ވާހަކަ

ހިޔާ - 42

7

(ބަޔާޅީސްވަނަ ބައި)

"އައި ލަވް ޔޫ، ޔުނާ..." ޒިހާން އެހެން ބުނެލީ އޭނާގެ ކައިރީގައި ހުއްޓިގެން ހުރި ޔުނާއަށް ބަލައިލަމުންނެވެ. ޒިހާންގެ ވާހަކަ އިވިފައި ޔުނާވެސް އޭނާއަށް ބަލައިލިއެވެ. އެހިނދު މުޅި ހިސާބުން އިވެމުން ދިޔައީ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަޑެވެ. ވަށައިގެން ދުރުދުރަށް ފެހިކުލަ ގަދަ ވިނަތައް ފެންނަމުން ދިޔައިރު ޔުނާއާއި ޒިހާން ތިބީ އެތާ މެދަށް ވާ ގޮތަށް ފަނުން ހަދާފައި ހުރި ގެއެއްގެ ތެރޭގައެވެ.

ޔުނާ ޒިހާނަށް ބަލަން ހުރެފައި ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އެއަށްފަހު ލަސްލަހުން ޒިހާނާ ދިމާލަށް އެއް ފިޔަވަޅު އަޅައިލުމަށްފަހު ޒިހާންގެ މޭގައި ބޯއަޅާލުމަށްފަހު ޒިހާންގެ ގައިގައި ބައްދާލިއެވެ.

"ލޯބިވީ ދުވަހަކުން ޒިހާން ގާތު ބުނާނަން ލޯބިވެއޭ، އިން ޝާ ﷲ!" ޔުނާ އޭނާގެ އަތުތެރޭގައި ލޯ މަރައިގެން އޮވެ ބުނެލި ބަސްތަކުން ޒިހާންގެ ހިތަށް އާދަޔާ ހިލާފު ހަމަޖެހުމެއް ލިބި އޭނާއަށް ހިނިތުންވެލެވުނެވެ.

މިއީ އެތައް އަހަރެއް ވަންދެން ޒިހާނަށް ތަކުރާރުކޮށް ހުވަފެންތަކުގައި ފެނިފައިވާ މަންޒަރެކެވެ. ހުވަފެން ފެންނަން ފެށީ ޔުނާއާ އިންނަން ބޭނުންވާ ވާހަކަ ޔުނާގެ ދޮންބެ ގާތު ބުނުމަށް އިސްތިޚާރާ ކުރަން ފެށި ފަހުންނެވެ. އެއީ ޒިހާން ސިފައިންގެއަށް ވަދެ ޔަޒްދާނާ ދިމާވެސް ވީ ފަހުންނެވެ. ޒިހާނާއި ޔަޒްދާނާ ދެމެދު ގުޅުން ބަދަހިވެގެން ދިޔައީ ވެސް އެ އިސްތިޚާރާ ނަމާދަށް ފަހުގައެވެ. އެހެންކަމުން ޔަޒްދާން ގާތު އޭނާގެ އެދުން ހުށަހަޅަން ޒިހާނަށް ހިތްވަރެއް ލިބުނެވެ. ޔަޒްދާން އެއްދުވަހު އޭނާގެ އެޕާޓްމެންޓަށް އައިސްގެން އުޅެނިކޮށް ޒިހާން ކުޑައިރު ގެންގުޅުނު ފޮތެއްގައި ހުރި ލިޔުންތައް ފެނިގެން ދިޔައީ ޒިހާން އެ ވާހަކަ ބުނަން ނިންމައިގެން ހުއްޓައެވެ.

"އައްދޭ މިއީ ހާދަ ކުޑައިރުއްސުރެ މެރީ ކުރުމުގެ ހުވަފެން ދެކުނު ކުއްޖެކޭ...." ޔަޒްދާން ސޯފާގައި އިނދެ އެހެން ބުނެލި ހިނދު ލަދުން ހަލާކުވަމުން ދިޔަ ޒިހާން ގޮސް އެ ފޮތް ޖަހައިގަތެވެ. އެއަށްފަހު ވެސް ޔަޒްދާން އިރުކޮޅަކަށް ހީލުމަށްފަހު ވާހަކަ ދެއްކިއެވެ.

"އޭ އެކަމަކު ސީރިއަސްކޮށް ބުނެބަލަ... ޒިހާނަށް އަހަރުމެންގެ ޔުނޫ ކަމުދަނީތަ؟" ޔަޒްދާން އެ ސުވާލުކޮށްލީ ޒިހާން އޭނާއަށް ފުރަގަސް ދީގެން ހުރެ އެތާ ހުރި ހަރުގަނޑެއްގައި އެ ފޮތް ޖަހާލި ވަގުތެވެ. ޒިހާން ލަސްލަހުން ޔަޒްދާނާ ވީ ފަރާތަށް އެނބުރިލިއެވެ.

"ލައްބަ ސާރ.....ސް...ސޮރީ އެ ފޮތުގައި އެކަހަލަ ވާހަކަތައް އެ ފޮތުގައި ހުރީތީ. ދެން އެކަން ތަކުރާރު ނުވާނެ ސާރ..." ޒިހާން ޔަޒްދާނާ ހަތަރުކަޅި ހަމަކުރަން ވެސް ނުކެރިފައި ހުރެ ބުނެލިއެވެ.

"ބަލާބަލަ މިހިރަ ސޮރަކަށް. މަގޭ ޅިޔަނަށް ވާންއުޅޭއިރު ވެސް ސާރ ސާރއޭ އެބަ ކިޔާ...." ޔަޒްދާން ޒިހާނަށް އިވޭވަރަށް އަމިއްލަ އަމިއްލައަށް ބުނެލިއެވެ. އެހިނދު އިވުނު ވާހަކައިން ހިތަށް ލިބުނު ހައިރާންކަމާއެކީ އިސްއުފުލައިލެވުނެވެ. އެހިނދު ޔަޒްދާން ކޮޅަށް ތެދުވުމަށްފަހު ލަސް ހިނގުމެއްގައި ގޮސް ޒިހާންގެ ކުރިމަތީގައި މަޑުކޮށްލިއެވެ.

"ތެދުތެދަށް ބުނައްޗޭ ޒިހާން. ޒިހާން ބޭނުންތަ ޔުނާއާ އިންނަން؟" ޔަޒްދާން ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ.

"ސާރ.... ޔުނާ ބޭނުން ނުވަންޏާ އަޅުގަނޑު...."

"މި އެހީ ޒިހާން ބޭނުންވޭހޭ..." ޔަޒްދާން ސާބިތު އަޑަކުން އެހިއެވެ. އެއާއެކު ޒިހާން ޔަޒްދާނަށް ބަލަން ހުރެފައި ލަސްލަހުން ބޯ ޖަހައިލިއެވެ. ޒިހާންގެ އެ ހަރަކާތާއެކީ ޔަޒްދާން ހިނިތުންވެލިއެވެ.

"ވަރަށް އުފާވެއްޖެ! ހަގީގަތުގައި އަހަރެން ޔުނާއަށްޓަކައި ހޯދަން ބޭނުންވީ ވެސް ތިކަހަލަ ރަނގަޅު ކުއްޖަކު. ޒިހާން ކަހަލަ ކުއްޖަކާ ޔުނާ ގުޅުނިއްޔާ އަހަރެން ދެން ޔުނާއާ މެދު ފިކުރު ކުރާކަށް ނުޖެހޭނެ އިން ޝާ ﷲ. އަލްޙަމްދުލި ﷲ!" ޔަޒްދާން ފުރިހަމަ ހިނިތުންވުމަކާއެކީ އުފާ ފާޅުކުރިއެވެ.

"ސާރ އެކަމަކު ޔުނާ......"

"ރަނގަޅު ވަގުތެއްގައި އަހަރެން ޔުނާއާ މި ވާހަކަ ދައްކައިލާނަން އިނގޭ. ހީވަނީ މި ދުވަސްކޮޅު ޔުނޫ ގާތު ކައިވެނީގެ ވާހަކަ ދައްކައިފިއްޔާ ފޫހިކޮށްލާނެހެން. ކިޔެވުމަށް ގޮސް ހުސްވެފައި ހުރި ކުއްޖެއްވިއްޔާ އެއީ. ކައިވެނީގެ ވާހަކަ ދައްކާފައި އަހައިލާނަން ކޮން ދުވަހަކުންތޯ އެކަމާ އުޅޭނީ. އަހާލާފައި ޒިހާނަށް އަންގައިލަދޭނަން. އެންޑް ޓްރަސްޓް މީ..... ޔުނާއަށް ކަމުދާނެ ޒިހާން. މަށާއި ޔުނާއާ ދެމެދު އުމުރުގެ ބޮޑު ފަރަގެއް ހުއްޓަސް ޔުނާއަށް ކަމުދާ ކަންތަކާ ކަމުނުދާ ކަންތަކާ މެދު އަހަންނަށް ދުވަހަކުވެސް ގޯސްކޮށް ހީކުރެވިފައެއް ނެތް. ފަހަރެއްގައި ޔުނާ ނުރުހުންވެދާނެ ޒިހާންގެ ދީންވެރިކަން ފެނިފައި. އެކަމަކު ޒިހާންގެ އުޅުން ޔުނާއަށް ކަމުދާނެކަން އަހަންނަށް ޔަގީން. އެ ކަމުދިޔުމުގެ ތެރޭގައި ޔުނާއަށް ދީނުގެ ރީތިކަން ވެސް ފަހުމްވެގެން ދިޔުން އަހަރެންގެ އުއްމީދަކީ... އެހެންވީމަ އެކަމާ މެދު ކަންބޮޑު ނުވައްޗޭ! އޭގެ ބަދަލުގައި އުފާވެރި މުސްތަގުބަލަކަށް ތައްޔާރުވޭ. ޔުނާ ޒިހާންގެ ހަޔާތަށް ދާ ދުވަހަކުން ޔުނާ ރަނގަޅަށް ބަލައި ރައްކާތެރިކޮށްދެއްޗޭ!" ޔަޒްދާން ޒިހާންގެ ކޮނޑުގައި ހިފަމުން ސީރިއަސްކަމާއެކީ އެދުނެވެ. ޒިހާން ބޯޖަހާލުމަށްފަހު 'އިން ޝާ ﷲ' އޭ ބުނެލީ ސާބިތުކަމާ އެކީގައެވެ.

ކޮންމެ ގޮތެއްވިޔަސް އެދުވަހަށްފަހު ވެސް އޭނާއާއި ޔުނާގެ ގުޅުން ލަސްވެގެން ދިޔުމުން އޭނާއަށް ފެންނަމުން ދިޔައީ ގޯސް ހުވަފެނެއްހެން ހީވާން ފެށިއެވެ. އަދި އަމުދުން ޔުނާގެ ލޯބިވެރިއެއް ހުންނަކަން އެނގުނު ދުވަހު އެ ހީވުން ޔަގީނާ ގާތްވިއެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ޔުނާ ލޯބިވެރިޔާއާ ވަކިވުމަށްފަހު މާލެ އައިސްގެން އުޅެނިކޮށް އެރޭ ޖެޓީގެ ކައިރީގައި ޔުނާ ކަރުނުން ފުރިގެންވި ދެލޮލާ އެކީ ހުރިތަން ފެނިފައި ޔުނާ އޭނާއަށް ބޭނުންވާ ކަމަށް ހިތް ބުނަން ފެށިއެވެ. ހަމަ އެރޭ އޭނާގެ ލޯ ކުރިމަތިން ޔުނާ ފުން ކަނޑުގެ ތެރޭގައި އުއްމީދު ކަނޑާލައިގެން އޮތް މަންޒަރު ފެނި ހިތުގެ އެ ގޮވުންތަކުގެ އަޑު ހަރުވިއެވެ. ޔުނާ އޭނާއަށް ބޭނުންވި ހުރިހާ ވަގުތަކު އޭނާ ޔުނާގެ ކައިރީގައި ހުރެވޭތޯ ޔަގީންކުރީ ދެ ސަބަބަކަށްޓަކައެވެ. ޔަޒްދާނަށް ވީ ވައުދު ފުއްދުމުގެ އިތުރުން އޭނާގެ ހުވަފެނުގައި ޔުނާ އޭނާއަށް ވީ ވައުދު ފުއްދާނެ ދުވަހެއްގެ އުއްމީދުގައެވެ.

އެ ހުވަފެނުގައި ވެސް ޔުނާގެ ފަރާތުން ފެންނަމުން އެދަނީ އަޖާއިބު ކުރުވަނިވި ހަރަކާތެއްތާއޭ ޒިހާންގެ ހިތަށް އަރަމުން ދިޔައެވެ. ޔުނާއަށް އޭނާ ދެކެ އަދި ލޯބިނުވެވޭ ވާހަކަ އެ ބުނަނީ ވެސް ލޯތްބާއެކީ އޭނާގެ ގައިގައި ބައްދާލަމުންނެވެ. ހަގީގީ ދިރިއުޅުމުގައި ވެސް ޒިހާނަށް ޔުނާގެ ފަރާތުން ފެނިގެން ދިޔައީ އެފަދަ ހަރަކާތްތަކެވެ. އޭނާ ޔުނާއާ އިންނަން އެދުމުން ޔުނާ އިންކާރު ކުރިއެވެ. އޭނައާ އެކީ އޭނާގެ ރަށަށް އައުމަށް އެދުމުން އެކަމަށް ނޫނެކޭ ބުނީ ވެސް ޔުނާއެވެ. ކައިވެންޏަށްފަހު ޒިހާން ޔުނާ ދެކެ ލޯބިވާ ވާހަކަ ބުނުމުން ޒިހާން ދެކެ ދުވަހަކުވެސް ލޯބި ނުވެވޭނެ ކަމަށް ބުނީ ޔުނާއެވެ. އޭގެ ފަހުން ވެސް އޭނާ ޒިހާނާ ކައިރިވާން ތައްޔާރެއް ނޫންކަމަށް ވެސް ބުނީ ޔުނާއެވެ. އެހެނަސް ޔުނާގެ އަމަލުތަކުން ފެނިގެން ދިޔައީ އެ ހުރިހާ ބަސްތަކެއްގެ އިދިކޮޅެވެ.

ޒިހާނާ އިންނަން އިންކާރު ކުރުމަށްފަހު ޒިހާނާ އިންނަން ވެސް އެދުނީ ޔުނާއެވެ. ޒިހާނާ އެކީ ފުރުމުގެ ހިޔާލަށް ނޫނެކޭ ބުނުމަށްފަހު އެންމެ ފަހުން ޒިހާނާއެކީ ދާން ނިންމީވެސް ޔުނާއެވެ. ޒިހާން ދެކެ ލޯބި ނުވެވޭނެ ވާހަކަ ބުނުމަށްފަހު ހަމަ އެވަގުތު ޒިހާނަށްޓަކައި ކަންބޮޑުވުން ފާޅުކުރީވެސް ޔުނާއެވެ. މި ހުރިހާ ދުވަސް ވަންދެން އޭނާއަށްޓަކައި އިންތިޒާރު ކުރީ ކީއްވެތޯ ބުނެ ޔުނާ ޝަކުވާ ކުރި ހިނދު އެ ލޮލުން ޒިހާނަށް ފެނިގެން ދިޔައީ ޒިހާނަށްޓަކައިވި އަޅާލުމެކެވެ. ހަމަ އެދުވަހު ޔުނާ އޭނައާ ކައިރިވާން ތައްޔާރެއް ނޫން ކަމަށް ބުންޏެއްކަމަކު އެންމެ ފަހުން އޭނައާ ކައިރިވާން އިސްނެގީ ވެސް ޔުނާއެވެ.

އެ ހުރިހާ ކަމެއް ހަނދާންވެގެން ދިޔަދިޔަހެން ޒިހާނަށް ޓެކްސީގެ ފަހަތު ސީޓުގައި އިނދެގެން ލުއިގޮތަކަށް ހީލެވުނެވެ. އަމިއްލަ އިހުސާސްތައް ދުލާ ހަމައަށް ގެންނަން ނޭނގޭ ކުއްޖެއްތާއޭ ހިތަށްއެރިއެވެ. މިއަދު އަދި އަމުދުން ޔުނާގެ އެ އިހުސާސްތަކާ މެދު ޒިހާނަށް ޔަގީންކުރެވުނެވެ. އޭނާ ކޮށްލި ކުޑަ ސުވާލަކުން ވެސް ޔުނާއަށް ކުރި އަސަރުންނެވެ. ކަރުނުން ފުރިގެންވި ދެލޮލާއެކީ އޭނައަށް އިތުބާރުކުރަން ޒިހާން ގާތު އެދުނު ހިނދު ޒިހާން ގެއްލިދާނެކަމުގެ ބިރު ޔުނާގެ ހިތުގައި އޮތްކަން ޒިހާނަށް ފަހުމްވެގެން ދިޔައެވެ. އެހާ ސީރިއަސްކަމަކާ މެދު ކަންބޮޑުވެފައި ވަނިކޮށް ވެސް ޒިހާންގެ ހިތް މަޑު ކަފަ ކޮޅަކަށް ބަދަލުވެގެން ދިޔައީ އެހެންވެއެވެ. އޭނާގެ ހުވަފެނުގައި ޔުނާ ބުނާ ފަދައިން ޔުނާ އޭނާ ދެކެ ލޯބިވާ ވާހަކަ ބުނަން ދެން މާ ގިނަ ދުވަހެއް ނެތްހެން އޭނާއަށް ހީވީ އެވަގުތެވެ.

އެ ހިޔާލު ޒިހާންގެ ސިކުނޑިއަށް ވެރިވި ވަގުތު އޭނާގެ ޑްރައިވަރު އޭނާއަށް ގޮވައިލިއެވެ. އަދި އެމީހުން އޭގެ ފަހަތުން ދުއްވަމުން ދިޔަ ކާރު ކުއްލި ގޮތަކަށް ގޯޅިއަކަށް އެޅި ވާހަކަ އިވިފައި ޒިހާންގެ ހިނިތުންވުން ފިލައިދިޔައެވެ. ޒިހާން ވަގުތުން އެމީހާ ގާތު އެ ގޯޅިން އެޅުމަށް އެންގީ ލިބުނު ހާސްކަމާ އެކީގައެވެ. އެހެނަސް އޭގެ ނަތީޖާއެއްގެ ގޮތުން އަނެއް ކާރު ސްޕީޑް މަތިކޮށް ކިރިޔަ ކިރިޔާ އެހެން ވެހިކަލްތަކުގައި ނުޖެހި ދާން ފެށުމުން ޒިހާން ޑްރައިވަރު ގާތު މަޑުކޮށްލަން އެންގިއެވެ. ނޭނގުމެއްގެ ތެރެއިން ވެސް ޔުނާ ބިރުވެރިކަމެއްގެ ތެރެއަށް ދޫކޮށްނުލުމަށެވެ. ޒިހާން ދެން ޑްރައިވަރު ގާތު ދުއްވަން ބުނީ އޭނާގެ ފޯނާ ކުޅެލުމަށްފަހު ޑްރައިވަރަށް ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ މަގު ދައްކައިލަމުންނެވެ.

"މިއިން މި ދައްކަނީ އެ ކާރު ދާ މަގު. މިއާ އެއްގޮތަށް ދުއްވާ...." ޒިހާން އެންގިއެވެ. މިރޭ ކޮންމެވެސް ގޯހެއް ވާނެކަން ދަނެގެން އޭނާ ވަނީ އެކަމަށްޓަކައި ފިޔަވަޅެއް އަޅައިފައެވެ. ޔުނާ ކާރަށް އެރުމަށް ހޮޓެލުން ނިކުންނަން ދިޔައީ އޭނައާ އެކީގައި ކަމަށްވިޔަސް ވަކި ހިސާބަކުން ޔުނާ އަނެއްކާ ކޮޓަރިއަށް ދާން ޖެހުނީ އެތަނަކަށް ދާ މަގުމަތީގައި ކޭޓްއާ އެއްޗެއް ހަވާލުކުރަން ހިޔާލުކޮށްފައިވާ ކަމަށް ބުނަމުން އޭތި ނެގުމަށެވެ. ޔުނާ ދިޔައީ ޒިހާން ގާތު ކާރު މަޑުކުރުވުމަށް އެދިފައެވެ.

ޒިހާން ގޮސް ހޮޓެލުން ނިކުތް ވަގުތު އެ ކާރު ހޮޓެލްގެ ކުރިމަތީގައި އޮތްއިރު އޭތި ދުއްވާފައި އައި މީހާ ކާރަށް ލެނގިލައިގެން ސިނގިރޭޓެއް ބޯން ހުއްޓެވެ. އެ މަންޒަރުންނާއި އެމީހަކު ލައިގެން ހުރި ހެދުމުން ވެސް އެއީ އާދައިގެ ޑްރައިވަރެއް ނޫންކަން ޒިހާނަށް ޔަގީންކުރެވުނެވެ. އެހެނަސް ޒިހާން ނޭނގޭ ކަމަށް ހެދެމުން ފުރިހަމަ ހިނިތުންވުމަކާއެކީ އެމީހާއާ ވާހަކަ ދައްކަން ފެށީ އެމީހާގެ ބަހުރުވައިންނެވެ. އެ ބަހުރުވައިން ވާހަކަ ދެއްކުމުން އެމީހާއަށްވެސް ލިބުނު ހައިރާންކަމާއެކީ އޭނާ ޒިހާނަށް ބަލައިލަމުން ވާހަކަ ފެށިއެވެ. ތިއި ކޮން ގައުމެއްގެ މީހެއްތޯ އެ ޒުވާނާ އެހިއެއްކަމަކު ޒިހާން އެއަށް ޖަވާބު ދިނުމެއްނެތި އެމީހާގެ ކާރާ ބެހޭގޮތުން ސުވާލުކުރަން ފެށިއެވެ. މިއީ ކޮން ބްރޭންޑެއްގެ ކޮން މޮޑެލްއެއްތޯ އަހައި ކާރުގެ ވަށައިގެން ބަލަމުން ސުވާލުކުރީ ތިމަންނަ މިކަހަލަ އަގުހެޔޮ ކާރެއް ގަންނަން އުޅޭތާ ވަރަށް ދުވަސްވެފައިވާ ކަމަށް ބުނަމުންނެވެ. އެއަށްފަހު އޭނާއަށް ކާރުގެ އެތެރެ ބެލިދާނެތޯ ސުވާލުކުރުމުން އެމީހާ ސީރިއަސް ނަޒަރެއްގައި ހުރެވެސް ކާރުގެ ދޮރު ޒިހާނަށްޓަކައި ހުޅުވައިލަދިނެވެ. ޒިހާން ވަގުތުން އެކާރަށް ތައުރީފު ކުރަމުން އޭގެ ކުރީ ބަޔާއި ފަހަތު ބައި ވެސް ބަލަމުން ނޫންކަމަށް ހަދާފައި ފަހަތު ބައިގެ ސީޓް ކައިރީގައި ކުޑަކުޑަ ޓްރެކަރެއް ބޭއްވިއެވެ. އެއަށްފަހު ކާރުގެ ދޮރުތައް ލައްޕާލަމުން އެމީހާއަށް ހިނިތުންވެލީ ވެސް ކާރަށް ތައުރީފު ކުރުމުންނެވެ. އެއަށްފަހު ޔުނާއަށް ހޮޓެލުން ނިކުމެވުމުގެ ކުރިން ހޮޓެލަށް ވަދެގެން ދިޔައެވެ. އެ ދިޔަ މަގުމަތީގައި ޔުނާއާ ދިމާވިއެއްކަމަކު ޒިހާން ދެން ޔުނާއާއެކީ ބޭރަށް ދާން ހިޔާލެއް ނުކުރިއެވެ. އެމީހާއަށް ކުޑަވެސް ޝައްކެއް ވާން ބޭނުމެއް ނުވީތީވެއެވެ. އޭނާ ޔުނާއާއެކީ ދޮރާ ހަމައަށް ނުދިޔުމުން ޔުނާ ދެރަވާކަން އެނގުނެއްކަމަކު ޒިހާން މަޑުކޮށްލީ ޔުނާގެ ރައްކާތެރިކަމަށްޓަކައެވެ.

ޔުނާ ދިޔަތާ އިރުކޮޅެއްގެ ތެރޭގައި ޒިހާން ހޮޓެލުގައި ހުރެގެން އެ ޓްރެކަރު އޭނާގެ ފޯނާ ގުޅިފައިވޭތޯ ޔަގީންކުރިއެވެ. އެއަށްފަހު ޓެކްސީއަކަށް ގުޅައިލަމުން އެ ޓެކްސީއަށް އަރައި އެ ވަގުތުން އެ ވަގުތަށް ވެސް ޔުނާ އެރި ކާރުގެ ފަހަތުން ދާން އެންގީ ޔުނާ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށެވެ.

އާނއެކެވެ. އޭނާ ޔުނާ ރައްކާތެރިކުރާނެއެވެ. އިހުނަށްވުރެ ވަރުގަދަ ޢަޒުމަކާ އެކީގައެވެ. ޔުނާގެ ދުލުން އޭނާގެ ދެކެ ލޯބިވާ ވާހަކަ ބުނާ އަޑު ނުއިވެނީސް އޭނާ ޔުނާއަށް ގޮތެއް ވިޔައެއް ނުދޭނެއެވެ. އަދި އެ ވާހަކަ ތަކުރާރުކޮށް އަޑުއަހަމުން ދިޔުމަށްޓަކައި އެ ރައްކާތެރިކުރުމުގައި ދެމިހުންނާނެއެވެ.

ޒިހާން އިން ޓެކްސީ ފަޅު ހިސާބަކަށް ގޮސް މަޑުކޮށްލުމާއެކު ޒިހާނަށް ކާރުން ފޭބުނީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ. އެ ހިސާބުގައި މަޑުކޮށްފައި އޮތް އެއްކަލަ ޑްރައިވަރުގެ ކާރު ހުހަށް އޮތް މަންޒަރު ފެނިފައި އޭނާއަށް މި އާދެވުނީ ލަހުންތޯ ހިތް ސުވާލުކުރި ހިނދު ސިކުންތުކޮޅަކަށް ނޭވާވެސް ހުއްޓުނެވެ. އެހެނަސް ހަމަ އެވަގުތު ވާތް ފަރާތުން ފެންނަމުން ދިޔަ ގެ ޒިހާނަށް ފާހަގަވިއެވެ. އެ ގޭގެ ކުޑަދޮރުން ގޭގެ ތެރެ ދިއްލާލެވިފައިވި މަންޒަރު ފެނިފައި ޒިހާން ދުވެފައި ގޮސް އެގެއާ ހަމަ ކުރިއެވެ. ގޭގެ ދޮރާ ހަމަވުމާއެކު ޓަކި ޖަހައިލަން އުޅުނު ވަގުތު ވާހަކަ ދައްކާ އަޑު އިވުނުހެން ހީވުމުން ޒިހާނަށް މަޑުކޮށްލެވުނެވެ.

"ދެޓްސް ރައިޓް! ޔުނާއަށް އޮތީ މި ދެގޮތް. އެއްގޮތަކީ އަހަންނާ އެކީގައި އެ ކޮޓަރިއަށް ދިޔުން. އަނެއް ގޮތަކީ މި ހުރި ތަނަށް މަރުވުން. ގޮތެއް ހިޔާރުކުރަން އަހަރެން ދޭނަން ވަގުތުކޮޅެއް.... މާ އުނދަގޫ ނިންމުމެއް ނޫން ކަންނޭނގެދޯ؟ އަޅެ ތެދުތެދަށް ބުނެބަލަ. ޔުނާ ބޭނުމެއްނުވޭތަ އަހަރެން ކަހަލަ މީހަކާއެކީ އެއްކޮޓަރިއެއްގައި.... އެއް އެނދެއްގައި.... އަހަރެންގެ އަތުތެރޭ....." އެ ވާހަކަ އިވެން ފެށި ހިނދުވެސް އެއީ ކާކުގެ އަޑެއްކަން ޒިހާނަށް ޔަގީންކުރެވުނެވެ. ޖިނާހު ޔުނާއަށް އެ ދިން އިންޒާރާއެކީ އެންމެ ފަހުން ބުނަން ފެށި ބަސްތައް އިވި ޒިހާންގެ ދަތްކުނޑި ވިކުނެވެ. އެ ވަގުތުން އެ ވަގުތަށް ވެސް ދޮރަށް ގޮތެއް ހަދައިލަން ހިތަށް އެރި ހިނދު ޔުނާގެ ހަރު އަޑު އިވިގެން ދިޔައެވެ.

"މަރާލާ!" ޔުނާ އެ ބުނެލި ބަހާ އެކީ ޒިހާން ހުއްޓުން އަރާ ގޮތްވިއެވެ. ޔުނާ ހަމަ އެ ދަރަޖައަށް ވެސް ޖިނާހަށާއި ޖިނާހު އެ ދައުވަތު ދިން ފާހިޝް އަމަލަށް ނަފްރަތު ކުރަނީތާއޭ ޒިހާންގެ ހިތަށް އެރިއެވެ. ދެން އިވިގެން ދާނީ ޔުނާ އެ ކުރާ ނަފްރަތުގެ ވާހަކަ ކަމަށް ޒިހާން ހީކުރިއެވެ. ޔުނާގެ ދޮންބެވެސް ޔުނާ އެފަދަ ކަމެއް ކުރުމަށް ނޭދޭނެ ކަމަށް ބުނާނެ ކަމަށް ހީކުރެވުނެވެ. އެހެނަސް......

"ބޭނުމެއްނޫން...... ޒިހާންގެ މަގާމު އެހެން އެއްވެސް މީހަކަށް ދޭކަށް ބޭނުމެއް ނޫން. ޒިހާން ދެރަ ކުރާކަށް ބޭނުމެއް ނޫން. އަހަރެން ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގައި ވަނިކޮށް އެ ހިތާމައިން އަރައިގަންނަން އަހަންނަށް އެހީވެދިނީ ޒިހާން. އަހަރެން ޒިހާން ދެކެ ލޯބިނުވާއިރު ވެސް އަހަންނަށް ލޯބިދިނީ ޒިހާން. ޒިހާން އަމިއްލައަށް ދެރަވި ދުވަސްތަކުގައިވެސް އަހަރެން ހިނިތުންވެ ހުރޭތޯ ޔަގީންކުރީ ޒިހާން. ވީއިރު އަހަންނަށް ޒިހާނަށް އެހާ ބޮޑު ހިތާމައެއް ނުދެވޭނެ. ދިރި ނޫޅެވޭނެ އޮޅުމަކުން ވިޔަސް ޒިހާނަށް އެފަދަ ހިތާމައެއް ދެވިއްޖެއްޔާ. އަހަންނަށް ކެތެއް ނުކުރެވޭނެ ޒިހާން ވޭނުގައި އުޅޭތަން ދެކެން." ޔުނާ ރޮވިފައިވާ އަޑަކުން ދެއްކި އެ ވާހަކަތައް އިވި ޒިހާނަށް އެ ދޮރުގައި ޖައްސައިގެން ހުރި އަތުގެ އިނގިލިތަކަށް ބާރުކޮށްލެވުނީ އެ އަތުން ވާގި ދޫވާން އުޅުނުހެން ހީވުމުންނެވެ. އެ ހިނދު އޭނާގެ ހިތް ޖަޒުބާތުން ފުރިގެން ދިޔަ ހިނދު ލޮލުން ކަރުނަވެސް ނީރާލިއެވެ. އެހެނަސް އެ ޖަޒުބާތުތަކަށް ނުގެއްލެނީސް އަނެއްކާވެސް ޖިނާހުގެ އަޑުއިވުނެވެ.

"މިއީ ޔުނާ އަމިއްލައަށް ނިންމި ނިންމުމެއް." ޖިނާހުގެ އެ ބަސްތަކަށް ފަހު ފިސްތޯލެއް ތައްޔާރުކުރެވުނު އަޑު އިވުނުހެން ހީވުމާއެކު ޒިހާނަށް ދޮރުގެ ތަޅުގައި ހިފާލެވުނީ އިހުތިޔާރަކާ ނުލައެވެ. ދޮރު ތަޅުލާފައި ވުމުން ރުޅިވެރިކަމާއެކީ ގޮށްމުއްކަވައި ދޮރުގައި ތެޅެން ފެށީ ހިތުގައި އުފަންވި ރުޅިވެރިކަމާ އެކީގައެވެ. ހަމަ އެވަގުތު ޖިނާހުގެ ހުތުރު ބަސްތައް އިވިފައި އޭނާ މި ދޮރު ނުހުޅުވާނެކަން ޔަގީންވިއެވެ. އެހެންކަމުން އެހެން ގޮތެއް ހޯދުމަށްޓަކައި ޒިހާން އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ދަނިކޮށް ފުރާޅުގައި ހުރި ކުޑަދޮރުތައް ފެނުނެވެ. އިސާހިތަކު ޒިހާން ދުވެފައި ގޮސް އެ ގެ ކައިރިން އެތާ ހުރި ބާ އިމާރާތުގެ ތެރެއަށް ވަދެ އެ އިމާރާތުގެ ސިޑިން ދެވަނަ ފަންގިފިލާއަށް ދިޔައެވެ. އެއަށްފަހު އެ ފަންގިފިލާގައި ހުރެ ތިރިން ފެނުނު ގޭގެ ފުރާޅު މައްޗަށް ފުއްމާލިއެވެ.

އޭގެ ފަހުން ޒިހާން ޖިނާހާ ކުރިމަތިލީ އޭނާގެ ކިބައިގައި ކުރިން ނެތް ހިތްވަރަކާ އެކީގައެވެ. އެވަގުތުކޮޅު ނިމި އޭނައާ ޔުނާ އެކަނިވާނެ އިރަކަށް އެވަގުތު ވެސް ޒިހާންގެ ހިތް ކެތްމަދުވެފައިވިއެވެ. ޔުނާ ދެންމެ އެ ދެއްކި ވާހަކަތަކާ މެދު ޒިހާން ވާހަކަ ދައްކަން ބޭނުންވިއެވެ. ޔުނާ އޭނާގެ އަތުތެރެއަށް ގެނެސް ޔުނާ ހިތްހަމަޖައްސައިލަދޭން ބޭނުންވިއެވެ. ޖިނާހު ބަލިކޮށްލެވުމާއެކުހެން ޒިހާން ޔުނާއާއެކީ އެ ގެއިން ނިކުމެގެން ދިޔައީ މިފަދަ އުއްމީދުތަކާ އެކީގައެވެ. އެހެނަސް ވަކި ހިސާބަކުން އޭނާ ބަލިވެ ބިމަށް ތިރިވެގެން ދިޔައީއެވެ. އެ ހާލުގައި ވެސް ޔުނާ ނުރައްކަލުން ރައްކާތެރިކުރުމަށް އޭނާއަށް ހަރަކާތެއް ގެނެވުނު ގޮތުން ޚުދު ޒިހާން ވެސް ހައިރާންވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ބުރަކަށްޓަށް ވަޒަން އެރި ދިމާލުން ތަދެއް ހިފައި މުޅި މީހާ ހުއްޓުން އެރީ ޔުނާގެ ހަޅޭކުގެ އަޑު ކަންފަތަށް އިވުނު ވަގުތެވެ. ޔުނާ އޭނާގެ ނަމުން ގޮވާލި އަޑާއެކީ ޔުނާ އޭނާގެ މޫނަށް ބަލައިލި ވަގުތު ޒިހާނަށް ޔުނާގެ މޫނު ފެނުނީ ފުސްކޮށެވެ. އެކަމާ މެދު ހިތުގައި ޝަކުވާ އުފެދުނީ މިއީ އޭނާއަށް ޔުނާ ފެންނާނެ އެންމެ ފަހު ފަހަރުތޯ އެ ހިތް ސުވާލުކުރި ހިނދެވެ. ހަމަ އެހިނދު ދުލުގެ ހަރަކާތުން ޝަހާދަތުގެ ދެކަލިމަ ކިޔައިލެވުނީ ﷲ މަތިން ހަނދުމަކުރަމުންނެވެ. މި ދުނިޔޭގައި އޭނާ ޔުނާއާ ގުޅުވައިދިން ފަރާތް އާޚިރަތުގައިވެސް އޭނާ ޔުނާއާ ގުޅުވައިދޭނެކަމުގެ އުއްމީދުގައެވެ.

**

ޖެހިގެން އައި ދެ ދުވަސް ވޭތުވެ ދިޔައީ ކިހިނެއްކަމެއް ވެސް ޔުނާއަށް ސާފެއް ނުވިއެވެ. ޒިހާން ހޭނެތިގެން އޭނާގެ އަތުތެރެއަށް ވެއްޓުނު ވަގުތު ކޮޅުން ފަށައިގެން ޔުނާއަށް ބާރަށް ރޮއިގަނެވުނެވެ. އެ ރޮއިގަނެވުނު ވަގުތު ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމާއެކީ ޔުނާއަށް ރަނގަޅަށް ވިސްނޭ ގޮތެއްވެސް ނުވިއެވެ. އެނގުނުހާ ވެސް ކަމަކީ އޭގެ އިރުކޮޅެއްފަހުން އެމްބިއުލާންސްގެ އަޑު އިވުނުކަމެވެ. އެއާއެކު ޔުނާއަށް ލިބުނު އާ ހިތްވަރަކާއެކީ ޒިހާން ސްޓްރެޗާރއަށް އަރުވަން އައި ދެމީހުންނަށް އެހީވެވުނީ ހަމަހޭ ގެއްލިފައިވާ ހާލުގައެވެ. އެމީހުން ފަހަތުން ދުވެފައި ގޮސް އެމްބިއުލާންސަށް އެރުނީ އެތާ ދެން ތިބި ދެމީހުންނަށް ވެސް ވިސްނުމެއް ނެތިއެވެ.

އެމްބިއުލާންސްއިން ހޮސްޕިޓަލަށް ދެވެންދެން ވެސް ޔުނާއަށް ހުރެވުނީ ޒިހާންގެ އަތުގައި ހިފަހައްޓައިގެންނެވެ. އެ އަތުން ދޫކޮށްލެވުނީ ހޮސްޕިޓަލަށް ދެވި ޒިހާން އޮތް އެނދު ތިއޭޓަރާ ހަމައަށް ދިޔަ ވަގުތެވެ. އެ އެނދު ތިއޭޓަރަށް ވެއްދުމުން ވެސް ޔުނާއަށް އެ ހުރި ގޮތަށް އެ ދޮރު ކުރިމަތީގައި އެތައް އިރެއް ވަންދެން ހުރެވުނީ ކަރުނައިން ފުރި ބަންޑުން ވަމުން ދިޔަ ލޮލާ އެކީގައެވެ. ތިއޭޓަރުގެ ކުޑަ ދޮރުން ޑޮކްޓަރުންތައް ޒިހާންގެ އެނދުގެ ވަށައިގެން ތިބި މަންޒަރު ފެނި ޔުނާގެ މޭ ވަރުބަލިވިއެވެ. ހަމަ އެވަގުތު ޔުނާގެ ހަނދާނަށް އައީ ދޮންބެ ނިޔާވި ވާހަކަ އިވުނު ދުވަހެވެ. އެދުވަހު އޭނާއަށް ނުފެނުނު ކަމުގައި ވިޔަސް ދޮންބެވެސް ވީހީ މިފަދަ ތިއޭޓަރެއްގައިތާއޭ ހިތަށްއެރިއެވެ. ދޮންބެއަށް އެ ހާދިސާ ދިމާވީ އޭނާ ދޮންބެގެ ހިތްދަތިކޮށްފައި ވަނިކޮށެވެ. ދޮންބެ ނިމިދިޔައީ ވެސް އެ ހިތްދަތިކަމުގައެވެ.

މިއަދު އޭނާއަށް ޒިހާނަށް ވެސް މި ދެވުނީ އެފަދަ އަނިޔާއެއްތާއޭ ހިތަށްއެރިއެވެ. ޒިހާނަށް އެ ނުރައްކާތެރި އަނިޔާ އެ ލިބުނީ އޭނާ ޒިހާނަށް އެންގުމެއްނެތި އޭނާގެ ކުރީގެ ލޯބިވެރިޔާއާ ބައްދަލުކުރަން ގޮސްފައިވާކަން އެނގުމަށް ފަހުގައެވެ. ޖިނާހު ގޯސްކަން ޒިހާނަށް އެނގުނަސް އޭނާ ޖިނާހާ ބައްދަލުކުރަން ދިޔައީތީ ޒިހާން ދެރަވާނެ ކަމަށް ޔުނާގެ ހިތް ތަކުރާރުކޮށް ބުންޏެވެ. އެހާވަރުންވެސް ޒިހާން އަމިއްލަ ރައްކަލަށްވުރެ ވެސް އެ އިސްކުރީ އޭނާގެ ރައްކަލެވެ.

މިފަދަ ހިޔާލުތައް ހުއްޓުމެއްނެތި ޔުނާގެ ސިކުނޑީގައި އެނބުރެމުން ދިޔަދިޔަހެން އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ. އަދި އަމުދުން އޮޕަރޭޝަންގެ ތެރެއިން ބައެއް ޑޮކްޓަރުން ތިއޭޓަރުން ނިކުމެ މާ ބޮޑު އުއްމީދެއް ނެތްކަމަށް ބުނަމުން ދިޔަ ގޮތުން އެ އިހުސާސް ދެގުނަވިއެވެ. އޭނާއަށް ވަނީ އެފަދަ ހިތްދަތި ގޮތަކަށް އޭނާގެ ދޮންބެ ގެއްލިފައެވެ. ހަމަ އެފަދައިން ޒިހާން ގެއްލިގެން ގޮސްފިނަމަ ޔުނާއަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މައާފެއް ނުކުރެވޭނެއެވެ.

ޔުނާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ ގަޑިއިރުތަކެއްގެ އޮޕަރޭޝަނަކަށްފަހު ޑޮކްޓަރުން ޒިހާން ތިއޭޓަރުން ނެރެމުން އޮޕަރޭޝަން ކާމިޔާބު ކަމަށް ބުނުމުންނެވެ. އެހެނަސް އަދިވެސް ޒިހާން ހޭއެރުމުން ނޫނީ ހުރިހާ ކަމެއް ޔަގީން ނުވާނެ ކަމަށް ބުންޏެވެ. ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ވެސް ޒިހާން ހޭނޭރުމުން ޔުނާއަށް ޒިހާންގެ އެނދު ކައިރީގައި އިނދެގެން ވާހަކަ ދެކެވުނެވެ. ޒިހާން ރަނގަޅުވެލާށޭ ބުނަމުންނެވެ. ތިމަންނަ އަދި ދައްކަން ޖެހޭ ވާހަކަތައް އެބަހުރި ކަމަށް ބުނަމުންނެވެ. ސިކުނޑިއަށް ވެރިވެފައިވި ކަންބޮޑުވުމާއި ހާސްކަމުގެ ސަބަބުން ޔުނާ ކާންވެސް އަދި ނިދަން ވެސް ހަނދާނެއް ނެތެވެ. އަބަދުހެން އިނދެވެނީ ޒިހާންގެ އެނދު ކައިރީގައި ޒިހާންގެ އަތުގައި ހިފަހައްޓައިގެންނެވެ.

ޔުނާ ނުނިދާތާ 24 ގަޑިއިރަށްވުރެ ގިނަވުމުން އެންމެ ފަހުން ނިދާލެވުނީ ޒިހާން އޮޕަރޭޝަން ކުރިތާ ދެވަނައަށް ވީ ދުވަހުގެ ހަވީރު ވަގުތެވެ. އެހިނދު މެދުމިނަކަށް އޮހެމުން ދިޔަ ވާރޭގެ އަޑު އިވެމުން ދިޔައިރު އެނދުގެ އެއްފަރާތަކުން ފެންނަމުން ދިޔަ ކުޑަ ދޮރުގައި ވާރޭ ތިކިތައް ޖެހި ފައިބަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ.

ޖެހިލި ވައިރޯޅިއާއެކީ ވާރޭ ނުހަނު ބާރު މިނެއްގައި އައިސް ކުޑަދޮރުގައި ޖެހުނު އަޑު އިވުނު ޒިހާންގެ މެރިފައިވި ދެލޯ ތަގުޅިވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ލަސްލަހުން ޒިހާންގެ ލޯ ހުޅުވިގެން ދިޔައެވެ. ވަށައިގެން ފެނުނު މަންޒަރުތަކުން އޮތް ތަން ނަގައިގަންނަން ޒިހާނަށް އިރުކޮޅެއް ނެގިއެވެ. މި ޕްރައިވޭޓް ވޯޑުގައި އޭނާ އޮންނަން ޖެހުނީ ކޮން ސަބަބަކާ ހެދިކަން ހަނދާންވި ވަގުތު ލައިގެން ހުރި ބަލިމީހާގެ ހެދުމުގެ ދަށުން ބުރަކަށްޓާއި މޭމައްޗަށް ވާގޮތަށް އެޅިފައި ހުރި ބޭސްގަނޑުގެ އިހުސާސްވެސް ކުރެވުނެވެ. އޭނާ އޮތް އެނދު ބޮލާ ކޮޅުން ކުޑަކޮށް މަތި ކުރެވިފައިވުމުން އިށީނދެގެން އިން ޔުނާ ވެސް ފާހަގަކުރަން އޭނާއަށް ގިނައިރެއް ނުނެގިއެވެ. ޔުނާގެ އަތް އޭނާގެ އަތް މަތީގައި އެޅިފައިވީއިރު ޔުނާ އެނދުމަތީގައި އޮށޯވެ އޮތީ އޭނާއާވީ ފަރާތަށް މޫނު ލައިގެންނެވެ. އެހިނދު އެމޫނުމަތިން ފެނުނު އަސަރުން އިސާހިތަކު ޒިހާންގެ ހިތް ދެރަވިއެވެ. ޔުނާގެ މެރިފައިވި ދެލޯ ދުޅަވެފައިވީއިރު ނޭފަތް ރަތްވެފައިވިއެވެ. ތުންފަތް ވެސް ހިކިފައިވި ގޮތުން ފެންފޮދެއް ނުބޯތާ ވެސް ގިނައިރު ވެފައިވާކަން އެނގެއެވެ.

ހިތަށް ވެރިވި ޖަޒުބާތުތަކާއެކީ ޒިހާން އޭނާގެ އަތް ޔުނާގެ އަތްދަށުން ނަގައި ޔުނާގެ އަތުގައި ހިފައިލަމުން ބޮޑުވާ އިނގިލިން އެ އަތުގައި ފިރުމާލިއެވެ. ހަމަ އެހިނދު ޔުނާގެ ލޯ ލަސްލަހުން ހުޅުވިގެން ދިޔައެވެ. ޒިހާން ހޭލާ ހުރި މަންޒަރު ފެނިފައި ޔުނާ ސީދާވެލީ ކުއްލި ގޮތަކަށެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާގެ އަނގައިން ނިކުތް ލުއި އާހުގެ އަޑާއެކީ ޔުނާ ހިނިތުންވެލީ މަންޒަރު ޒިހާނަށް ފެނުނެވެ.

"ޒިހާން.... ޒިހާން ހޭލާދޯ ތިހިރީ؟ މިއީ ހުވަފެނެއްތަ؟" ޔުނާ އޭނާގެ އަނެއް އަތް ޒިހާންގެ އަތް މަތީގައި އަޅަމުން އެހެން ބުނެލި ހިނދު އޭނާގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އެ މަންޒަރު ފެނިފައި ވެސް ޒިހާންގެ ހިތަށް ތަދުވިއެވެ.

"ނޫނޭ ޔުނާ.... މިއީ ހުވަފެނެއް ނޫން. އަހަރެން މިހިރީ ޔުނާގެ ކައިރީގައި." ޒިހާން ޔުނާގެ އަތަށް ފިތާލަމުން ޔަގީންކަން ދިނެވެ. ޔުނާ ދެވަނަ ފަހަރަށް ވެސް ލުއިގޮތަކަށް ހީލިއެވެ.

"ޒިހާން ރަނގަޅުތަ؟ ތަދު އެބަވޭތަ؟ ނޭވާ އެބަ ލެވޭތަ ރަނގަޅަށް؟ ޑޮކްޓަރުން ބުނި އަދި ދުވަސްކޮޅެއް ވަންދެން ނޭވާ ލާން ދަތިވެދާނެއޭ. އަންނާނަން އިނގޭ ޑޮކްޓަރަކު ގޮވައިގެން....." ޔުނާ އެ ވާހަކަ ދައްކަމުން ކޮޅަށް ތެދުވިއިރު ވެސް އޭނާގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ޔުނާ ދާން އުޅުމުން ވެސް ޒިހާން ޔުނާގެ އަތުގައި ހިފަހައްޓައިގެން ހުރުމުން ޔުނާއަށް ދެވޭ ގޮތެއްނުވިއެވެ.

"އަހަރެން ރަނގަޅޭ ޔުނާ. ޔުނޫ އިރުކޮޅެއް ވަންދެން އަހަރެން ކައިރި ހުންނަންވީއެއްނު؟ އަހަރެންގެ ހިތަށް ތަދުއެބަވޭ ޔުނޫ ދެރަވެފައި ހުރިތަން ފެނުނީމަ..." ޒިހާން ކުރެހިފައިވާ އަޑަކުން ބުންޏެވެ. ޒިހާންގެ އެ ބަސްތައް އިވިފައި ޔުނާ ފަސް އެނބުރި ބަލައިލުމެއްނެތި ހުރިގޮތަށް ހުރީއެވެ. ސިކުންތުކޮޅެއް ފަހުން ޔުނާގެ ރޮވިފައިވާ އަޑު އިވުނެވެ.

"ދެން ކީއްވެ؟ އަހަރެން ދެރަވާނެކަން އެނގިހުރެ ކީއްވެ އެކަހަލަ ކަމެއް ކުރީ؟ ކޮންމެހެން ޖެހޭތަ އަހަރެން ހުރިހާ ހާލަތަކުން ސަލާމަތް ކުރަން؟" ޔުނާ އެ ފަހު ސުވާލުކޮށްލީ ޒިހާނަށް ބަލައިލަމުންނެވެ. ޒިހާން ހިތާމަވެރި ލޮލާ އެކީ ލުއި ގޮތަކަށް ހީލިއެވެ.

"އަހަރެން މިއީ ޔުނޫގެ ބޮޑީގާޑެއްނޫންތަ؟ ޔުނޫގެ ޤައްވާމްއެއްނު؟ ހަނދާން އެބަހުރި؟" ޒިހާން އުފާވެރި ގޮތެއް ގެންނަން މަސައްކަތް ކުރަމުން ޔުނާގެ އަތަށް ދަމާލިއެވެ. އެއާއެކު ޔުނާ އަނެއްކާވެސް ގޮނޑީގައި އިށީނެވެ.

"ހުމް.... ހަނދާން އެބަހުރި. އެހެންވެއްޖެއްޔާ ޒިހާން ޖެހޭނެދޯ އަހަރެންގެ އިހުސާސްތަކާ މެދު އަޅައިލާން؟ ކިހިނެއް އަހަރެންގެ ޤައްވާމްއަށް ވެހުރެ އަހަންނަށް މިހާ ބޮޑު ދެރައެއް ތި ދިނީ؟" ޔުނާ އިސްޖެހިފައި އިނދެ ދެންވެސް ހުއްޓުމެއް ނެތް ކަރުނަތަކާއެކީ ސުވާލުކުރިއެވެ. ޒިހާން ލަސްލަހުން ޔުނާގެ މޫނުގައި އެއް އަތުން ހިފަހައްޓައިލިއެވެ.

"އަސްލު ހިއެއް ނުކުރަން ޔުނޫ ތިހާ ދެރަވާނެ ކަމެއް...." ޒިހާން ތެދުތެދަށް ބުނެލީ ޔުނާގެ ކަރުނަތައް ފޮހެދެމުންނެވެ.

"ކީއްވެ އެހެން ހީކުރަންވީ؟! އަހަރެން ބޭނުމީ ޒިހާން ސައްހަ ސަލާމަތުން އުފަލުން ހުރިތަން ދެކެން!" ޔުނާ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އަޑުހަރު ކުރި ވަގުތު އޭނާއަށް އިތުރަށް ރޮވެން ފެށިއެވެ. ޔުނާއަށް ގިސްލެވެން ފެށުމުން ޒިހާން އުނދަގުލާއެކީ ވެސް ސީދާވެލަމުން ޔުނާގެ ގާތަށް ޖެހި ޔުނާ އޭނާގެ އަތުތެރެއަށް ގެނައެވެ. ޔުނާގެ ބޮލުގައި ފިރުމަން ފެށި ވަގުތު ޔުނާގެ ގިސްލުން ކުޑަކޮށް މަދުވެގެން ދިޔުމުން ޒިހާނަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެހިނދު އިވިގެން ދިޔަ ބަސްތަކުން ޒިހާންގެ ނޭވާ މެދުކެނޑުނެވެ.

"އައި ލަވް ޔޫ، ޒިހާން...." އޭނާގެ މޭމަތީގައި ބޯއަޅައިގެން އޮވެ ޔުނާ ބުނެލީ އެ ބަސްތަކެވެ.

-- ނުނިމޭ --