(31 އޮކްޓޫބަރުގެ އަދަދާ ގުޅޭ)

އަލްފާންސޫ މުސްލިމުންގެ އެއްރަސްކަލެއްގެ ކޮނޑުފުޅަށް އެކުވެރިކަމުގެގޮތުން އަތްޕުޅު އެއްލަވާއިރު އަނެއް ބޭފުޅަކަށް ބިރުދައްކަވައިގެން އެބޭފުޅެއްގެ ސަރަޙައްދުން ބައެއް އަތުލައްވައެވެ. ތިންވަނަ ބޭފުޅަކު ރަޙުމަތްތެރިއަކަށް ހައްދަވައިގެން ހަތަރުވަނަ ބޭފުޅެއްގެ ސަރަޙައްދުން ބައެއް އޭނާގެ ބާރުފުޅުގެ ދަށަށް ގެންދަވައެވެ. އަލްފާންސޫގެ މަޤުޞަދަކީ މުސްލިމުންގެ ދެއަތަށް ކިރިކިރިއޮތް ވެރިކަމުގައި އެންމެފަހުގެ އެތިފަހަރު ޖެއްސެވުންކަމީ އެކަކަށްވެސް ވަންހަނާވެފައިއޮތް ކަމެއްނޫނެވެ. އަންދަލުސުގެ މުސްލިމް އާއްމުން ތިބީ އިންތިހާދަރަޖައަށް ފިކުރު ބޮޑުވެފައެވެ. އެބައިމީހުންގެ އާމްދަނީގެ ބޮޑުބައި ދައްކާންޖެހެނީ އެބައިމީހުންގެ ވެރީންނަށެވެ. ވެރިކަމުގެ އެއްވެސް ޤާބިލިއްޔަތެއް ނެތް ވެރީންނަށެވެ. އެބޭފުޅުން އަލްފާންސޫއަށް ޖިޒީ ދެއްވުމަށްޓަކައެވެ. ޓެކްސްގެ ބަރުބޮޑުވުމުގެ ސަބަބުން އަންދަލުސުގެ މުސްލިމުންގެ މަސައްކަތްތެރިކަންވަނީ ހީނަރުވާން ފަށައިފައެވެ. ބައެއް ސަރަޙައްދުތަކުގެ އަމީރުން މުސްލިމުންގެ ލޭ އިތުރަށް ހިއްޕެވުމަށްޓަކައި ޓެކްސް ނަންގަވަން ހަވާލުކުރައްވައިފައިވަނީ ޔަހޫދީ ކަރުދާވެރީންނާއެވެ. ޙައްޤަށާއި އިންސާފަށް ލޯބިކުރާ މުސްލިމުން ތިބީ އަންދަލުސު ސަލާމަތްކޮށްދެއްވާނެ މުސްލިމް މުޖާހިދަކަށް ބަލަބަލައެވެ.

* * * * * * * * * * *

އިޝްބީލިއްޔާގެ أميـر مـعتـمد އަކީ ވަރަށް މަތީދަރަޖައިގެ ޝާޢިރެކެވެ. ނަމަވެސް އޭނާ ރަސްކަލަކަށް ވީކަމީ ޤައުމެއްގެ ނަސީބު ދެރަކަމެވެ. مـعتـمد ގެ އަރިހުގައި އުޅޭ އެންމެންނަކީވެސް ޅެންވެރީންނެވެ. ވަޒީރުންނާއި، ދަރަޖަވެރީންނެވެ. ސިފައިންގެ އޮފިސަރުންނާއި، އަނބިއަނބިކަނބަލުންވެސްމެއެވެ. އޭނާ ގެންގުޅުއްވާ އަޅު އަންހެންކުދީންނާއި، އޭނާގެ ގަނޑުވަރުގެ ދެކުނުފަރާތުގެ ފިރިހެން ނޯކަރުންވެސްމެއެވެ.

إبـن عمّـار އަކީ ބަނޑުފުރާނަ މުއްތިކުރައްވާނެ ގޮތެއްގެ ފިކުރުގައި އުޅުއްވި ޝާޢިރެކެވެ. ދުވަސްކޮޅެއްގެ ކުރީން ޝަލަބު ފަތަޙަކުރެއްވުމަށްޓަކައި مـعتـضد ލަޝްކަރެއް ފޮނުއްވިއެވެ. އޭނާ އެލަޝްކަރުގެ ސިފައިންގެ ވެރިއަކަށް ހެއްދެވީ އޭނާގެ ތުއްޕުޅު ދަރިކަލުން مـعتـمد އެވެ. مـعتـمد އާއި إبـن عمّـار އާ ބައްދަލުވެވަޑައިގެންނެވީ އެރަށުގެ ޙިޞާރުގައި ތިއްބެވި ދުވަސްވަރުގައެވެ. إبـن عمّـار مـعتـمد އަށް ތާރީފުކުރައްވައި ހެއްދެވި އެންމެފުރަތަމަ ޅެމުންވެސް އޭނާއަށް مـعتـمد ގެ ހިތްޕުޅު މިލްކު ކުރެއްވިއްޖެއެވެ. ޝަލަބު ފަތަޙަވުމަށްފަހު އެތާނގެ ގަވަރުނަރުކަން ލިބިވަޑައިގަތީ مـعتـمد އަށެވެ. مـعتـمد އޭނާގެ މުޝީރަކަށް ހަމަޖެއްސެވީ إبـن عمّـار އެވެ. مـعتـمد އަކީ ޠަބީޢީ ޝާޢިރަކަށް ވެވަޑައިގަތުމާއެކުވެސް ސިފައިންގެ މީހެއްގެ ޚަޞީލަތްތައްވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާގެ ޒުވާންކަމުގެ ކުރީކޮޅުގައި ރަނގަޅު މުރައްބީއަކު ނުވަތަ ރަޙުމަތްތެރިއަކު ލިބިވަޑައިގެންނެވިނަމަ އަންދަލުސުގެ މުސްލިމުންގެ ކުރިއެރުމާއި، ތިޔާގިކަމުގެ އާ ދައުރެއްގެ ބަޠަލަކަށް އޭނާ ވެވަޑައިގަތީހެވެ. ނަމަވެސް إبـن عمّـار ގެ އެކުވެރިކަން އޭނާ އާދަކުރުވީ އެއްވަނަ ދަރަޖައިގެ މަޖާ ދިރިއުޅުއްވުމަކަށެވެ. ޝަލަބުގައި إبـن عمّـار އާއެކު مـعتـمد ހޭދަކުރެއްވި އަރާމާއި މަޖަލުގެ ދައުރުގެ ވާހަކަ އޭނާގެ ޅެންތަކުން މިހާރުވެސް ފެންނާން އެބަހުއްޓެވެ.

مـعتـضد އަވަހާރަވުމާ ވިދިގެން مـعتـمد ރަސްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވުމާއެކު އޭނާ ޝަލަބުގެ ގަވަރުނަރުކަން ދެއްވީ إبـن عمّـار އަށެވެ. إبـن عمّـار ގެ އެދިވަޑައިގަތުމުގެ މަތީންނެވެ. ޝަލަބަކީ އެރަށެއްގެ އަހުލުވެރީން އެއްދުވަސްވަރެއްގައި إبـن عمّـار ގެ ހަސްފަސްނެތުމަށް މަލާމާތް ކުރަމުން ގެންދިޔަ ރަށެކެވެ. ނަމަވެސް إبـن عمّـار އޭނާގެ ރަސްމީ ޢިއްޒަތުގައި ޝަލަބަށް ވެދެވަޑައިގަތީއެވެ. އެއްދުވަސްވަރެއްގައި އޭނާގެ މަސައްކަތްޕުޅަކީ އެރަށުގެ ވިޔަފާރިވެރީންނަށް ތާރީފުގެ ޅެން ހެއްދެވުމެވެ. މިއަދު إبـن عمّـار ގެ ފަހަތްޕުޅުގައި ޅެންވެރީންގެ ބައިގަނޑެއް އެބައޮތެވެ. إبـن عمّـار އެންމެފުރަތަމަ ކުރެއްވިކަމަކީ އޭނާ ހެއްދެވި ތާރީފުގެ ޅެމެއްގެ ބަދަލުގައި ފަލަ ގޮދަންކޮތަޅެއް ދިން ވިޔަފާރިވެރިޔާއަށް ރިހި ރުފިޔާގެ ކީސާއެއް ފޮނުއްވުމެވެ. إبـن عمّـار އެންގެވިއެވެ. އެދުވަހު އަހަންނަށް ހިމަގޮދަން ފޮނުވިނަމަ މިއަދު ރަން ފައިސާގެ ކީސާއެއް ފޮނުވީމުހެވެ. إبـن عمّـار އަކީ ފޮނިކަމާއި ކަންދެއްކެވުމުގެ ހައިހޫނުކަމުގައި ޖެހިވަޑައިގެންފައި ހުންނެވި ބޭފުޅެކެވެ. އޭނާ ޝަލަބުގެ ޚަޒާނާ ވަޔަށް ދުމަށް އުދުއްސައިލެއްވީ އޭނާގެ ދަރުބާރު ޒީނަތްތެރިކުރެއްވުމަށާއި، ނެށުމާއި ލަވަކިޔުމުގެ މަހެފިލުތައް ބޭއްވެވުމަށެވެ. ޝަރާބާއި ކަވާބުގެ ދަޢުވަތު ތަކަށެވެ. مـعتـمد ގެ ހިތްޕުޅު ހަމަޖައްސައިދޭން އިޝްބީލިއްޔާ ގައިވެސް ޝާޢިރުން މަދެއް ނޫނެވެ. ނަމަވެސް مـعتـمد އަށް މާގިނަދުވަހަކު إبـن عمّـار ގެ ވަކިވެވަޑައިގަތުން ބަރުދާހެއް ނުކުރެއްވުނެވެ. އޭނާ إبـن عمّـار ޝަލަބުން އިޝްބީލިއްޔާއަށް ގެންދަވައި އޭނާއަށް ވަޒީރުކަން ދެއްވައިފިއެވެ.

مـعتـمد ގެ އަރިސް މީހަކަށްވުމަށްޓަކައި ގިރާކުރާންޖެހޭ އެންމެ ފުރަތަމަ ހަރުފަތަކީވެސް އެންމެފަހު ހަރުފަތަކީވެސް ޅެންވެރިކަމެވެ. އެހެންކަމުން ދައުލަތުގެ ބޮޑެތި ހުރިހައި މަގާމުތަކެއް އަތުލައިފައިވަނީ ޝާޢިރުންނެވެ. ޤަޞްޠިލާގެ ހަތިޔާރު އުފައްދާ ތަންތާނގައި އިސްލާމްދީނުގެ ދުޝްމިނުން ހަތިޔާރުތައް އުފައްދައި ތޫނުކުރަމުން ގެންދިޔައިރު އިޝްބީލިއްޔާގެ ރަސްގެފާނާއި އޭނާގެ އަމީރުން އެތައްއެތައް ގަޑިއިރުތަކެއް ހޭދަކުރައްވަމުން ގެންދެވީ ޅެންބައިތެއްގެ ފިލިކޯޅި ހަމަކުރައްވައި، އޮމާންކުރައްވައި ފަށުވި ކުރެއްވުމުގައެވެ. ލިޔޫނާއި އައްނަވާރުގެ ފައްޅިތަކުގައި ޞަލީބަށް ފަތަޙަ ލިބުންއެދި ދުޢާކުރެވެމުން ދިޔައިރު އިޝްބީލިއްޔާގެ ގަނޑުވަރުތަކުގައި ޗާލޫވެފައިއޮތީ ރާބުއިމާއި ނެށުމުގެ މަހެފިލުތަކެވެ.

* * * * * * * * * * *

ޅެންވެރިކަމާއި إبـن عمّـار ފިޔަވައި مـعتـمد ގެ ހިތްޕުޅުގެ ލޯބި އެންމެބޮޑަށް މިލްކުކޮށްފައިވަނީ އަންހެންކުއްޖެކެވެ. مـعتـمد ޝަލަބުގެ ގަވަރުނަރުކަން ކުރެއްވި ދުވަސްވަރު ދުވަސްކޮޅަކަށް އިޝްބީލިއްޔާއަށް ވަޑައިގެންނެވިއެވެ.

إبـن عمّـار އޭނާގެ އަރިހުގައި ގެންދެވިއެވެ. އެއްދުވަހެއްގެ ހަވީރު ދެބޭފުޅުންވެސް ތިއްބެވީ ހެދުންކޮޅު ބަދަލުކުރައްވައިގެންނެވެ. ކޯރުގެ އައްސޭރީގައެވެ. ދެބޭފުޅުން މަޑުމަޑުން ހިންގަވަމުން ވަޑައިގެންނެވިއެވެ. ވައިރޯޅިތަކުގެ ސަބަބުން ކޯރުގެ ފެންގަނޑުގައި ކުދިކުދި ރާޅުތައް އުފެދެމުން ދިޔައެވެ. مـعتـمد އޭނާގެ އެކުވެރިޔާ ކޯރުގެ ފެންގަނޑުގެ މައްޗަށް ސަމާލުކުރައްވަމުން ޅެންބައިތެއްގެ ކުރީ ފޮޅުވަތް ވިދާޅުވިއެވެ.

"ނަސީމުގެ ވައިރޯޅީގެ ސަބަބުން ކޯރުގެ ރާޅުތައް ދަހަނާތަކަކަށް ވެއްޖެއެވެ."

އެބައިތުގެ ދެވަނަ ފޮޅުވަތާމެދު ދެބޭފުޅުން ޚިޔާލުފުޅު ކުރައްވަނިކޮށް ފަހަތްޕުޅުން އަންހެންކުއްޖެއްގެ ހުނުމުގެ އަޑު އިވިވަޑައިގެންފިއެވެ. އެއީ ރީތި، ޖެހިލުންކުޑަ ކުއްޖެކެވެ. އޭނާގެ އަޑުގައިވަނީ ބަހާރު މޫސުމުގެ ދޫނިސޫފާސޫފީގެ އަޑުގެ ހިތްގައިމުކަމެވެ. އޭނާ ލޮލުން ހޮނުއަޅުވަމުން ކުރިއަށްއައިސް ބުންޏެވެ.

"ފެންގަނޑުގެ ސަތުހު ގަނޑުވާނެނަމަ އެދަހަނާތައް ހަނގުރާމަވެރީންނަށް ބޭނުންކުރެވުނީހެވެ."

އެކުއްޖާގެ ހާޒިރު ޖަވާބަށްވުރެ ބޮޑަށް مـعتـمد ހިތްޕުޅަށް އަސަރުކުރުވީ އެކުއްޖާގެ ރީތި ބުރުސޫރައެވެ. އެކުއްޖާ ހިނިތުންވުމުގެ މާތައް އޮއްސަމުން ކުރިޔަށް ހިނގައްޖެއެވެ. مـعتـمد ހުންނެވީ އެސްފިޔަފުޅުވެސް ޖައްސަވައި ނުލެއްވިފައެވެ. إبـن عمّـار ގެ އިޝާރަތަކަށް އެކުއްޖާގެ ޚަބަރުބަލަން އޭނާގެ ފަހަތުން ނޯކަރެއް ހިނގައްޖެއެވެ.

އޭގެ އަނެއްދުވަހު ޚުވާޖާސަރާއަކު އެރީތި ރާނީ ޝާހީ ކިއްލާއަށް ހާޒިރުކުރުމުން އެކުއްޖާއަށް އެނގުނީ އޭނާގެ ކަތި ބަލައިލުމުގެ ޝިކާރަޔަކަށް ވެވަޑައިގަތީ އިޝްބީލިއްޔާގެ ވަލީޢަހުދު ކަމެވެ.

"ތިޔައީ ކޮންކުއްޖެއްތަ؟" مـعتـمد މާބޮޑު ސަމާލުކަމެއް ނުދެއްވާފާޑު ދައްކަވަމުން ސުވާލު ކުރެއްވިއެވެ.

"މާތް ސާހިބާ! އަޅުގަނޑަކީ ރަމީކުގެ އަޅުކުއްޖަކީން!"

"ކަލޭގެ ނަމަކީ؟"

"އަޅުގަނޑުގެ ނަމަކީ إعتمـاد. ނަމަވެސް ރަމީކުގެ އަޅަކަށްވާތީ މީހުން ކިޔައި އުޅެނީ ރަމީކިއްޔާ."

مـعتـمد އޭނާގެ ހިތްޕުޅުގައި إعتمـاد އާއި ރަމީކިއްޔާއާ ދެ ލަފުޒު ތަކުރާރު ކުރެއްވުމަށްފަހު ސުވާލު ކުރެއްވިއެވެ.

"ކަލޭ އުޅެނީ މީހަކާ އިނދެގެންތަ؟"

"މާތް ސާހިބާ! އަޅުގަނޑަކީ މީހެއްގެ އަޅެއް!" އޭނާ ކުޑަކޮށް ހިތާމަވެރި ރާގެއްގައި ބުންޏެވެ.

"ނޫން! ނޫން! ކަލެއަކީ ރަނިކަނބަލެއް. އަހަރެން މިބުނީ ކަލޭގެ އިޢުތިރާޟެއް ނެތިއްޔާ އިޝްބީލިއްޔާގެ ވަލީޢަހުދު މިހިރީ ކަލޭ އޭނާގެ ތާޖުގެ އަލިމަހަކަށް ހަދާން ތައްޔާރަށޭ!"

"ސާހިބާ ތިޔަ ސަމާސާ ކުރައްވަނީ!" ރަމީކިއްޔާ އޭނާގެ ޖަޒުބާތުގެ މައްޗަށް ބާރުފޯރުވޭތޯ މަސައްކަތްކުރަމުން ޖަވާބު ދިނެވެ.

مـعتـمد ވިދާޅުވިއެވެ. "އަހަރެންގެ ސުވާލަށް ޖަވާބުދީ ރަމީކިއްޔާ! ކަލޭ އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށްވާން ޤަބޫލުތަ؟"

ރަމީކިއްޔާ އޭނާގެ ދެލޯ ކަރުނައިން ފުރައިލަމުން ޖަވާބު ދިނެވެ. "މަނިކުފާނުގެ ކަނީޒަކަށް ވުމަކީވެސް އަޅުގަނޑަށް ލިބޭ ފަޚުރެއް. ނަމަވެސް ރަމީކުގެ އަޅުއަންހެންކުއްޖެއްގެ ޚިޔާލީ އުދުހުން މިފަދަ ގަނޑުވަރެއްގެ ހަތަރު ފާރުގެ އެތެރެއާ ހަމައަށް ފޯރާނީވެސް ކޮންގޮތަކަށްތޯ؟"

"އަހަރެންވަނީ ރަމީކުގެ އަތުން ކަލޭގެ މިނިވަންކަން ގަނެފައި. މިހާރަކު ކަލޭގެ އުދުހުމަކަށް އެއްވެސް ހުރަހެއްނެތް. އަހަރެންގެ ސުވާލުގެ ޖަވާބުދީ!"

ރަމީކިއްޔާ ހިނިތުންވެލިއެވެ. "ޝެހެޒާދާ! މަނިކުފާނު ތިޔަކުރައްވަނީ ސަމާސާ ކަމުގައި ނުވާނަމަ އަޅުގަނޑު މަނިކުފާނުގެ ހުރިހައި ސުވާލު ތަކަކަށް ޖަވާބު އަރުވައިފިން."

ރަމީކިއްޔާއާ ކާވެނިބައްލަވައިގެންނެވުމަށްފަހު مـعتـمد ގެ ކޮންމެ ފަތިހަކީ އުފާވެރިކަމުގެ ފަތިހެކެވެ. ކޮންމެ ރެއަކީ އަރާމާއި، މަޖަލުގެ ރެއެކެވެ. ރަމީކިއްޔާއަކީ އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ. ބަހުގެ ފޮނިކަމާއި، ރީތި އަދާތަކާއި، ހާޒިރު ޖަވާބުގައި މިސާލެއް ނެތްފަދަ ކުއްޖެކެވެ. مـعتـمد އޭނާގެ ޙަޔާތްޕުޅުގެ އެންމެ އިސްވާޖިބެއް ކަމުގައި ބައްލަވަނީ ރަމީކިއްޔާގެ ހިތްއެދޭ ކޮންމެ ކަމެއް ފުރިހަމަކޮށްދެއްވުމެވެ. ޙައްޤު ބަސްބުނާ މީހުންތިބީ ކުޅިވަރާއި، މަޖަލުގައި. مـعتـمد ހައްޔަރުކުރުވީތީ ރަމީކިއްޔާ ދެކެ ނުރުހިފައެވެ. ނަމަވެސް އެފަދަ ޝަކުވާތަކަށް ރަމީކިއްޔާގެ ފަރާތުން އޮންނަހައިވެސް ޖަވާބަކީ ނިކަމެތިކޮށްލުމާއި ދެރަކޮށްލުމުގެ ހިނިތުންވެލުމެކެވެ. مـعتـمد ތަޚުތަށް އިސްވެވަޑައިގަތުމަށްފަހު ރަމީކިއްޔާގެ ކޮންމެ އިޝާރަތަކީ ދައުލަތް ފުރަމާނައާ ގުޅިފައިވާ އަމުރުފުޅެކެވެ. މިހާރު مـعتـمد ގެ ދިރިއުޅުއްވުމަކީ ހުރިހައި ގޮތަކުންވެސް ޝާޢިރެއްގެ ހުވަފެންފުޅެކެވެ. ޅެމާއެކު ހަވީރު ކުރުމާއި، ލަވަކިޔުމުގެ މަޖްލިސްތަކާއި، ޖާފަތްތަކުގެ އިންތިޒާމު ހަމަޖައްސަވަނީ إبـن عمّـار އެވެ. ގަނޑުވަރުތެރޭގެ ފާގަތިކަމާއި، ކުޅިވަރާއި މަޖަލުގެ ހުރިހައިކަމެއްވެސް ރަމީކިއްޔާ ވަނީ އޭގެ އެންމެ މަތީދަރަޖައަށް ގެންދަވައިފައެވެ. މުފައްކިރުންނާއި، ސިޔާސީ ވިސްނުންތެރީންނާއި، ޢިލްމުތަކާއި ފަންނުތަކުގެ މާހިރުން ތިއްބެވީ ޝާހީ ގަނޑުވަރުގެ ކައްކާ މީހުންނާއި ފަރީއްކޮޅުވަތްކުރާ މީހުންނާއި، ތަބުލާޖަހާ މީހުންގެ ނަސީބު ރަނގަޅުކަމާމެދު ހަސަދަވެރިވެވަޑައިގެންފައެވެ.

(ނުނިމޭ)