ސިޔާސީ

ބޮޑު ހިޔާނާތުގެ ވަގު ފައިސާއިން އެންމެ ބޮޑު މަންފާއެއް ހޯއްދެވީ ރައީސް ނަޝީދު: ޝުއައިބު

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ވަގު ފައިސާއިން އެންމެ ބޮޑު މަންފާއެއް ހޯއްދެވީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕާޓީގެ ފިޔަވަޅު އަޅުއަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ވިދާޅުވެއްޖެއެވެ. 

ޝުއައިބު އެ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި، އެ ކޮމިޓީގެ މެންބަރުކަމުން ވަކި ކުރީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރު ކުރެއްވުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ފާޅުގައި ފާޑުވިދާޅުވެ އެ މައްސަލައިގައި އުސޫލާ ހިލާފަށް އެމްޑީޕީގެ ވަސީލަތްތައް ނާޖާއިޒް ގޮތުގައި ބޭނުން ކުރައްވައިގެން ރައީސް ނަޝީދު ބާރު ފޯރުވަން މައްސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް އެދިވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުވާފައި ވަނިކޮންނެވެ.

ޝުއައިބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ލީޑަރުންނަށް އެ ފައިސާއިން ވަނީ ސޮދަގާތް ކޮށްފައި ކަމަށެވެ. ގާނޫނުއަސާސި އަށް ބަދަލުގެނެސް ރާއްޖެއިން ބިން ވިއްކުމާއި، ރައީސުލް ޖުމްހޫރިޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަަމަށް ކުރިމަތިލެވޭ އުމުރަށް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުން ބަދަލު ގެނައީ ރައީސް ނަޝީދު ޔޫކޭއަށް ފޮނުވަން ސީދާ ރައީސް ނަޝީދުގެ އޯޑަރަށް ކަމަށްވެސް ޝުއައިބު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނުއަސާސީއަށް ބަދަލު ގެނެސް ރާއްޖޭން ބިން ވިއްކޭ ގޮތް ހަދައި، ރައީސް އާއި ނައިބު ރައީސް ކަމަށް ކުރިމަތި ލެވޭ އުމުރު ހަގު ކުރީ، އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީގެ މެންބަރުންގެ ވޯޓާވެސް އެކުގައެވެ. އެ ދަނޑިވަޅަކީ، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި، ރައީސް ނަޝީދު ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ، ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން އެދިވަޑައިގެންނެވުމާ ގުޅިގެން އެ ހުއްދަ ރައީސް ޔާމީންގެ ސަރުކާރުން ދެއްވުމުން އެމަނިކުފާނު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ދުވަސްވަރެވެ.

ރައީސް ޔާމީންގެ ދެވަނަ ނައިބުގެ ގޮތުގައި އަހުމަދު އަދީބު ގެނައުމަށްޓަކައި އޭރުގެ ސަރުކާރުން، ވެރިކަމަށް ކުރިމަތި ލެވޭ އުމުރު 35 އަހަރާއި 65 ދެމެދަށް ބަދަލުކުރިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ބަދަލުވެ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައުމާއެކު އަލުން ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރުކަމަށް ވަނީ ބަދަލު ކޮށްފައެވެ.