ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަކީ ރާއްޖެއަށް "ވޭކަޕް ކޯލް" އެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އޭރު ގައުމުގައި ހިނގައިދިޔަ ކަންކަން ތަޖުރިބާކުރި ސިފައިންގެ ބޭފުޅުންގެ ވާހަކަތަކުން ސާފުވެގެންދިޔަ ހަގީގަތަކީ ނޮވެމްބަރު ތިނަކީ ވޭކް އަޕް ކޯލެއް ކަމަށެވެ.

"އަޅުގަނޑުމެންނާއި ސިފައިންނާ ވާހަކަ ދައްކާލީމަ އެބޭފުޅުން އެ ވިދާޅުވާ ވިދާޅުވުމުގައި ނޮވެމްބަރު ތިނެއް ވެގެންދިޔައީ ވޭކްއަޕް ކޯލަކަށް. އެޒަމާނަކީ ދެން އެހާ ބޮޑަށް، މިހާރު މިދެކެވޭ ގޮތަށް ޓެރެރިސްޓުންގެ ވާހަކަތައް ދެކެވޭ ޒަމާނެއް ނޫން. އެހެންނަމަވެސް ބީބީސީން އެކަން ސިފަކުރަމުން ދިޔައީ މި ރާއްޖެއަށް ޓެރަރިސްޓުން އަރައި ހަމަލާދިން ކަމަށް،" މާރިޔާ ވިދާޅުވިއެވެ.

އެދުވަހު ގައުމީ ދިފާއީ ބާރުން ވަރަށް ހިތްވަރު ކުރި ކަމަށާއި މަދުބަޔަކު ވެގެން ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރި މަންޒަރު ފެނިގެންދިޔަ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެދުވަހު ގައުމުގައި ހިނގައިދިޔަ ކަންކަމުގައި ތައްޔާރީތަކެއް ވާންޖެހޭކަން އެނގިގެންދިޔަ ކަމަށާއި އެދުވަހު އިންޑިއާގެ އެހީއަށްވެސް އެދެން ޖެހެމުން އެކަން ސާފުވި ކަމަށެވެ.

މާރިޔާ ވިދާޅުވީ މިއަދު އަސްކަރިއްޔާގެ ގިނަ ބޭފުޅުންނަކީ އަސްކަރީ ދާއިރާއިން ޑިގްރީތަކާއި މާސްޓާސްތައް ހަދައިގެން އަސްކަރީ ގާބިލުކަން ވަރަށް ބޮޑަށް ލިބިފައިވާ ފަރާތްތަކެއް ކަމަށެވެ. އެކަމަކީ ވަރަށް އުފާވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ނޮވެމްބަރު 3، 1988ގައި ދިވެހިންގެ ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންނާއި އާންމު ރައްޔިތުން ހިމެނޭހެން 19 ދިވެހިން ޝަހީދު ކޮށްލިއެވެ.