ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނަށް ސީދާ ގޮތުން ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ތައާރަފު ކުރި އިގްތިސޯދީ ރިކަވަރީ ޕެކޭޖުން ހަފްތާއެއްގެ ތެރޭގައި 170 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އިގްތިސޯދީ ރިކަވަރީ ޕެކޭޖެއް އިއުލާން ކުރީ މިއަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު އެވެ. އެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުމާއި އޭޕްރިލް އަދި މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އާންމުކޮށްފައިވާ ކޮވިޑުގެ ކަންކަމަށް ކުރި ހަރަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިގްތިސޯދީ ރިކަވަރީ ޕެކޭޖުން ހަރަދުކުރި ފައިސާގެ އަދަދު ވަނީ 1.32 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅައިބަލާއިރު 14.7 ޕަސެންޓްގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ ހަފްތާގައި ދޫކުރި ފައިސާގެ ތެރެއިން 158 މިލިއަން ރުފިޔާއަކީ ރިކަވަރީ ލޯން ސްކީމަށާއި އިންކަމް ސަޕޯޓް އެލަވެންސް ދިނުމަށް ދޫކުރި ފައިސާ ކަމަށެވެ. އަދި އިތުރު 10.8 މިލިއަން ރުފިޔާ ކަރަންޓު ބިލްތަކުގެ ޑިސްކައުންޓަށް ހަރަދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފްތާގެ ނިޔަލަށް ސަރުކާރުން ހަރަދުކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.