ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ޕާސަނަލް އަދި ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން އެ ބޭންކުން ދޫކުރާ ޕާސަނަލް އަދި ހައުސިން ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް އަދި ޕްރޮފިޓް ރޭޓަށް ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލުން ބުނީ، މި ގެނެވުނު ބަދަލާއެކު ލުއި އެކްސްޕްރެސް ލޯނުގެ ރޭޓް 15 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެ އެވެ. އޭގެ އިތުރުން އިތުރުން ގަވައިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުން އަންނަ ލުއި މައިކްރޯ ލޯންގެ ރޭޓު ވެސް 12 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

އެ ބޭންކުން ބުނީ، އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނުވެސް ރަހުނަކާ ނުލައި މިހާރު 15 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ލިބޭނެ ކަމަށެވެ. އެގޮތުން 300،000 ރުފިޔާ އަށް ހަމަޔަށް ލޯނު ދޫކުރާއިރު 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު 12 ޕަސެންޓް އިންޓްރެސްޓްގައި ލޯނު ދޫކުރާނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނު ޕޯޓްފޯލިއޯ އަށް ބަލާއިރު މިހާރު ވަނީ 10 ޕަސެންޓާ އާ ހަމަޔަށް ދަށްކޮށްފަ އެވެ. މިއީ ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެވެ. މި ރޭޓުގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕާޗޭސް ލޯން (ގެދޮރު ގަތުމަށް ދޫކުރާ ލޯނު) އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން 50 ޕަސެންޓް އަމިއްލަ އަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށެވެ.

ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ ރިއަލް އެސްޓޭޓް ލޯނުގެ ރޭޓު ވެސް މިހާރު ވަނީ 10.5 ޕަސެންޓާ ހަމައަށް ކުޑަކޮށްފަ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރު އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ބޭންކުގެ ކަސްޓަމަރުން ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން ކަސްޓަނަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަ ވެގެންދާނެ ކަމަށެވެ.

"މިއަދު އާންމުކުރެވުނު ބަދަލުތަކަށް ބަލާއިރު އަގުތައް %15 ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯޓްފޯލިއޯ އަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެވިފަ. އަދި ބީއެމްއެލް އިސްލާމިކްގެ ޕޯރޓްފޯލިއޯގެ ރޭޓްތައްވެސް މިވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައި،" މޫސާ ނިމާލު ވިދާޅުވި އެވެ.

ބީއެމްއެލުން ބުނީ، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނާއި ފައިނޭންސްތަކަށް އިތުރަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ކުރިއަށް އޮތް ހަފްތާތަކުގައި ހާމަކުރާނެ ކަމަށެވެ.