ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ މީހުންނާ ފޯނުން ގުޅައި ކަށަވަރުކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ އިތުރު 93 މީހެއްގެ ނަން އާންމުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ވަނީ، 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ H7 ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަންބަރުން މިހާތަނަށް ނުގުޅޭ 93 މީހެއްގެ ނަން އާންމުކޮށްފައެވެ. މީގެ ކުރިން ރައީސް އޮފީހުން ވަނީ ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަންބަރުން ނުގުޅޭ 509 މީހެއްގެ ނަން އާއްމުކޮށްފައެވެ.

https://www.gazette.gov.mv/iulaan/download-attachment/26325

ރައީސް އޮފީހުން ބުނީ، އެމީހުންނަކީ ފްލެޓު ކޮމިޓީން ތަކުރާރުކޮށް ގުޅައިގެންވެސް ފޯނު ނަގާފައި ނުވާ ފަރާތްތައް ކަމަށެވެ.

އެހެންކަމުން އެ ލިސްޓުގައި ހިމެނޭ މީހުން އަންނަ ފަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން، ފޯމު ފުރިހަމަކުރުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ރައީސް އޮފީހުން ވަނީ ހިޔާ މަޝްރޫއުގެ އެކި ކެޓަގަރީތަކުން ފޯމު ލާފައިވާ މީހުންގެ ތެރެއިން ފޯނުން ޖަވާބު ނުދޭ މީހުންގެ ނަންތައް އާންމުކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޝަރުތު ހަމަވެ، ފްލެޓު ލިބުނުކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ނަންތައް މި ސަރުކާރުން ހިޔާ މަޝްރޫއުގެ މައްސަލަ ބެލުމަށް އުފެއްދި ކޮމިޝަނުން ވަނީ އުނިކޮށްފައެވެ.

ހިޔާ މަޝްރޫއުގެ މައްސަލަ ބަލާ ފްލެޓް ކޮމިޓީން ބުނީ، ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންއަށް ޝަރުތު ހަމަވާ ފަރާތްތަކަކީ 50 ޕަސެންޓް މާކްސް ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ކަމަށެވެ. އެގޮތުން އެ ކޮމިޓީން ވަނީ ޝަރުތު ހަމަނުވާ 111 މީހަކު ޑިސްކޮލިފައި ކުރުމަށް ފަހު ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައެވެ.