ގެއްލިގެން ހޯދަމުންދަނިކޮށް އަމިއްލައަށް ގެއަށް އައި އަންހެން މީހާ ރަހީނުކޮށް ބްލެކްމައިލްކޮށްގެން އޭނާ އަތުން ފައިސާ ހޯދި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ހޯދަމުން އައީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ 1:30ގެ ފަހުން ހަބަރެއް ނުވެގެން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓްކުރީ އެރޭ 10:45 ގައެވެ.

ޝިރުމީނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނިކޮށް އޭނާ އަމިއްލައަށް ގެއަށް ގޮސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

ނަމަވެސް ބަޔަކުވެގެން އޭނާ ރަހީނުކޮށް އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމައިލްކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާތީ ފުލުހުން އިއްޔެ ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. ނަމަވެސް އޭނާއާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޝިރުމީނާގެ އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނާގޮތުގައި ބަޔަކު އޭނާ ރަހީނުކޮށް ގިނަ އަނިޔާއެއްދީ، އޭނާ އަތުން 25،000 ރުފިޔާ ވަނީ އަތުލައިފަ އެވެ.