ގައުމީ ޓީމުގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ)، ޓީސީ ސްޕޯޓްސް ކްލަބު ދޫކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ސޮއިކޮށްފިއެވެ.
މެސީ ޔޫވީއަށް ސޮއިކުރިކަން އެ ކްލަބުން ވަނީ ޔަގީން ކޮށްދީފައެވެ. ޔޫވީން މިއަދު ހަވީރު ޕްރީ ސީޒަންގެ ފަރިތަކުރުންތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ ކްލަބުގެ ސްކޮޑަށް އަންނަނީ މުހިއްމު ކުޅުންތެރިންތަކެއް އިތުރުކުރަމުންނެވެ. އެގޮތުން ޔޫވީން ވަނީ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ އިތުރުން ކުރިން ގައުމީ ޓީމަށް ކުޅުނު އިސްމާއިލް ފަރުހާދު (ފަރޭ) އާއި މިދިޔަ އަހަރު ދަ ގްރާންޑޭ އަށް ކުޅުނު އަހުމަދު ނިޒާމް (ނިޒާމްބެ)ވެސް ޓީމަށް ގެންގޮސްފައެވެ.
ޔޫވީން މިއަދު އިއުލާން ކުރި މެސީ،ކެރިއަރު ފެށީ ވިކްޓަރީންނެވެ. އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓް އަދި އީގަލްސްއަށް ވެސް މެސީ ކުޅެފައިވާއިރު، އީގަލްސް ކެޕްޓަން ބޭންޑްވެސް އަޅާފައި ވެއެވެ. 2016 ވަނަ އަހަރު މެސީ ފެނުނީ މާޒިޔާ އިންނެވެ.
މިދިޔަ ސީޒަނުގައި ޓީސީއާ ގުޅި، މެސީ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ޓީސީއާއެކު އޭނާ ވަނީ ޗެރިޓީ ޝީލްޑް ހޯދައިފައެވެ. ޓީސީން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަމައެކަނި މެޗުގައި ރަށުން ބޭރުގައި ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނެވެ. މެސީ ވަނީ މެދުކެނޑުމަކަށް ފަހު ގައުމީ ސްކޮޑުން ވެސް މި އަހަރު ޖާގަ ހޯދައިފައެވެ.
ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރުގެ ގޮތުގައި މެސީ މަޝްހޫރުވެފައިވާއިރު، އޭނާއަކީ މެދުތެރެއިން ރީތި ޕާސިން ފުޓުބޯޅަ ކުޅުމުގައި ހުނަރުވެރި ކުޅުންތެރިއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު