މުސްލިމުންގެ އަމިއްލަ ވަތަންގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއު ކުރުމަށް، ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަކީ މުސްލިމުންގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ 32 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.

އިމްރާން ވިދާޅުވީ، "މުސްލިމުންގެ އަމިއްލަ ވަތަންގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއު ކުރުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަކީ މުސްލިމުންގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް، މި ހަގީގަތް އަޅުގަނޑުމެން ނަގަހައްޓާނަން،" ކަމަށެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަކީ ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ލަންކާގެ ތަމަޅަ ޓެރަރިސްޓުން ކަމަށްވާ، ޕްލޮޓް ޖަމާއަތުން ހިންގި އުދުވާނީ ހަމަލާއެކެވެ.

މި އުދުވާން ނާކާމިޔާބު ކޮށްލައި ރާއްޖެއަށް ނަސްރު ލިބުމުގެ ދުވަސް ރާއްޖޭގެ ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.

ބާޣީންގެ އެ ހަމަލާގައި 19 ދިވެހި ޝަހީދު ކޮށްލިއެވެ.