Close
ޚަބަރު

ސްޓޫޑިއޯއެއްގެ ތެރޭ އަންހެނަކު ރޭޕްކުރި މައްސަލަ ސާބިތުވެ، ކުރެހުންތެރިޔަކު 15 އަހަރަށް ޖަލަށް

ސްޓޫޑިއޯއެއްގެ ތެރޭ އަންހެނަކު ރޭޕްކުރި މައްސަލަ ސާބިތުވެ، ކުރެހުންތެރިޔަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގދ. ތިނަދޫ، ހުޅަނގުގެ، ހަސަން ފާއިޒު ރޭޕްކުރި ކަމަށް ތުހުމަތުކޮށް ޖެނުއަރީ 2018ގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ރޭޕްގެ ޝިކާރަކަށްވި އުމުރުން 19 އަހަރުގެ އަންހެން މީހާއަކީ ވެސް ކުރެހުންތެރިއެކެވެ. ހަމަ އެ މަހުގެ ތެރޭގައި ފުލުހުން މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާކުރަން ފޮނުވުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލައިގައި ދައުވާކޮށް، 2018ގެ ފެބްރުއަރީ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އެ އަންހެން މީހާ ރޭޕްކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ވަނީ ހަސަން އެ އަންހެން ކުއްޖާ ރޭޕްކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ މައްސަލައިގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ ބުނެފައިވާ ގޮތުގައި އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް ހަސަންގެ ސްޓޫޑިއޯއަށް ގެންގޮސް ވަނީ ރޭޕްކޮށްފައެވެ. އަދި އެކަން ސިއްރުކުރުމަށް ހަސަން 16،000 ރުފިޔާ ހުށަހެޅި ކަމަށް ވެސް އެ އަންހެން މީހާ ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ކޮއްކޮއެއް ކަމަށްވާ ހަސަން ވަނީ އޭނާގެ މައްޗަށް ކުރަމުންދިޔަ ތުހުމަތުތައް އޭރު ދޮގުކޮށްފައެވެ.