ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15ގައި އަލުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިއަދު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެކަމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ، މިއަދު އެކަނިވެސް 1،582 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި މިއީ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަސް ކަމަށެވެ. އަދި މިދިޔަ މަހަށް ލަފާކުރި 21،000 ފަތުރުވެރިން އެ މަސް ތެރޭގައި ރާއްޖެ އައިސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވާލިފަހުން 37،468 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 500،000 ފަތުރުވެރިން ގެނައުމެވެ. ބޯޑަރު ބަންދު ކުރުމުގެ ކުރިން 382,760 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ބޯޑަރު ހުޅުވާލިފަހުން ގިނަ އެއާލައިންތަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު