ކުރިއަރާފައިވާ ގައުމުތަކުގައި ކަންކުރާ އުސޫލުން، އިލްމީ ދިރާސާއަކީ އެކި ދާއިރާތަކުން ކުރިއެރުން ހޯދުމުގައި އިސް ދައުރެއް އަދާކުރާ މުހިންމު ވަސީލަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަ މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗް (އެމްއެންޖޭއާރު)ގެ ކޮވިޑް 19 އާ ގުޅޭ ހާއްސަ އަދަދު ނެރެދެއްވުމަށްޓަކައި އެ ޔުނިވާސިޓީގައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ދިރާސާކުރުމުގެ ދާއިރާގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، ގައުމީ ޔުނިވާސިޓީން މި ދާއިރާ ކުރިއަރުވަން ބަހައްޓާ އަހައްމިއްޔަތުކަމާމެދު އުފާކުރައްވާ ކަމަށެވެ. އަދި މިފަދަ ދިރާސާތަކުން އެއްކުރެވޭ މައުލޫމާތާއި ހޯދުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ފައިދާކުރަނިވި، އަދި ގައުމު ބިނާކުރުމުގެ މަސައްކަތަށް މުހިންމު، ލާބައާއި މަންފާ ކުރަނިވި މައުލޫމާތުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"އެކި މީހުންނަށް މާތް ރަސްކަލާނގެ މިންވަރުކުރައްވަނީ އެކި ކަންތައްތައް. އެއް ބައިމީހުންނަށް އިލްމު، އަނެއްބައި މީހުންނަށް ތަނަވަސްކަން، އަނެއްބައި މީހުންނަށް ވަރަށް އޯގާތެރި ބޮޑު ހިތެއް. އެހެންވީމާ އެމީހަކަށް އެ ލިބިފައިވާ ނިއުމަތެއްގެ އެންމެ ރަނގަޅު ބޭނުންހިފުމަކީ އަބަދުވެސް އަހަރެމެން ގަދައަޅާ މަސައްކަތްކުރަން ޖެހޭނެ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ކޮވިޑް 19ގެ ބަލިމަޑުކަމާ ގައުމު ކުރިމަތިލީ، މި ބަލިން ރައްކާތެރިވެ ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތަކާއި ކަން ކުރަންޖެހޭ ގޮތުގެ އެންމެ ފުރިހަމަ މައުލޫމާތު ނެތި ކަމަށެވެ. އަދި މިހާރު އެކި ގޮތްގޮތުން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި، މި ބަލިން ރައްކާތެރިވުމަށް އަމަލުތައް ބަހައްޓަންޖެހޭނެ ގޮތާއި، އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއެންޖޭއާރުގެ ކޮވިޑާ ގުޅޭ އަދަދު ނެރުމަށް ބޭއްވި ހަފުލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދުގެ އިތުރުން ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު