Close
ޚަބަރު

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އިންޓަވެންޝަން ޔޫޕީއާރަށް ހުށަހަޅައިފި

އަލީ އަފާފު ރަމީޒު

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އިންޓަވެންޝަން، ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އަށް ހުށަހަޅައިފިއެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރު ދެނެގަތުމަށް ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މިރޭ ބޭއްވި ޔޫޕީއާރްގެ ތިންވަނަ ސައިކަލްގެ ރިވިއު ސެޝަންގައި، ރާއްޖޭގެ ފަރާތުން އެ އިންޓާވެންޝަނެއް ހުށަހެޅުއްވީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުއެވެ.

ޖުޑިޝަލް ރިފޯމް ޕްލޭން ބިނާވެފައިވާ މައިގަނޑު ތިން ދާއިރާ އަކީ ކޯޓުތަކުގެ އޮނިގަނޑާއި އިހުތިސާސްއާ އިދާރީ ހިންގުން ހަރުދަނާ ކުރުމާއި ފަނޑިޔާރުން ޒިންމާދާރުކުރުވައި އެ މީހުންގެ ނަޒާހާތްތެރިކަން ދެމެހެއްޓުމެވެ.

އޭޖީ ވިދާޅުވީ މި ސަރުކާރު އިންތިހާބުވެގެންދިޔަ އެންމެ މުހިންމު އެއް ވައުދަކީ އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުން ކަމަށާއި ދިވެހި ރައްޔިތުން ބޭނުންވާ ފަދަ އަދުލު އިންސާފުގެ ނިޒާމެއް ގާއިމުކުރުމަށްވީ ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"2019 ވަނަ އަހަރު، ދިވެހި ސަރުކާރުން ވަނީ އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށްޓަކައި ޖުޑީޝަލް ރިފޯމް ޕްރޮޕޯސަލްތަކެއް އެކުލަވައިލާފައި. އެގޮތުން އެ ރިފޯމް ޕްރޮޕޯސަލްތައް ތަންފީޒުކުރެވޭނެ މިންވަރު ދެނެގަތުމަށްޓަކައި، 2019 ވަނަ އަހަރުގެ މެއި މަހު ހެދުނު އެސެސްމަންޓުގައި، އަދުލު އިންސާފުގެ ނިޒާމުގެ ތެރޭގައި މިހާރުން މިހާރަށް ސަމާލުކަންދޭންޖެހޭ މުހިންމު ދާއިރާތަކެއް ފާހަގަކުރެވުނު. މި ކަންކަންވަނީ، ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައި. އަދި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ކުރަންޖެހޭ ކަންކަން ވަކި ސެބްސެކްޓާއެއްގެ ގޮތުގައި އެ ޕްލޭންގައި ވަނީ ހިމަނާފައި،" އޭޖީ ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި ގާނޫނީ ނިޒާމާ މެދު ދިވެހި ސަރުކާރުގެ އުއްމީދުތައް ފުރިހަމަކުރެވޭނީ، ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނީ އޮނިގަނޑު ހަރުދަނާކުރެވިގެން ކަމަށެވެ. އެގޮތުން މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ވަށާޖެހޭ ލެޖިސްލޭޓިވް އެޖެންޑާއެއް އެކުލަވައިލާފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ލެޖިސްލޭޓިވް އެޖެންޑާގައި ސަރުކާރުން އެކުލަވައިލަންޖެހޭ 200 އަށްވުރެ ގިނަ ބިލު ހިމަނާފައިވާނެ. އޭގެތެރެއިން މިހާތަނަށް ސަރުކާރުން ވަނީ 76 ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި. މި ބިލުތަކުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެކިއެކި މުއާހަދާތަކުން ދިވެހިރާއްޖެއާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުން،" އޭޖީ ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް ޙާސިލްކުރެވިފައިވީ ނަމަވެސް، އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. ސަރުކާރުގެ ޖުޑީޝަލް ރިފޯމް ޕްލޭނާއި ލެޖިސްލޭޓިވް އެޖެންޑާ ކާމިޔާބުކަމާއެކީ ތަންފީޒުކުރުމަށް ދިވެހި ސަރުކާރު ސާބިތުވެ ތިބި ކަމަށް ވިދާޅުވިއެވެ.