފަދަ ހާދިސާތަކަށް ހޭލުންތެރި ކުރުމަށް ސްކޫލް އެމަޖެންސީ އޮޕަރޭޝަން ޕްލޭންތައް ރާއްޖޭގެ ހުރިހާ ސްކޫލަތަކެއްގައި އެކުލަވާލައި، އެންޑޯސްކޮށް ތަންފީޒުކުރެވެމުން އަންނަ ކަމަށެވެ. އަދި ފަޔާ ޑްރިލް އާއި އިވެކުއޭޝަން ޑްރިލްތައް ކުރިއަށްގެންދާ ކަމަށާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަފްހޫމް ކަރިކިޔުލަމްގައި ހިމަނައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާ ގުޅިގެން ރާއްޖޭގެ އަތޮޅުތެރޭ ސްކޫލްތަކުގައި އިޖާބަ ދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު