މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 100 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު އެއް ފަަހަރު އާއްމުކުރާ މަންތުލީ ފިސްކަލް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 100.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަަހަރުގެ އެ މުއްދަތުގައި ޖޫރިމަނާ އިން ލިބިފައިވަނީ 180 މިލިއަން ރުފިޔާ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު ޖޫރިމަނާ ގޮތުގައި ލިބުނު އަދަދު ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖޫރިމަނާގެ ގޮތުގައި 13.5 މިލިއަން ރުފިޔާ ލިބުނު އިރު، މިއަހަރު އެ މަހު ލިބުނީ 14.4 މިލިއަން ރުފިޔާ އެވެ.

މަންތްލީ ފިސްކަލް ހިސާބުތައް ދައްކާ ގޮތުގައި ޓެކްސް އާއި ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ.

އެގޮތުން ޓެކުހުގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރަށް 17.8 ބިލިއަން ރުފިޔާ ލިބުނު އިރު، މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 10.7 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރަށް 3.8 ބިލިއަން ރުފިޔާ ލިބުނު އިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ.