ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށްފައިވާ އިންޑިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރީން ބުނީ މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހު، އިންޑިއާ ސަރުކާރުން ވަނީ ވިޔަފާރިވެރިންނާއި ކިޔަވާ ކުދިންނަށް އިންޑިއާއަށް ދިއުމަށް ހުއްދައެއް ދިނުމަށް ނިންމާފައިވާކަން އަންގަވާފައި ކަމަށެވެ.

މިހާރުވެސް ހާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ވިޔަފާރިއާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ ހޯދުމަށްފަހު އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ ޓްރެވަލް ބަބްލް ތެރެއިން ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ހާރިޖީ ވަޒީރު ސުބްރަމަނިޔަމް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވައިފައެވެ.