ކުޅިވަރު

ސްޕާސް ދެވަނައަށް، "ހީރޯ" އަކީ ބޭލް

ރެއާލް މެޑްރިޑްގައި ހަތް އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރުމަށްފަހު އަނބުރާ ޓޮޓެންހަމްއަށް ގޮސް ގެރެތު ބޭލް ޖެހި ފުރަތަމަ ގޯލާއެކު އެ ޓީމުން ބްރައިޓަން ބަލިކޮށްފިއެވެ.

މި ސީޒަނަށް ބޭލް ޓޮޓެންހަމްއާ ގުޅިފައި ވަނީ ރެއާލްއިން އޭނާ "ބާކީ"ވެ ވަރަށް ބޮޑަށް މާޔޫސް ކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހުގައެވެ. އަލުން ޓޮޓެންހަމްއާ ގުޅި ބޭލް މިހާތަނަށް ދެތިން މެޗެއްގައި ކުޅެފައިވާއިރު، ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ޖެހި ގޯލަކީ އޭނާގެ ފުރަތަމަ ގޯލެވެ.

ޓޮޓެންހަމްއިން ރޭގެ މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗު ފޯރިގަދަކޮށް ފެނުނުއިރު، ވީއޭއާރްގެ އެހީގައި ނިންމި ނިންމުންތަކެއް ފެނިގެން ދިޔައެވެ. ފުރަތަމަ ގޯލު ޖެހީ ޓޮޓެންހަމްއަށް ލިބުނު ޕެނެލްޓީއެއް ގައެވެ. ބްރައިޓަންގެ އެޑަމް ލައްލާލާ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ހެރީ ކޭންއަށް ކުރި ފައުލަށް ރެފްރީ ޕެނެލްޓީ ދިނީ ވީއޭއާރްގެ އެހީގައެވެ.

އެ ޕެނެލްޓީ ކާމިޔާބުކޮށް، ކޭން އޭނާ ޕްރިމިއާ ލީގުގައި ޖެހި 149 ވަނަ ގޯލް ޖެހިއެވެ. ދެވަނަ ހާފްގައި ބްރިއިޓަންއަށް ނަތިޖާ ހަމަހަމަ ކޮށްދިނީ ތާރިގް ލަމްޕްޓޭއެވެ. އެ ގޯލަށް ފުރުސަތު ފަހި ކުރުމުގައި ބްރައިޓަންގެ ސޮލީ މާޗް، ޓޮޓެންހަމްގެ ޕިއޭ އެމީލް ހޮއިބާގަށް ފައުލް ކުރި ކަމަށް ޓޮޓެންހަމްގެ ކުޅުންތެރިން ފަރާތުން ޝަކުވާ ކޮށްފައިވާއިރު، ރެފްރީ ފަހުގެ ނިންމުން ނިންމީ ވީއޭއާރްގެ އެހީގައެވެ.

ޓޮޓެންހަމް މޮޅުކޮށްދިން ގޯލް ބޭލް ޖެހީ 73 ވަނަ މިނެޓުގައެވެ. ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރެގުލޮންގެ ހުރަސް ބޮލުން ގޯލަށް ވައްދާލައި، 2013 ވަނަ އަހަރު މޭ މަހުގެ ފަހުން ބޭލް ޓޮޓެންހަމްގެ ފުރަތަމަ ގޯލް ކާމިޔާބުކުރިއެވެ.

މިވަގުތު ޓޮޓެންހަމް ލީގު ތާވަލުގެ ދެވަނައިގައި އޮތީ ހަތް މެޗުން 14 ޕޮއިންޓާއެކުގައެވެ. ބްރައިޓަންއަށް ހަތް މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އޮތީ ތާވަލުގެ 16 ވަނައިގައެވެ.