ކާބުލްގެ ޔުނިވާސީޓިއެއްގައި ބަޑިން ހަމަލާދީ 19 ދަރިވަރަކު މަރާލައިފިއެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޔުނިވާސިޓީގެ ކެމްޕަސްގައި ދަރިވަރުންނަށް ހަމަލާ ދިނުމަށްފަހު އެގައުމުގެ ސަލާމަތީ ބާރުތަކަށްވެސް ހަމަލާދީފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ޔުނިވާސިޓީގެ ދަރިވަރަކު ރޮއިޓާސްއަށް މައުލޫމާތުދެމުން ބުނީ ބަޑި ހިފައިގެން އައި މީހާ، ފެންނަ ކޮންމެ މީހެއްގެ ގަޔަށް ބަޑިޖަހަމުން ދިޔަ ކަމަށާއި އޭނާވެސް ސަލާމަތްވީ ހަމަކިރިޔާ ކަމަށެވެ.

ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައިނުވާ އިރު، ތާލިބާނުންވެސް ވަނީ އެ ގްރޫޕުގެ އަމަލެއް ނޫން ކަމަށް ބުނެފައެވެ.

މަންޒަރު ދުށް ފަރާތަކުން ވަނީ ބަޑީގެ އަޑު އިވުމުގެ ކުރިން ބާރު އަޑުފައްގަނޑެއްގެ އަޑު އިވުނު ކަމަށް ބުނެފައެވެ.

އަފްޣާން ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާގައި 22 މީހަކަށް ވަނީ އަނިޔާވެފައެވެ.