ރާއްޖޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ތަކުރާރުކޮށް ގެއްލުންދީ އައިންތުއަށް ފުރައްސާރަކުރަމުންދާތީ އެކަން ކަމާ ބެހޭ މުއައްސާސަތަކުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފިއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްއެވެ.
ކުއްލި މައްސަލައިގައި އާޒިމް ވިދާޅުވީ، އައިންތުއަށް އެކި ގޮތްގޮތުން ފުރައްސާރަކޮށް، އޭނާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުން ދެމުންދާހިނދު، އެ ދަށުދަރަޖައިގެ އަމަލު ކުރި ބަޔަކަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ.
"މުސްތަގުބަލުގައިވެސް އާމްދަނީ ހޯދުމަށް އަންހެނުން ކުރާ މި ފަދަ މަސައްކަތްތަކަށް ހިތްވަރުދިނުމަށް ގޮވާލައި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް މިކަން ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅަމެވެ." ކުއްލި މައްސަލަ ހުށަހެޅި ލިޔުމުގައިވެއެވެ.
އައިންތުގެ ކާރަށް މިފަހުން ވަނީ ގެއްލުންތަކެއްދީ، ކާރުގެ ބިއްލޫރިގަނޑު ތަޅާލައިފައެވެ. އެއީ އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލި ފަސްވަނަ ފަހަރެވެ. އައިންތުގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތައް މަރާމާތުކޮށްދިނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މީގެކުރިން އައިންތުގެ ކާރަށް ގިނައިން ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިން ކަމަށް އައިންތު ތުހުމަތު ކުރެއެވެ. މިފަހަރު ގެއްލުން ދިން މީހާ ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ހޯދިފައިވީ ނަމަވެސް އެއީ ކާކު ކަމެއް އައިންތަކަށް ނޭނގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު