ތުރުކީއަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން 30 ގަޑިއިރު ފަހުން 70 އަހަރުގެ މީހަކު ސަލާމަތްކޮށްފިއެވެ.

ރެސްކިއު ޓީމުން ސަލާމަތް ކޮށްފައިވަނީ ބިންހެލުމުގައި ވެއްޓިފާ އިމާރާތެއްގެ ތެރޭގައި އެމީހާ ތާށިވެފައި އޮންނަތާ 30 ގަޑިއިރު ފަހުންނެވެ.

އަހްމެޓް ސިޓިމް ނަމަކަށް ކިޔާ އެމީހާގެ ހާލު ރަނގަޅުކަމަށް ތުރުކީގެ ހެލްތު މިނިސްޓަރާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައި ވެއެވެ. އެމީހާގެ ހާލަތު މޮނިޓާ ކުރުމަށް ހޮސްޕިޓަލުގައި ވަނީ އެޑްމިޓްކޮށްފައެވެ.

ތުރުކީގެ އިތުރުން ގްރީސް އަށް ބިންހެލުމުގެ ލޮޅުމުގެ އަސަރު ކޮށްފައިވާއިރު އެންމެ ބޮޑު ގެއްލުންތަކެއް ވެފައިވަނީ ތުރުކީގެ އިޒްމީރް ސިޓީ އަށެވެ.

ވެއްޓިފައިވާ އިމާތާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދާއިރު ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 69 އަކަށް އަރައިފައެވެ. ތުރުކީ އިން މިހާތަނަށް 949 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާއިރު 220 މީހަކަށް މިހާރުވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދެއެވެ.

ބިންހެލުމުގައި ގްރީސް އިން ދެމީހުން މަރުވެފައިވާއިރު 19 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.