އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވުމަށް ރާއްޖޭގެ ޕައިލެޓުން ތަމްރީނުވެފައި އެބަތިބި ކަމަށާއި ނަމަވެސް އަދިވެސް އިތުރު ތަމްރީނުތައް ބޭނުންވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ދެ ހެލިިކޮޕްޓަރާއި ޑޯނިއާ އެއާކުރާފްޓެއް ވަނީ ހަދިޔާކޮށްފައެވެ. އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް މެއިންޓެއިން ކުރުމުގައި ހަރަކާތްތެރިވަނީ ވެސް އިިންޑިއާ އަސްކަރިއްޔާއިންނެވެ. ނަމަވެސް ހެލިކޮޕްޓަރު ދުއްވުމަށާއި އޮޕަަރޭޝަނުގައި ދިވެހި ސިފައިންނާއެކު އިންޑިއާ ސިފައިން ވެސް ބައިވެރިވެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ޑޯނިއާ އަދި ހެލިކޮޕްޓަރުގެ ޕައިލެޓުންނަށް ދިވެހިން ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކާއި ތަމްރީނުތައް ދެމުންގެންދާ ކަމަށެވެ. މިކަމަކީ ވަރަށް ހާއްސަ ތަމްރީނުތަކާއެކު ކުރެވެންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރާއްޖޭގައި އެބަތިބި ޓްރެއިންވެފައި ތިބި ޕައިލެޓުންވެސް. އެކަމަކު ހެލިކޮޕްޓަރު ދުއްވުމުގައި މީގެ ކުރީގައި މި ރާއްޖެއަށް ހެލިކޮޕްޓަރުތައް އައިސްގެންވެސް ވަރަށް ބައިވަރު ހާދިސާތައް ހިނގާފައި އެބަހުރި،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުތައް ޖައްސަން ޖެހެނީ ދުވަހަކުވެސް ނުދާ ރަށްރަށާއި ބައެއް ފަހަރު ފުޓްބޯޅަ ދަނޑު ފަދަ ތަންތަނަށްވެސް ޖައްސަންޖެހޭ ކަމަށެވެ. އެހެންކަމުން މިކަމަށް ބޭނުންވަނީ ވަރަށްވެސް ހުނަރުވެރި މީހުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވަން ރާއްޖޭގެ މީހުން ވަކި ސްކިލްޑް ނުވާނެއެކޭ. އެކަމަކު އެހިސާބަށް ދިއުމަށް އެބަ ވަގުތުކޮޅެއް ނަގާ. އެމީހުން ޓްރެއިން ކުރަން ފޮނުވައިގެން، އެމީހުން އެ ސްކިލްސް ދަސްކޮށްގެން ކުރަންދެން،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޕެންޑެމިކްގެ ސަބަބުން ކުރަން ބޭނުންވި ކަންކަން ނުކުރެވި އެބަހުރި ކަމަށާއި ހޯދަންޖެހޭ ތަމްރީނުތައް މަޑުޖެހިލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޕައިލެޓުން ތަމްރީނުވެ، ޑޯނިއާ އަދި ހެލިކޮޕްޓަރު ދުއްވާ މަންޒަރު ފެނިގެންދާނެ ކަމަށެވެ.