އޮސްޓްރިއާ އަދި އަފްގާނިސްތާނުގައި ދިން ހަމަލާތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައި، އެ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ އެކި ސަރަހައްދުތަކުގައި ރޭ ދިން ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، އޮސްޓްރިއާގެ ހާރިޖީ ވަޒީރު އެލެގްޒެންޑާ ޝެލެންބާގްއަށް މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ އޮސްޓްރިއާއެކުގައި ކަމަށެވެ. އަދި ދިވެހިރާއްޖެއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ކުށްވެރިކުރާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާބުލް ޔުނިވާސިޓީއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާދީ، އެތައް ބަޔަކު މަރާލި ހާދިސާ ކުށްވެރިކުރައްވައި، އެގައުމުގެ ވަގުތީ ހާރިޖީ ވަޒީރު މުހައްމަދު ހަނީފު އަތުމާރަށް މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، އަފްގާނިސްތާނުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކުރުމަށް އެގައުމުން ކުރަމުން އަންނަ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، އެ ގައުމާއެކުގައި އޮތް ކަމަށެވެ.

އޮސްޓްރިއާގައި ދިން ހަމަލާތަކުގައި ހަތަރު މީހަކު މަރުވެ، 17 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަފްގާނިސްތާނުގައި ދިން ހަމަލާގައި 19 މީހުން މަރުވެފައިވެއެވެ. މިއީ އަފްގާނިސްތާނުގައި ތައުލީމީ މަރުޒަކަށް ހަފުތާއެއް ތެރޭ ދިން މިފަދަ ދެވަނަ ހަމަލާއެވެ. މީގެ ކުރިން ދިން ހަމަލާއާ ގުޅިގެންވެސް މިނިސްޓަރު ޝާހިދު ވަނީ ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފައެވެ.