(02 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ރަމީކިއްޔާއާ ކާވެނިބައްލަވައިގެންނެވުމަށްފަހު مـعتـمد ގެ ކޮންމެ ފަތިހަކީ އުފާވެރިކަމުގެ ފަތިހެކެވެ. ކޮންމެ ރެއަކީ އަރާމާއި، މަޖަލުގެ ރެއެކެވެ. ރަމީކިއްޔާއަކީ އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ. ބަހުގެ ފޮނިކަމާއި، ރީތި އަދާތަކާއި، ހާޒިރު ޖަވާބުގައި މިސާލެއް ނެތްފަދަ ކުއްޖެކެވެ. مـعتـمد އޭނާގެ ޙަޔާތްޕުޅުގެ އެންމެ އިސްވާޖިބެއް ކަމުގައި ބައްލަވަނީ ރަމީކިއްޔާގެ ހިތްއެދޭ ކޮންމެ ކަމެއް ފުރިހަމަކޮށްދެއްވުމެވެ. ޙައްޤު ބަސްބުނާ މީހުންތިބީ ކުޅިވަރާއި، މަޖަލުގައި. مـعتـمد ހައްޔަރުކުރުވީތީ ރަމީކިއްޔާ ދެކެ ނުރުހިފައެވެ. ނަމަވެސް އެފަދަ ޝަކުވާތަކަށް ރަމީކިއްޔާގެ ފަރާތުން އޮންނަހައިވެސް ޖަވާބަކީ ނިކަމެތިކޮށްލުމާއި ދެރަކޮށްލުމުގެ ހިނިތުންވެލުމެކެވެ. مـعتـمد ތަޚުތަށް އިސްވެވަޑައިގަތުމަށްފަހު ރަމީކިއްޔާގެ ކޮންމެ އިޝާރަތަކީ ދައުލަތް ފުރަމާނައާ ގުޅިފައިވާ އަމުރުފުޅެކެވެ. މިހާރު مـعتـمد ގެ ދިރިއުޅުއްވުމަކީ ހުރިހައި ގޮތަކުންވެސް ޝާޢިރެއްގެ ހުވަފެންފުޅެކެވެ. ޅެމާއެކު ހަވީރު ކުރުމާއި، ލަވަކިޔުމުގެ މަޖްލިސްތަކާއި، ޖާފަތްތަކުގެ އިންތިޒާމު ހަމަޖައްސަވަނީ إبـن عمّـار އެވެ. ގަނޑުވަރުތެރޭގެ ފާގަތިކަމާއި، ކުޅިވަރާއި މަޖަލުގެ ހުރިހައިކަމެއްވެސް ރަމީކިއްޔާ ވަނީ އޭގެ އެންމެ މަތީދަރަޖައަށް ގެންދަވައިފައެވެ. މުފައްކިރުންނާއި، ސިޔާސީ ވިސްނުންތެރީންނާއި، ޢިލްމުތަކާއި ފަންނުތަކުގެ މާހިރުން ތިއްބެވީ ޝާހީ ގަނޑުވަރުގެ ކައްކާ މީހުންނާއި ފަރީއްކޮޅުވަތްކުރާ މީހުންނާއި، ތަބުލާޖަހާ މީހުންގެ ނަސީބު ރަނގަޅުކަމާމެދު ހަސަދަވެރިވެވަޑައިގެންފައެވެ.

ޤުރުޠުބާގެ ހައިބަވަންތަ ބޮޑުރަސްކަން އެއްދުވަސްވަރެއްގައި މެޑިޓެރޭނިޔަން ކަނޑުގެ އައްސޭރީން ފެށިގެން ޕައިރެނީޒް ފަރުބަދަތަކާ ހަމަޔަށް ފެތުރިފައިއޮތެވެ. ނަމަވެސް މިހާރު ޤުރުޠުބާގެ ރަސްކަމަކީ އަންދަލުސުގެ ކުޑަކުޑަ އަވަށެއްގެ މައްޗަށް ބިނާވެފައިއޮތް ރަސްކަމެކެވެ. އެރަސްކަމާއި، އެދައުލަތުގެ ކީރިތި މޫރިތިކަން މާޒީގެ ހަނދާނަކަށްވެފައި އޮތްއިރުވެސް އުމަވީންގެ ފަޚުރުވެރި ވެރިރަށާ މުޚާޠަބުކުރެވެނީ "ރަށްތަކުގެ ރާނީ" ޝަރަފުވެރި ނަމުންނެވެ. އަންދަލުސުގެ މުލޫކުއްޠަވާއިފުންގެ ތެރޭގައި އެރަށް ހިއްޕަވަން ބޭނުންފުޅުނުވާ އެއްވެސް ރަސްކަލަކު ނެތެވެ.

އިޝްބީލިއްޔާގެ ރަސްގެފާނު معـتـمـد އާއި، ޠުލައިޠުލާގެ ރަސްގެފާނު ذوالـنّــون އަކީ މުލޫކުއްޠަވާއިފުގެ ތެރެއިން އެންމެ ބާރުފުޅުގަދަ ދެބޭފުޅުންނެވެ. އެ ދެބޭފުޅުންގެވެސް ހުވަފެންފުޅަކީ އަންދަލުސުގެ ޝަހެންޝާހަކަށް ވެވަޑައިގެންނެވުމެވެ. އެހެންކަމުން އެއިން ކޮންމެ ބޭފުޅެއްގެ ނަޒަރުގައިވެސް ޤުރުޠުބާއަކީ އެބޭފުޅެއްގެ ޙައްޤެކެވެ. ނަތީޖާއެއްގެގޮތުން އެއްފަރާތަކުން معـتـمـد އަނެއްފަރާތުން ذوالـنّــون ޤުރުޠުބާގެ ސަރަޙައްދަށް ލަޝްކަރު ޖަމާކުރައްވަމުން ގެންދެވިއެވެ. މިހާރު ސުވާލަކީ އިސްނަންގަވާނޭ ބޭފުޅެއްގެ ސުވާލެވެ. ذوالـنّــون ބިރުފުޅުވެވަޑައިގަންނަވާނީ އޭނާ އިސްވެ ޙަމަލަދެއްވައިފިނަމަ ޤުރުޠުބާގެ އަހުލުވެރީންނަށް އެހީވެދެއްވަން معـتـمـد ލަޝްކަރު ފޮނުއްވަފާނެތީއެވެ. އަދި ކީއްތޯއެވެ. ސީދާ ޠުލައިޠުލާއަށް ޙަމަލަ ދެއްވަންވެސް ފަސްޖެހިވަޑައި ނުގަންނަވާނެތީއެވެ.

ޤުރުޠުބާގެ ތަޚުތަށް ދަޢުވާކުރާ ޖަމާޢަތް ދުވަހެއް ދުވަހަކަށް ބައިބޯވަމުންދާތީ އެކަމާ އުނދަގޫފުޅުވެވަޑައިގެން ޤުރުޠުބާގެ ޢިލްމުވެރީންނާއި ރައްޔިތުންގެ އަޣުލަބިއްޔަތުވަނީ إبــن جـهــور ޤުރުޠުބާގެ ތަޚުތަށް އިސްކޮށްފައެވެ. އޭނާއަކީ އުމުރުފުޅުން ދުވަސްވީ ސިޔާސީ ބޭފުޅެކެވެ. ދުވަސްކޮޅެއްވަންދެން ރަސްކަން ހިނގަމުންދިޔައީ ޢިލްމުވެރީންގެ މަޝްވަރާ މަޖިލީހެއްގެ ސައްލާއާއި ލަފާގެމަތީންނެވެ. ނަމަވެސް إبــن جـهــور ގެ ދަރިކަލުން عبـدالمـلـك އޭނާގެ ބައްޕާފުޅު ދައުލަތުގެ ކަންކަމުން ފޭކުރައްވައި ރަސްކަމުގެ ހުރިހައި އިޚުތިޔާރުތަކެއް އޭނާގެ މުށްޕުޅު ދަށުލައްވައިފިއެވެ. ނަތީޖާއެއްގެގޮތުން ޤުރުޠުބާގެ ރަސްކަމުގެ ޖުމްހޫރީ ސިފަ ގެއްލިއްޖެއެވެ. މަޖްލިސުއްޝޫރާއަކީ އާދެ މަސާހިބު ދަންނަވާ މީހުންގެ ބައިގަނޑަކަށް ވެއްޖެއެވެ.

އެދުވަސްވަރު ذوالـنّــون ޤަޞްޠިލާގެ ކްރިސްޓިއަން ރަސްގެފާނު އަލްފާންސޫ ހަޔަކާ އެގްރީމެންޓެއް ކުރެއްވިއެވެ. އޭނާ ޤުރުޠުބާއަށް ޙަމަލަދެއްވާއިރު معـتـمـد އާ ކުރިމަތިލައްވާން ޖެހިވަޑައިގެންފިނަމަ އަލްފާންސޫ، ذوالـنّــون އަށް އެހީވެވަޑައިގަތުމުގެ އެގްރީމެންޓެކެވެ. އެދުވަސްވަރު إبــن جـهــور އަށް ޤުރުޠުބާގެ އާންމުންގެ ތާއީދު އޮތެވެ. އެހެންކަމުން އަލްފާންސޫގެ ޙިމާޔަތުގެ ޔަގީންކަން އޮތުމާއެކުވެސް ޤުރުޠުބާއަށް ޙަމަލަދެއްވާކަށެއް ذوالـنّــون އަކަށް ކެރިވަޑައެއް ނުގެންނެވިއެވެ. ނަމަވެސް عبـدالمـلـك ވެރިކަމާ ހަވާލުވެވަޑައިގެން އާއްމުން އޭނާއާ ދެކޮޅަށް ބަޣާވާތްކުރާން ތައްޔާރުވި ޚަބަރު ލިބިވަޑައިގަތުމާއެކު ذوالـنّــون ޤުރުޠުބާއަށް ޙަމަލަ ދެއްވައިފިއެވެ. އެއީ معـتـمـد ވަރަށް ކޯފާއިސްވި ކަމެކެވެ. އޭނާއަށް ކެތްކުރައްވަން ދަތިފުޅުވި ކަމެކެވެ. ނަމަވެސް އޭނާއަކަށް އެއްވެސް ފިޔަވަޅެއް އަޅުއްވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ.

ޤުރުޠުބާގެ އަހުލުވެރީން ނުހަނު ބިކަހާލެއްގައި ތިބުމާއެކުވެސް އަލްފާންސޫގެ ޑޯލާ ރަސްކަލަކަށް ބޯލަނބާކަށެއް އެބައިމީހުންގެ ޣީރަތު ތަނެއް ނުދިނެވެ. عبـدالمـلـك ގެ ކަޅު ޢަމަލުތަކާހުރެ ސިޔާސީ ދާއިރާއާ ދުރުހެލިވެގެންތިބި މީހުން އެބައިމީހުންގެ އެކަހެރިކަމުގެ މަރުކަޒުތަކުން ނުކުމެގެން އަތުވެއްޖެއެވެ. "ޤުރުޠުބާއަކީ އަހަރެމެންގެ ރަށެވެ." ގޮވައި ނަޢުރާކުރާން ފަށައިފިއެވެ.

އެއީ عبـدالمـنعــم އަށް އޭނާގެ ޙަޔާތްޕުޅުގައި މަތިވެރި މަޤުޞަދަކަށްޓަކައި މަސައްކަތްޕުޅު ކުރައްވަން ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ފުރުސަތެވެ. އޭނާ ލީޑަރެއްގެ ހައިސިއްޔަތުން އޭނާގެ އާދަޔާ ޚިލާފު ޤާބިލިއްޔަތަށް ޤުރުޠުބާގެ އާއްމުން އިޢުތިރާފު ކުރުއްވިއެވެ. އޭނާ ޤުރުޠުބާގެ ބޮޑުންގެ ވަފުދަކާއެކު عبـدالمـلـك ބައްދަލުކުރެއްވިއެވެ. عبـدالمـلـك އާ ބައްދަލުކުރެއްވުމަށްފަހު عبـدالمـنعــم ޝާހީ ކިއްލާގެ ދޮރުމައްޗަށް ޖަމާވަމުންދިޔަ މީހުންނަށް ޚަބަރު ދެއްވިއެވެ. ކުރިމަތިވެފައިވާ ހަނގުރާމައިގައި އާއްމުންގެ ތާއީދު ހޯއްދެވުމަށްޓަކައި عبـدالمـلـك ވަނީ އެބޭފުޅުންގެ ހުށަހެޅުއްވުންތައް ގަބޫލުކުރައްވައިފައެވެ. عبـدالمـلـك ހަނގުރާމަ ނިމެންދެން މަޖްލިސުއްޝޫރާގެ ނިންމުންތަކަށް ޢަމަލުކުރައްވާނެއެވެ. މަޖްލިސުއްޝޫރާގެ ލަފާގެމަތީން ތަޖުރިބާކާރު އަދި އިތުބާރުހުރި ފަރާތްތަކާ ލަޝްކަރުގެ ވެރިކަން ހަވާލުކުރައްވާނެއެވެ. ޒިންމާ ނުއުފުލޭ އަދި ނާގާބިލު އޮފިސަރުން މަގާމުން ދުރުކުރައްވާނެއެވެ. ހަނގުރާމަ ނިމުމުން ޤުރުޠުބާގެ ޢިލްމުވެރީންނާއި، ކުރިޔަށް ތިއްބެވި ބޭފުޅުންގެ ބައްދަލުކުރެއްވުމެއް ބާއްވަވާނެއެވެ. عبـدالمـلـك ގެ މުސްތަޤުބަލާމެދު ގޮތެއް ކަނޑައެޅުއްވުމުގެ އިޚުތިޔާރު އެމަޖްލިހަށް ލިބިގެންވާނެއެވެ.

عبـدالمـنعــم މި އިޢުލާން ޤުރުޠުބާގެ ކޮންމެ ހަތަރު އަނގޮޅިއަކާއި، ކޮންމެ މަދަރުސާއަކާއި، ކޮންމެ މިސްކިތެއްގައި ތަކުރާރުވަމުން ދިޔައެވެ. އާއްމުން ނުހަނު ޖޯޝާއި ފޯރިއާއެކު، "ޤުރުޠުބާއަކީ އަހަރެމެންގެ ރަށެވެ!" ގޮވައި އަޑުއުފުލަމުން ގެންދިޔައެވެ.

އެއްދުވަހަކު ކުއްލިއަކަށް ފެތުރިގެންދިޔަ ޚަބަރަކީ ޤުރުޠުބާގެ ސަރަޙައްދީ ކިއްލާއަކަށް ذوالـنّــون ޙަމަލާދެއްވި ޚަބަރެވެ. އެދުވަހު ޖާމިޢާ ޤުރުޠުބާގައި عبـدالمـنعــم ގެ ވަރަށް އަސަރުގަދަ ތަޤުރީރެއް އޮތެވެ. ޤުރުޠުބާގެ އާއްމުން އެ ތަޤުރީރު އަޑުއެހީ ވަރަށް ފޯރިއާއި ޖޯޝާ އެކުގައެވެ.

عبـدالمـنعــم އޭނާގެ ތަޤުރީރުގައި ވިދާޅުވެފައިވެއެވެ.

"މުސްލިމުންނޭވެ! މި މިސްކިތަކީ ތިޔަބައިމީހުންގެ ކާބަފައިން عبـدالـرّحـمن އާއި، الحـكـم އާއި، المـنـصـور ގެ ޖިހާދުގެ އިޢުލާން އަޑުއެހުމަށްޓަކައި އެއްވެއުޅުނު މިސްކިތެވެ. މިމިސްކިތުގެ ތަޅުމުގައިވަނީ ކިބުރުވެރި، ބޮޑާ ނަޞާރާ ރަސްރަސްކަލުންގެ ތާޖުތައް އެބައެއްގެ ފައިތިލަދަށުގައި ސުންނާފަތިވި މުޖާހިދުންގެ ސަޖިދައިގެ ނިޝާނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން އެއްވެ މިތިބީ އަޅުގަނޑުމެންގެ ގެތަކާ ހަމައަށް ވާސިލުވެފައިވާ ހަލާކުގެ ސައިލު ހުއްޓުވޭނެ ގޮތަކާމެދު ވާހަކަ ދެއްކުމަށްޓަކެއެވެ. މިއަދު އަޅުގަނޑުމެންގެ ތީރުތަކުގެ އަމާޒުފަތްގަނޑަކީ ކުފުރުގެ އައްޑަނަތަކެއް ނޫނެވެ. މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ މައްސަލައަކީ އަރައިގެން އަންނަ ދުޝްމިނުންތައް ހުއްޓުވޭނީ ކޮންގޮތަކަށްކަމެވެ. އަޅުގަނޑުމެންގެ މިނިވަންކަމަށްޓަކައެވެ. އަޅުގަނޑުމެންގެ ދިރިދެމިތިބުމަށްޓަކައެވެ. ذوالـنّــون ޠުލައިޠުލާއިން ޤުރުޠުބާއާ ދިމާއަށް ދަތުރު ފެއްޓެވި ޚަބަރު ތިޔަބޭފުޅުންވާނީ އަޑުއައްސަވައިފައެވެ. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ވިސްނައިވަޑައިގަތުން އެކަށީގެންވެއެވެ. ذوالـنّــون އާއި އެހެނިހެން މުލޫކުއްޠަވާއިފުންނާ ހުރީ ކޮންތަފާތެއް ބާވައެވެ؟ އޭނާ ވަޑައިގަތުމުން އެންމެބޮޑު ވަރަކަށްވާނީ عبـدالمـلـك ޤުރުޠުބާގެ ތަޚުތުން ބާލުއްވައި އޭނާ އެ ތަޚުތުގައި އިށީނދެވަޑައިގެންނެވުމެވެ. عبـدالمـلـك އާއި ذوالـنّــون އާ ދެމެދު އާއްމުންގެ ކުރިމަތީގައި ފަރަގެއް ނެތްކަމުގައި ބައެއް ބޭފުޅުން ދެކެވަޑައިގެންފާނޫއެވެ. ނަމަވެސް އަޅުގަނޑުގެ ވާހަކަ ތިޔަބޭފުޅުން ކަނުލައި އަޑުއައްސަވާށެވެ. عبـدالمـلـك އެއް އުފެއްދީވެސް އަޅުގަނޑުމެންގެ ކޮންމެގޮތެއް ވަރިހަމަކަމެވެ. ޣީރަތެއް ނެތްކަމެވެ. އަޅުގަނޑުމެންގެ ކުރިއަށްތިބި މީހުންގެ އަމިއްލަ އެދުން ބޮޑުކަމެވެ. ކަންމިހެން ހުރުމާއެކުވެސް عبـدالمـلـك އާއި ذوالـنّــون އާ ދެބޭފުޅުން ވަރަށް ތަފާތެވެ. ذوالـنّــون އަކީ އިސްލާމްދީނުގެ އެންމެ ނުބައި ދުޝްމިނުންގެ އަތުގައި އޮތް ކުޅޭއެއްޗެކެވެ. އޭނާ ވަޑައިގަތުމުން ޠުލައިޠުލާއާއި ޤުރުޠުބާއާ ދެމެދު ކޮށިގެންދާ މަގު ހިމެނޭނީ ކްރިސްޓިއަން ހަނގުރާމަވެރީންނަށްޓަކައި ހުޅުވައިލެވޭ މައިމަގެއް ކަމުގައެވެ. ذوالـنّــون އެވަޑައިގަންނަވަނީ އަޅުގަނޑުމެންގެ އަތްފައިގައި އެޅުއްވުމަށްޓަކައި އަލްފާންސޫގެ އަޅުވެތިކަމުގެ ކަސްތަޅުތައް ހިއްޕަވައިގެންނެވެ. އޭނާ ޤުރުޠުބާގައި ޖައްސަވާ ދިދައިން ތިޔަބޭފުޅުންނަށް ޞަލީބުގެ ނިޝާން ފެނިވަޑައިގަންނަވާނެއެވެ. އައްޒަހުރާއިން ހުސްވާ ވެރިކަމުގެ ގޮނޑިތައް މިލްކު ކުރައްވާނީ ذوالـنّــون އާއި އޭނާގެ އަމީރުންނެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެގޮނޑިތައް ފުރުއްވާނީ އަލްފާންސޫއާއި އޭނާގެ އޮފިސަރުންނެވެ. ذوالـنّــون ގެ ކުރިފުޅުމަތީގައި ގުދުކޮށްލެވޭ ކަނދުރާތަކުގައި ދުވަސްކޮޅެއްގެ ފަހުން އެލުވައިފައި ހުންނާނީ އަލްފާންސޫގެ ކަނޑިތަކެވެ. ذوالـنّــون ގެ އަޅުވެތިކަމުގެ ކަސްތަޅު އެޅުވޭ އަތްތައް ދުވަސްކޮޅެއްގެ ތެރޭގައި އަލްފާންސޫގެ އަމުރަށް ބުރިކޮށްލެވޭނެއެވެ.

މި މިސްކިތަށް އެއްވެ ذوالـنّــون އަށް ބައިއަތުހިފާ މީހުންނަށް ދުވަސްކޮޅެއްގެ ތެރޭގައި މި މިންބަރުން، އަލްފާންސޫގެ ރަސްކަމުގެ އިޢުލާން އަޑުއިވޭނެއެވެ.

މުސްލިމް އަޚުންނޭވެ! ذوالـنّــون ހުއްޓުވަން އަޅުގަނޑު ބޭނުމެވެ. އެކަމަކު އެއީ އެއްގޮތަކަށްވެސް عبـدالمـلـك އާ ދޭތެރޭ ހިތްހަމަޖެހޭތީއެއް ނޫނެވެ. މި ހަނގުރާމައިގެ ނަތީޖާ ހަމައެކަނި ދެރަސްކަލެއްގެ ދާއިރާގައި އޮތްކަމެއްކަމުގައިވީނަމަ އެބޭފުޅުންގެ ބާރުގެ އަޖުމަ ބެއްލެވުމާމެދު އަޅުގަނޑު ފަރުވާލެއް ނުބެހެއްޓީމުހެވެ. އަޅުގަނޑު އިންތިޒާރުކުރީހީ އެދެބޭފުޅުންގެ ކިބައިން ޤައުމު ސަލާމަތްކުރުމަށްޓަކައި އެކަށޭނަ ވަގުތަކަށެވެ. ނަމަވެސް އަޅުގަނޑަށް ވިސްނޭގޮތުގައި ذوالـنّــون އަޅުގަނޑުމެން ވައްޓައިލައްވަން އެ އުޅުއްވާ އަނދަޅަވަކީ ވަރަށްވެސް ނުރައްކާތެރި އަނދަވަޅެކެވެ. އަޅުގަނޑުމެންނަށް ދުވަހަކުވެސް އެ އަނދަވަޅުން ސަލާމަތްވެވޭނެކަމެއް ނޭނގެއެވެ. އަޅުގަނޑުމެން އިސްލާމްދީނުގެ އެންމެފަހުގެ ދިފާޢީ މަރުކަޒު ކަމުގައި ހަދާން ބޭނުންވާ ރަށެއް ކްރިސްޓިޔަން ހަނގުރާމަވެރީންގެ އެންމެ އިސް ހަނގުރާމައިގެ މަރުކަޒުކަމުގައި ވުމަކީ އަޅުގަނޑު އެދޭކަމެއް ނޫނެވެ. އަޅުގަނޑު ހަނގުރާމަކުރާން ބޭނުންވަނީ ބަނީ ޖުހޫރުގެ ވެރިކަން ޙިމާޔަތްކުރާކަށެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސުގެ ދިފާޢުގައެވެ. އިސްލާމީވަންތަކަމުގެ ދިފާޢުގައެވެ.

މުސްލިމް އަޚުންނޭވެ! މުލޫކުއްޠަވާއިފުގެ ދާޚިލީ ހަނގުރާމަތައް ތިޔަބޭފުޅުން މިހައިތަނަށް ބައްލަވަމުން ތިޔަގެންދެވީ ކުޅިބައްލަވާ ބޭފުޅުންގެ ހައިސިއްޔަތުންނެވެ. ނަމަވެސް ذوالـنّــون ގެ ކަމަރުކޮޅުން ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވާ ކަނޑިކޮޅުގެ ފާލިކީ އޮތީ އަލްފާންސޫގެ އަތްޕުޅުގައެވެ. އެކަނޑިކޮޅުގެ ކޮންމެ އެތިފަހަރެއް ސީދާވަމުންދާނީ މުސްލިމުންގެ ހައިސިއްޔަތުން ދިރިތިބޭން ބޭނުންވާ މީހުންގެ ކަނދުރާތަކަށެވެ. ذوالـنّــون ވަނީ އަލްފާންސޫގެ ރުހުން ހޯއްދެވުމަށްޓަކައި އޭނާގެ ރަސްކަމުގެ ދަށުގައިވާ އެތައް ރަށެއް އަލްފާންސޫއާ ހަވާލުކުރައްވާފައެވެ. އެރަށްރަށުގެ މުސްލިމުން ގެރިބަކަރިތަކެއް ފަދައިން ކްރިސްޓިއަނުންގެ ބާރުގެ ދަށަށް ދޫކޮށްލައްވައިފިއެވެ. އެހެންކަމުން އޭނާ ތިޔަބޭފުޅުންވެސް ކްރިސްޓިއަނުންނަށް ވިއްކަވައިލައްވަން ފަސްޖެހިވަޑައިގަންނަވާނެކަމަށް ހީފުޅުނުކުރައްވާށެވެ. ذوالـنّــون އޭނާގެ ނުތާހިރު ޢަޒުމުގައި ކާމިޔާބު ހޯއްދަވައިފިނަމަ ޙަޤީޤަތުގައި އެކާމިޔާބީއަކީ އަލްފާންސޫއަށް ލިބިވަޑައިގަންނަވާ ކާމިޔާބީއެކެވެ. އަލްފާންސޫގެ މަޤުޞަދަކީ ކޮބައިކަން ތިޔައިން އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައިވާނެ ކަމަކަށް އަޅުގަނޑު ހީއެއް ނުކުރަމެވެ. ޤުރުޠުބާގެ ހަތަރުފާރުން ބޭރުގައި އަޅުގަނޑުމެންނަށް މިނުރައްކާ ހުއްޓުވައިނުލެވިއްޖެނަމަ އަންދަލުސުގެ މުސްލިމުން މަޑުމަޑުން ލަވަމުން ގެންދެވޭނީ މެދުތެރޭ ކަނޑާ ދިމާއަށެވެ. އަޅުގަނޑުމެންގެ ފަހަތުގައިވާނީ މިނިކާވަގުގެ ލަޝްކަރެކެވެ. ކުރިމަތީގައި އޮންނާނީ މެދުތެރޭ ކަނޑުގެ ބިޔަ ރާޅުތަކެވެ.

ނަމަވެސް އަޅުގަނޑުމެން އަމިއްލައަށް މަރުވާން ގަސްދު ނުކުރާނަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކަން އަރުވަމެވެ. އަޅުގަނޑުމެންނަށް މިބިރުވެރި ނުރައްކަލުން ދިފާޢުވެވިދާނެއެވެ. މިއަދުވެސް ޤުރުޠުބާގެ މުސްލިމުންގެ ކިބައިގައި ކިތަންމެ ވަރުގަދަ ޠޫފާނެއްގެވެސް މިސުރާބު ބަދަލުކޮށްލެވޭހައި ބާރު އެބަހުއްޓެވެ. ذوالـنّــون އާއި އޭނާގެ ކްރިސްޓިއަން އެކުވެރީން އައިކޮޅަށް އަނބުރައިލުމަށްޓަކައި ބޭނުންވަނީ ހިލޭސާބަހަށް މަސައްކަތްކުރާ އެންމެ ފަންސާސް ހާހެއްހައި މީހުންނެވެ. ޤުރުޠުބާގެ އަހުލުވެރީން މައިދާނަށް ނިކުންނައިރު އަންދަލުސުގެ ދެންތިބި އާއްމު މުސްލިމުން އެބައިމީހުންގެ ފަހަތުގައި ތިބޭނެއެވެ. އަޅުގަނޑުމެންނަށް ސަލާމަތްކުރެވޭނީ ހަމައެކަނި ޤުރުޠުބާއެއް ނޫނެވެ. މުލޫކުއްޠަވާއިފުންގެ ކިބައިން މުޅި އަންދަލުސުވެސް ސަލާމަތްކުރެވިދާނެއެވެ. މުލޫކުއްޠަވާއިފުންނަކީ އަންދަލުސުގެ މުސްލިމުންގެ މުސްތަޤުބަލަށްހުރި ދާއިމީ ނުރައްކަލެކެވެ. އެއިން އެއްވެސް ބޭފުޅެއްގެ ހިތްޕުޅުގައި އިސްލާމްދީނުގެ މުސްތަޤުބަލަށް ކުޑަވެސް ހުރުމަތެއް އޮތްކަމުގައިވާނަމަ އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އެހެންނުވެއްޖެނަމަ އަޅުގަނޑުމެން އެބޭފުޅުންނާމެދު ޢަމަލުކުރާނީ އުއްމަތަށް ޣަދަރުވެރިވާ މީހުންނާމެދު ކަންތައްކުރާން ޖެހޭގޮތަށެވެ.

(ނުނިމޭ)