ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހުންގެ ބަންދާ މެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓުން ބާއްވާ ޝަރީއަތުގެ މަޖިލީސްތައް ހިނގާ ގޮތް ބަލައި އެކަން ދިރާސާ ކުރަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ބަންދާ މެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓުން ބާއްވާ މަޖިލިސްތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުސޫލާއި ތާވަލުކުރެވިފައިވާ ބަންދު މަޖިލިސްތަކަށް ފަނޑިޔާރަށް ހާޒިރު ނުވެވޭ ހާލަތުގައި އަމަލުކުރަމުން އަންނަ އުސޫލުވެސް ބަލަން ނިންމާފައިވާ ކަމަށެވެ.

"ބަންދާ މެދު ގޮތް ނިންމާ މަޖިލިސްތަކަށް ހަމަޖެހިފައިވާ ފަނޑިޔާރުން ބަދަލުކުރުމުގައި އަމަލުކުރާ ގޮތުގެ އުސޫލާ ގުޅޭ މައުލޫމާތު ހޯދައި ދިރާސާ ކުރުމަށް މިއަދު ބޭއްވުނު ކޮމިޝަނުގެ 80 ވަނަ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ." ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީސް ކުރިއަށްގެންދާ ގޮތް ޖޭއެސްސީން ނިންމި އިރު، އެކަން ބަލަން ނިންމި ވަކި ސަބަބެއް ބުނެފައެއް ނުވެއެވެ.