އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) އަކީ ކުޅިވަރުގެ ވާހަކަ ދައްކަވަން އެންމެ އެކަށޭނެ މީހާއެވެ. ކުޅިވަރުގެ ވާހަކަ އިންތިހާއަށް ގިނަ މި ދަނޑިވަޅުގައި މަރޭގެ އެތައް ވާހަކަތަކެއް ހުންނާނެކަންވެސް އެނގެއެވެ. އެކަން އިހުސާސްވީ ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމަށް އަރައި އޭނާ ދެއްކެވި މުހިއްމު ގިނަ ވާހަކަތަކަކުންނެވެ. އެ ޕްރޮގާރަމަށްފަހު މަރޭގެ އިންސްޓާ ޕޯސްޓެއްގައި ވިދާޅުވީ 11 މަސް ދުވަސް ވަންދެން ސިކުނޑީގައި ލޮކް ވެފައި ހުރި ވާހަކަތައް ނެރެލެވިއްޖެ ކަމަށެވެ. އަދި އެވާހަކަ ތަކަކީ ތިމަންނައަށް ނިސްބަތްކޮށް ދެއްކި ވާހަކަތައް ކަމުގައި އެއްވެސް މީހަކު މޭ ދިއްކޮށްފައި ނުހެއްދެވުމަށް އެދި މަރޭ ވިދާޅުވީ ދެއްކީ ސިކުނޑީގައި ހަރުލާފައި ހުރި ކުޅިވަރުގެ ވާހަކަތައް ކަމަށެވެ.
އެ ވާހަކަތަކުގެ ތެރެއިން ކުޅިވަރުގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކަށާއި، ކުޅިވަރުގެ މިސްރާބަށް އެކަމުން ކުރާނެ އަސަރު ފާހަގަކޮށް، އޭގެ ބޮޑެތި ބައެއް އިސްލާހުތަކަށް މަރޭ ފާޑުވިދާޅުވިއެވެ. ދެން އެންމެ މުހިއްމު ކަމަކަށް އަލި އަޅުވާލީ ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލާ ގުޅިފައިވާ އިންޑިއަން އޯޝަން އައިލެން ގޭމްސް (އައިއޯއައިޖީ) ގެ ވާހަކައަށެވެ. 2023 ވަނަ އަހަރު އެ ގޭމްސް ރާއްޖެއަށް ބާއްވަން ލިބިފައިވާ ފުރުސަތުގައި، ކަން ދިމާކުރި ގޮތުން އެކަން ވާން ނެތްކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް ދެއްކެވި ވާހަކަތަކަށް މަރޭ ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ.
"މުޅި ދުނިޔެއަށް ކޮވިޑު ޖެހުނުއިރު ރާއްޖެއަކީ އޭގެ އިމްޕެކްޓް، އިކޮނޮމިކަލީ އެންމެ ބޮޑަށް ކުރި ގައުމު. އަޅުގަނޑުމެން މި ފެސިލިޓީތައް ޑިވެލޮޕްކޮށް، މުޅި ގޭމްސް ރާވައި ހިންގަން ވަގުތެއްވެސް ނެތް. މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ އެތަކެއް ޒުވާނުންގެ ވަޒީފާތައް ގެއްލި، އެތައް ބައެއްގެ އާމްދަނީ މަދުވެ ވިޔަފާރިތަކަށް އޭގެ އަސަރުކޮށްފައިވަނިކޮށް، ވަކިން ފޯކަސްކޮށްގެން މިވަރުގެ ބޮޑު ގޭމެއް 2023 ގައި ބާއްވަން އުޅުމަކީ ރަނގަޅު ކަމެއް ނޫން، މި ދެންނެވީ ވަގުތު ނެތުމާ އެކީ އަދި އިގްތިސޯދު އޮތްގޮތުން ނުވާނެކަމެއް،" އައިއޯޖީ ފަސްކޮށްދޭން އެދުނު ކަމަށް ވިދާޅުވެ މިނިސްޓަރު މަހުލޫފު ފާހަގަކުރައްވާފައި ވެއެވެ.
މާ ކުރިންވެސް ރައީސްގެ ޝައުގު ގޭމްސްއަށް ބޮޑު، ކޮވިޑް 19 އާ ހަމައަށްވެސް އޮތީ މަސައްކަތް ނުފެށި؟
މަރޭ ފާހަގަކުރެއްވި އެއް ކަމަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހަކީ އައިއޯއައިޖީ ރާއްޖެ ގެންނަވަން އެންމެ ބޭނުންފުޅިވި އަދި އެކަން ހިނގާ ނުހިނގާނެ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފަރާތް ކަމަށެވެ.
"ގޭމްސްގެ ވާހަކަ އެންމެ ބޮޑަށް ދައްކާނީ އަޅުގަނޑު. 2010 ވަނަ އަހަރު، 2015 ވަނަ އަހަރުގެ ގޭމްސް ބާއްވަން ފުރުސަތު އޮތްކަން އަޅުގަނޑުމެންނަށް އެނގިގެން ދިޔަ. އެހިސާބުން އޭރުގެ ރައީސް މުހައްމަދު ނަޝީދަށް އެވާހަކަ ދެންނެވިން. އެހިސާބުން ޓީމެއް ނަގާފަ ބިޑް ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ފެށި. އޭރު އަޅުގަނޑާއެކު މަސައްކަތް ކުރެއްވި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް. ސީޝެލްއަށްވެސް ވަޑައިގެންނެވި މިހާރު އެމްއެމްޕީއާރްސީގެ އެމްޑީ ތައްޔިބު، އޭރުގެ ޓޫރިޒަމް މިނިސްޓަރު، މިހާރު ޕާލިމެންޓް މެންބަރު ހަސަން ލަތީފްވެސް. އެބޭފުޅުންނަށް އެނގި ލައްވާނެ މިއީ ކިހާވަރެއްގެ ކަމެއްކަން. މާ ކުރީންވެސް ރީޔޫނިއަންއިން ތައްޔާރުވެފައިވެސް އޮތީމާ އޭރު ނުލިބުނީ. ފަހުން މޮރިޝަސްގައި ބޭއްވި ގޭމްސްއަށްވެސް ފުރުސަތު ލިބުނު، އޭރު ސަރުކާރުން ބެކިންއެއް ނުލިބުނު. ދެން 2018 ވަނަ އަހަރު ފުރުސަތު ލިބުނީ އަނެއްކާވެސް، ރައީސަށް އެވާހަކަ ދަންނަވަން ވާހަކަ ނުފެށެނީސް، ވިދާޅުވެއްޖެ މަރޭ ހިނގާށޭ ތިކަން ކުރަން. އެއީ 2011 ވަނަ އަހަރުން ފެށިގެން ރައީސަށް އެނގިވަޑައިގަތް އެއީ ކޮން ކަމެއްކަން،" މަރޭ ވިދާޅުވިއެވެ.
އެހާ މުހިއްމުކަން ރައީސް ދެއްވި ގޭމެއްގެ ބިޑު ކާމިޔާބުކޮށްފައި ވަނީ ބޮޑު ޕްލޭނެއްގެ ދަށުން ނަމަވެސް، އެކަމަށް ކޮވިޑް 19 އާ ހަމައަށްވެސް ތައްޔާރު ނުވެވި އޮތީ ކީއްވެތޯ އެއީ މަރޭގެ ބޮޑު ސުވާލެކެވެ. އަކުރުން އަކުރަށް ލިޔެފައިވާ ލިޔުމަކަށް އަމަލީ ސިފައެއް ނުފެނި އޮތީ ކީއްވެތޯ މަރޭ ސުވާލުކުރެއްވިއެވެ.
"ހުރިހާ ޕްލޭނަކާއެކު ބިޑް ހުށަހެޅީ. ކޮން ގޭމްސްތަކެއްކަން ބޭއްވޭނީ، އެންމެ ގޯސް ހާލަތުގައި ކަން ވާނެ ގޮތާއި، ރާއްޖެއަށް ލިބޭނެ މެޑަލްތަކުގެ ތަފްސީލު އަދަދާވެސް އެކު ބިޑް ހުށަހެޅީ ހުރިހާ ކަމެއް ލިޔެ ފަރުމާކޮށްގެން. ހަތަރު ވޯޓްވެސް ޔަގީންކޮށް ބިޑް ކާމިޔާބު ކުރީ. އެހިސާބުން މިއަދު އެނބުރިލައު ބަލައިލަން މި ޖެހެނީ ކޮބާތޯ އެ ޕްލޭން. ތެދެއް، ކޮވިޑާއެކު ރާއްޖެ އިގްތިސާދީ ގޮތުން ހިޓްވި ވަރެއް ނޭނގެ. ސަރުކާރަށް އެކަން އެނގޭނީ. އެހެން ނަމަވެސް ބޮޑެތި ޕްލޭންތަކެއް ހަދާފައި ދީފައި ވަނީ. ސްޓްރަކްޗާއެއް އެބައިން. އޯގަނައިޒޭޝަނަލް ސްޓްރަކްޗާއެއް ދީފައި އެބައިން. ކޮމިޓީއެއް އެބައިން. 13 ވަރަކަށް ސަބް ކޮމިޓީ އެބަހުރި. އެތުލީޓުންނަށް ވަކި ކަންކަމެއް. އިންފްރާސްޓްރަކްޗާ ބިލްޑް ކުރަން ޖެހޭނެ ގޮތްތައް އެބަހުރި. ޓްރާންސްޕޯޓޭޝަން ނެޓްވޯކް އެބަހުރި. ކޮންތަންތާކު ކޮންބައެއްކަން ބައިތިއްބަން ޖެހޭނީ އެބައިން. 3200 އެނދުކަން ބޭނުންވަނީ، 1900 އެނދު މާލެ ސަރަހައްދުން ލިބޭކަން އެނބަ އެނގޭ. ޕްލޭން އަލިފުން ޔާއަށް އެބަ އޮތް. އެ މަސައްކަތް ކުރީ ކިހާ ވަރަކަށްތޯ އެއީ ސުވާލަކީ،" މަރޭ ފާހަގަކުރެއްވިއެވެ.
މަރޭ އެހެން ވިދާޅުވެފައިވާއިރު، އައިއޯއައިޖީއަށް ބޭނުންވާ ބައެއް އިންފްރޭސްޓްރަކްޗާކަށް އަތޮޅު ތެރޭގައި ބިނާކުރުމަށް މަސައްކަތް ކުރާ ވާހަކަ މީގެ ކުރިން މިނިސްޓަރު މަހުލޫފު ވަނީ ފާހަގަކުރައްވައި އިއުލާންވެސް ކުރައްވައިފައެވެ. އެހެން ނަމަވެސް އެކަމަށް އަދި އަމަލީ ސިފަ ފެނިފައެއް ނުވެއެވެ.
މަރުޒޫގު ވިދާޅުވީ ފައިސާ ނެތި އިންފްރާސްޓްރަކްޗާ ނޭޅޭނެކަން ގަބޫލުކުރައްވާ ކަމަށާއި، އެހެން ނަމަވެސް އޯގަނައިޒިން ކޮމިޓީތައް އެކުލަވާލައި، ސަބް ކޮމިޓީތައް އެކުލަވާލައި ޕްލޭންތައް ހެދުމަށް މަސައްކަތްތައް ކުރެވިފައި ވޭތޯ، އެއީ ކުރެވޭ ސުވާލެއް ކަމަށެވެ. މަރޭ ފާހަގަކުރެއްވީ މިއަދުގެ ހާލަތުގައި ސަރުކާރަށް އައިއޯއައިޖީ ނުބޭއްވިދާނެ ކަމަށް ގަބޫލުކުރާ ނަމަވެސް، ކުއްލިއަކަށް ހުރިހާ އެސޯސިއޭޝަންތަކާ ބައްދަލުކޮށް، އައިއޯއައިޖީ ރާއްޖޭގައި ނުބޭއްވޭނެ ކަމަށް ބުނާ ނަމަ، އެކަން ނުވާން އޮތް އެތައް ސަބަބެއް ދައްކަން ވާނެ ކަމަށެވެ.
ފަސްކުރަން ހުށަހެޅުމަށްވެސް، ނުބޭއްވޭނެ ކަމަށް ނިންމި ނަމަވެސް ސަޕޯޓް ދޭނަން، މަސައްކަތް ކޮށް ބޭއްވޭނެ
މަރޭ ވިދާޅުވީ ތައްޔާރީތަކަށް ސުވާލުތަކެއް އުފެދޭ ނަމަވެސް، އެތައް ޒުވާނުންގެ ވަޒީފާއެއް ގެއްލި، އިގްތިސާދީ ގެއްލުން ލިބިގެން ސަރުކާރަށް ނުކުރެވޭނެ ކަމަށް، ނިންމި ނިންމުން ބަލައިގަންނާނެ ކަމަށާއި، އެކަމަށް އިހުތިރާމްވެސް ކުރާ ކަމަށެވެ. އަދި އެކަމަށް އެއްބާރުލުންދީ ގޭމްސް ފަސްކުރަން ވާހަކަވެސް ދައްކާފައިވާނެ ކަމަށްވެސް މަރޭ ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު މަރޭ ވިދާޅުވީ ނުވާނެ ކަމަށް އޮތް ބައިވަރު ސަބަބު ދައްކަން ޖެހޭނެ ކަމަށެވެ. ހަމައެކަނި ނުވާނޭ ބުންޏަސް ގަބޫލުކުރަން ދަތި ކަމަށެވެ.
"ނުބޭއްވޭނެ ކަމަށް އެންމެ ބޮޑު ސަބަބަކަށް ވާނީ ފައިސާ. ވަރަށް ބޮޑަށް އެބަ ދައްކާ ދުނިޔޭގެ އެހެން ގޭމްސްތައްވެސް ފަސްކުރާ ވާހަކަ. ހަގީގަތުގައި 2022 ވަނަ އަހަރުން ފެށިގެން އޮތް ގޭމްސްއެއް އަދި ބަދަލެއް ނުކުރޭ. 2020، މިއަހަރު އޮތް އޮލިމްޕިކްސް ލަސްކުރީ އަންނަ އަހަރަށް، އެއީ މުޅި ދުނިޔެ ލޮކްޑައުންގައިވެސް އޮތުމުން. ކޮމަންވެލްތު ގޭމްސް ވެސް 60 ޕަސެންޓް ހަރަދު ކަނޑާފަ ބާއްވަން ނިންމީ. އެކަމަކު އަޅުގަނޑަށްވެސް އެނގޭ އަޅުގަނޑު މެންނަކީ ތިންވަނަ ދުނިޔޭގެ ގައުމެއްކަން، ޓޫރިޒަމްއަށް ބަރޯސާވެފައި އޮތް ގައުމެއް. އެތައް ކުދިންނެއްގެ ވަޒީފާވެސް ގެއްލިފައިވާ ދަނޑިވަޅެއް މިއީ. އެކަމަކު ގޭމްސްއަށް އެތައް ކުދިންނަކަށް ވަޒީފާގެ ފުރުސަތުތައްވެސް ލިބޭނެ،" މަރޭ ވިދާޅުވިއެވެ.
މަރޭ ވިދާޅުވީ މަސައްކަތް ކޮށްފިނަމަ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަށް ވަރަކަށް މަހަށް ފަސްކޮށްލާފައި ބޭއްވުމަށް ފަސޭހަ ގޮތްތަކެއް ފެނިދާނެ ކަމަށެވެ. އެއީ ބައެއް ކުޅިވަރުތައް މަދުކޮށްފައި، ފައިވް ސްޓާ ފެންވަރު ގޭމްސްއެއް ނޫން ގޮތުގައި ކަމަށެވެ. މަރޭ ފާހަގަ ކުރައްވާފައި ވަނީ އާންމުކޮށް ފެންނަ ކޮމަންވެލްތު ގޭމްސް އާއި އޮލިމްޕިކް ގޭމްސްއަކީ ފަސް ތަރީގެ ގޭމްސްތައް ނަމަވެސް ސަރަހައްދީ ގޭމްސްތައް ބާއްވަނީ އާދައިގެ ގޮތަކަށް ކަމަށެވެ. އަދި އެ މަންޒަރުތައް އެންމެ ފަހުން މޮރިޝަސްގައި ބޭއްވި ގޭމްސްއަށް ވަޑައިގެންނެވި ސަރުކާރުގެ ބޭފުޅުންނާއި ނޫސްވެރިންގެ އިތުރުން އެތުލީޓުންނާއި އޮފިޝަލުންނަށްވެސް ފެންނާނެ ކަމަށް މަރޭ ފާހަގަކުރެއްވިއެވެ.
މަރޭގެ ވާހަކަތަކަކީ މުޅި ކުޅިވަރު އާއިލާގެވެސް އެދުން ކަމަށް ބެލެވެއެވެ. ސަރުކާރުގެ ވިސްނުން ހުރީ ގޭމްސް ފަސްކޮށްގެން ނަމަވެސް، ފުރިހަމަ ގޭމްސްއެއް ބޭއްވުން ކަމަށް ބެލެވެއެވެ. އިގުތިސާދީ މި ދަތި ކަމުގައި ގޭމްސްއެއް ބޭއްވުމަށް ސަރުކާރުން އެތައް ކޮޅަކުން ވިސްނާނެ ކަމަށް ގަބޫލުވެސް ކުރެވެއެވެ. އުންމީދަކީ ގޭމްސް ރާއްޖެއަށް ލިބުމެވެ. އައިއޯއައިޖީއަކީ ރާއްޖޭގެ ކުޅިވަރަށް މިވަގުތު އޮތް ބޮޑު އިންގިލާބީ ބަދަލެއް ކަމަށް ސިފަކުރެވޭތީ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު