މާލޭއިން އަންހެނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ހޯދަމުން އަންނަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ އަންހެން މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:45 ގައި ކަމަށެވެ.

"މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ފަހުން އެ އަންހެން މީހާގެ ހަބަރެއް ނުވެގެން އާއިލާއިން ރިޕޯޓުކޮށްފައިވަނީ،" އޮފިޝަލް ވިދާޅުވިއެވެ.

އެ އަންހެން މީހާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާ މިހާތަނަށް ފެނިފައި ނުވާ ކަމަށާއި އެހެންކަމުން އޭނާއާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުން އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.