ގެއްލިގެން ހޯދަމުންދަނިކޮށް އަމިއްލައަށް ގެއަށް އައި އަންހެން މީހާ ރަހީނުކޮށް ބްލެކްމައިލްކޮށްގެން އޭނާ އަތުން ފައިސާ ހޯދި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ހޯދަމުން އައީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ 1:30ގެ ފަހުން ހަބަރެއް ނުވެގެން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓްކުރީ އެރޭ 10:45 ގައެވެ. އޭނާ އަމިއްލައަށް ގެއަށް އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށް އައި މީހާ ބަޔަކު ވެގެން ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމައިލްކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ޝިރުމީނާ ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ޝިރުމީނާގެ އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނާގޮތުގައި ބަޔަކު އޭނާ ރަހީނުކޮށް ގިނަ އަނިޔާއެއްދީ، އޭނާ އަތުން 25،000 ރުފިޔާ ވަނީ އަތުލައިފައެވެ.