ދުއްވަމުން ދިޔަ ކާރުގެ ފަހަތު ސީޓުގައި އިން ޔުނާއަށް ކުޑަދޮރުން ބޭރު ބަލަން އިނދެފައި ލަސްލަހުން އެ ދޮރުގައި ބޯ ޖައްސާލެވުނީ މާޔޫސީ ގޮތަކަށެވެ. ދަތުރު ފެށިތާ މިނެޓްތަކެއް ހިނގާފައިވިއެއް ކަމަކު އޭރުވެސް އޭނަގެ ހިޔާލުތަކުގައި ދައުރުވަމުން ދިޔައީ ޒިހާނެވެ. ޒިހާން އޭނައަށް ދޭ ފުރިހަމަ ހިނިތުންވުންތަކެވެ. ޒިހާން އޭނާއަށް ގޮވާލާ ގޮތެވެ. ޒިހާން ލޯތްބާ އެކީ އޭނައަށް ބޮސްދީ އޭނަ ގައިގައި ބައްދާލާ ގޮތެވެ.
އެ ހުރިހާ ކަންތައް ހަނދާން ކުރުމަށްފަހު އެންމެ ފަހުން އެ ދެމެދުގައި ދެކެވުނު ވާހަކަ ހަނދާންވުމުން ޔުނާގެ ދެބުމަ ކައިރިވި އެވެ. އޭނަ ބައްދަލުކުރަން މިދަނީ ކާކާއިކަން ޒިހާނަށް ހާމަކޮށް ނުދެވުނު ގޮތުން އެވަގުތު ވެސް އޭނަގެ ހިތް ދެރަވެފައިވި އެވެ. ޒިހާން އޭނާއަށް މިއަދު އިތުބާރުކޮށް އެ ދެމެދުގައި މައްސަލަ ނުޖެހުނަސް މިފަދަ ކަންތައްތަކަކީ ކައިވެނީގެ ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަންތައްކަން ޔުނާއަށް އެނގެ އެވެ. އެކަން އެނގުންވީ ވަގުތު ޖިނާހަށްޓަކައި އިތުރު ނަފްރަތެއް ހިތުގައި އުފެދުނެވެ. އޭނާ އާއި ޒިހާންގެ ގުޅުމަށް އެފަދަ އަސަރެއް ކުރިއްޔާ ކުރީ ޖިނާހުގެ ސަބަބުން ކަމަށް ވުމުންނެވެ. މިރެއަށްފަހު އެ ނަން އޮޅުމަކުން ވިޔަސް އޭނައަށް ނުއިވޭނެ ގޮތެއް ވުމަށް އުއްމީދު ކުރެވުނެވެ.
ޔުނާ އަށް އޭނަގެ ހިޔާލުތަކުން ނިކުމެވުނީ ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކުން ފުދޭވަރަކަށް ދަތުރު ކުރެވިއްޖެކަން އެނގުމުންނެވެ. އެކަން އެނގުން ވުމުން އޭނާ އަށް ވާހަކަ ދެކެވުނެވެ.
"އަމް....ކިހާ ހިސާބަކުންތޯ އަޅުގަނޑާ ކާރު ހަވާލުކުރެވޭނީ؟ އާންމު ގޮތެއްގައި ބުލޮކް 23 އާ ހިސާބުން މި ކާރު ދުއްވާ ޑްރައިވަރުން ފައިބައެއްނޫންތޯ؟" ޔުނާ ޑްރައިވާސް ސީޓުގައި އިން މީހާއަށް ބަލަން އިނދެ އިނގިރޭސިން ސުވާލުކުރި އެވެ. ޔުނާ އެ ސުވާލުކޮށްލީ މިއީ އޭނާ ކުރީ ދުވަހު ގޮތަށް ކުއްޔަށް ހިފި ކާރަކަށްވީތީވެ އެވެ. މި ކާރުތަކުގެ ވެރި އޭޖެންސީއަށް އިތުބާރު ކުރެވެނީ މިއީ އޭނާގެ އެކުވެރި އެމާ އޭނައަށް ތައާރަފު ކޮށްދިން އޭޖެންސީއަކަށް ވާތީވެ އެވެ.
"ގެންގޮސްދޭނަން ދާން ބޭނުންވާ ތަނަކަށް. އެޑްރެސް ދައްކާ!" ޑްރައިވަރު ޔުނާއަށް ބެލުމެއް ނެތި ސީރިއަސް އަޑަކުން އަދަބެއް ނެތް ގޮތަކަށް އިނގިރޭސިން އަމުރުކުރި އެވެ. އެކަމާމެދު ޔުނާ ހުއްޓުން އެރި ވަގުތު އެ ޑްރައިވަރަށް ރަނގަޅު ނަޒަރެއް ދެވުނެވެ. އެއް ފަރާތުން އެ ޑްރައިވަރު ފެންނަމުން ދިޔައިރު އޭނަ ލައިގެން ހުރި ލެދާ ޖެކެޓާއި ބޮލުގައި އަޅައިގެން ހުރި ތޮފި ފާހަގަވި އެވެ. ބަލާބެލުމަށް ނުރައްކާތެރި ގޮތެއް ހުރި ގޮތުން ޔުނާގެ ހިތް ބިރުގަންނަ ގޮތްވި އެވެ. އެހެނަސް އެ އިހުސާސުގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ޔުނާ އޭނާގެ ފޯނު ނަގައި ޖިނާހުގެ މެސެޖު ހުޅުވާލަމުން އެޑްރެސް ކިޔައިދިނެވެ. ޑްރައިވަރު ވަކި އެއްޗެކޭ ނުބުނެ ހަމަ އެ އެޑްރެސް ޖީޕީއެސްއަށް އެޅީ ޔުނާ ބަލަން އިންދައެވެ. އެއަށްފަހު މިނެޓްތަކެއް ވަންދެން އެމީހާ ވަކި އެއްޗެކޭ ނުބުނެ ޖީޕީއެސްއާ އެއްގޮތަށް ދަތުރު ކުރަމުން ދިޔަ ގޮތުން ޔުނާ ހިސާބަކަށް ހިތްހަމަޖެހުނެވެ. އެ ހިނދު ދެންވެސް އެ ޑްރައިވަރާއި ސުވާލުކޮށްލަން ބޭނުންވި އެވެ. އޭނަ ކުއްޔަށް ހިފި ކާރު އޭނާ އެދޭ ގޮތަށް ނުދެވެންވީ ކީއްވެތޯ އަހަން ބޭނުންވި އެވެ. އެހެނަސް އޭގެ ނަތީޖާ ނުކުމެދާނެ ގޮތަކާމެދު ޖެހިލުންވުމުން ޔުނާ ހިމޭންކަން ޚިޔާރުކުރި އެވެ.
އެހެނަސް އެ ހިމޭންކަމަށް ނިމުމެއް އައީ އެ ޑްރައިވަރު ކުއްލި ގޮތަކަށް ގޯޅިއަކަށް އަޅައިލި ގޮތުންނެވެ. އެ ގޯޅިއަށް އެޅުމާއެކު އެދަނީ ނުބައި މަގަކުން ކަމަށް ޖީޕީއެސް އިން ބުނަން ފެށި އެވެ. ޔުނާ ހީކުރީ އެމީހާ ރަނގަޅު މަގަށް އަޅާނެ ކަމަށެވެ. އެހެނަސް އިރުކޮޅެއްވީ އިރު ވެސް ބާރުވަމުން ދިޔަ ސްޕީޑަކާ އެކީ ނުބައި މަގުން ދާން ފެށުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.
"މި ދެވެނީ ނުބައި މަގަކުންނޭ!" ޔުނާއަށް ބުނެލެވުނެވެ. އެހެނަސް އެ މީހާ ޔުނާއަށް ބަލާވެސް ނުލާ ކުރިއަށް ދިޔަގޮތުން ޔުނާގެ ހިތުގެ ތެޅުން އަވަސްވި އެވެ.
ޔުނާއަށް ނޭނގުނު ކަމަކީ އެ މީހާއަށް އެވަގުތު އެ ކާރުގެ ފަހަތުން ޓެކްސީއެއް އަންނަމުން ދިޔަކަން ފާހަގަވީ ކަމެވެ. ރަނގަޅު ދެތިން ގޯޅިން އެޅި ވަގުތު އެ ޓެކްސީ ވެސް އެ ގޯޅިތަކުން އެޅިކަން ފާހަގަވީ ކަމެވެ. ކުއްލި ގޮތަކަށް އެހެން ގޯޅިއަކަށް އަޅައި ސްޕީޑު ބާރުކޮށްލީ އެ ޓެކްސީން ރެކެން ކަމަށެވެ. އެ ޓެކްސީގައި ހުރީ ކޮންމެ މީހަކަށް ވިޔަސް އޭނަ ކުރަން އުޅޭ ކަމެއް އެ މީހަކަށް ދައްކަން އެ ޑްރައިވަރު ބޭނުން ނުވިފަދަ އެވެ. އެންމެ ފަހުން ޓެކްސީ ލޯމަތިން ގެއްލުމުން އެ ޑްރައިވަރު އަނެއްކާ ވެސް ޖީޕީއެސް ދައްކަމުން ދިޔަ މަގަށް އެޅި އެވެ. ހަމަ އެވަގުތު ފަހަތު ސީޓުގައި އިން ޔުނާގެ ޝަކުވާތަކަށް ވެސް ނިމުމެއް އައެވެ.
**
ރީތި ގަމީހަކާއި ފަޓުލޫނެއްގައި ތަނަކަށް ދާން ތައްޔާރުވެގެން ހަމީދު ގެއިން ނުކުންނަން ދިމާކުރި ވަގުތު އާދައިގެ މަތިން ދެ ހަށިފާރަވެރިން އޭނާ އާއި އެކީގައި ދާން އުޅުނެވެ. އެހެނަސް ހަމީދު އެމީހުން ގާތު ނައުމަށް އެދެމުން ގެއިން ނުކުތެވެ. އަދި ގޭގެ ގޯތިތެރޭގައި ޕާކުކުރެވިފައިވި ކާރުތަކާއި ދިމާލަށް ދާން ފެށީ ފޯނުން މީހަކަށް ގުޅައި ކަންފަތުގައި ފޯނު ޖައްސަމުންނެވެ.
"ހެލޯ.....ޖިނާހު ކޮންތާކު؟" ހަމީދު ސުވާލުކުރި އެވެ.
"މި ދެން ހަމަ ހުރީ....ކުއްޖެއްގެ އިންތިޒާރުގަ ތަނެއްގަ މަޑުކޮށްލައިގެން." ޖިނާހު އެހެން ބުނެލީ ފުދޭވަރަކަށް އަނދިރި ތަނެއްގައި މަޑުކޮށްގެން ހުރެ އެވެ.
"ތި ތަނަކުން މަ މި ފޮނުވާ އެޑްރެހަށް އާދޭ! މިރޭ އެ އަންހެނާގެ ނިމުން ގެންނަން މިއުޅެނީ. އެހާ ހިސާބުން ޔަޒްދާންގެ މަރާމެދު ވެސް އިތުރަށް ވާހަކަ ދައްކާނެ މީހެއް ނުހުންނާނެ. އެ ތަހުގީގުގެ ކަންތައް އެއީ އާދައިގެ އެކްސިޑެންޓެއްގެ ގޮތުގަ ނިންމުވުގެ މަސައްކަތް ވެސް އެބަކުރަން....މި ވަގުތު އޭނަ އިނީ އަހަރެންގެ މީހެއްގެ ކާރުގަ. އޭނާގެ އެކުވެރިންގެ ތެރެއިން އަހަރެން ދަންނަ އަންހެނަކަށް ލާރި ދީގެން އެކަން ކުރީ. ކާރުގަ ހުރި ޑްރައިވަރު މަންޖެ އެބަ ގެންދޭ އެ މަންޖެ ބޭނުންވާ ތަނަކަށް. އެ ތަނަކީ އެކަހަލަ ކަމެއް ހިންގަން ރަނގަޅު ތަނެއް ކަމަށް ޑްރައިވަރު ބުނީ. އެމަންޖެ އެކަހަލަ ފަޅު ތަނަކަށް ދާނީ ކީއްވެބާ؟" ހަމީދު ކާރާ ދިމާލަށް ދަމުން އަމިއްލަ އަމިއްލަ އަށް ކަހަލަ ގޮތަކަށް ސުވާލުކުރި އެވެ.
"މީހަކު ދައުވަތު ދިނީމަ ކަމަށް ވެސް ވެދާނެދޯ؟" ޖިނާހު ރާގަކަށް އެހެން ބުނެލީ އެއްމިޔަކަނުގެ ހިނިތުންވުމަކާ އެކީގަ އެވެ.
"ޖިނާހު ބުނެގެންތަ އޭނަ އެދަނީ؟ ޖިނާހު ކައިރިއަށް އަންނަން އޭނަ އެއްބަސްވީތަ؟" ހަމީދު ފިޔަވަޅުތައް މަޑުޖައްސާލަމުން އަހާލި އެވެ. މިހާތަނަށް އައި އިރު އޭނާ ޔުނާއާމެދު ކަމެއް ކުރަން ޖެހިލުންވެފައިވީ އެއީ ޒިހާންގެ އަނބިމީހާއަށް ވީތީވެ އެވެ. ޒިހާން ޔުނާދެކެ ލޯބިވާނެ ކަމަށް ހިތް ބުނަމުން ދިޔައީތީވެ އެވެ. އެހެނަސް މި އިވުނު ވާހަކައިން ޔުނާއަކީ ޒިހާނަށް އެންމެ އެކަށީގެންވާ އަންހެން ކުއްޖާ ނޫންހެން ހީވާން ފެށި އެވެ.
"އާނ! މަ ބުނެގެން އޭނަ އަންނަނީ. ފުރަތަމަ ލޯބިވެރިޔާ ހަނދާން ނައްތާލުމަކީ އެއްވެސް އަންހެން ކުއްޖަކަށް ފަސޭހަ ކަމެއް ނޫންދޯ؟" ޖިނާހުގެ ނުލަފާ ރާގަކަށް އެހެން ބުނެލީ ދެ ސަބަބަކާ ހެދި އެވެ. އޭނާ ޒިހާނަށް ގޮތެއް ހަދާނެ ކަމަށް ބުނެ ބިރު ދެއްކި ވާހަކަ ހަމީދުބެ ގާތު ބުނެފިނަމަ އޭނައަށް ފަހުމް ނުވާ ސަބަބަކާހުރެ ހަމީދުބެ ނުރުހުންވާނެކަން އެނގޭތީވެ އެވެ. އަދި އަމުދުން ޔުނާ އޭނާއާ ހެދި އަދިވެސް އުޅޭ ކަމަށް ޚުދު އަމިއްލަ ނަފްސަށް ވިސްނައިދިނުމަށް ވެސްމެ އެވެ.
"ފިރިމީހާއަށް ގަދަރުކުރުމެއް ވެސް ނެތް އަންހެނެއްތާދޯ؟ އެނގިދާނެތާ! ޖިނާހު ވެސް ތިތާ މަންޒަރު ބަލަން ހުރޭ. ތިކުރަން އުޅޭ ކަމެއް ވީހާވެސް އަވަހަކަށް ކޮށް ނިންމާފަ އަންގާ. އޭރުން މަ އޭނަގެ ދުވަސް ދުއްވާލާނަން." ހަމީދު އަނެއްކާ ވެސް ހިނގައިގަންނަމުން އެހެން ބުނެލީ ޔުނާއަށްޓަކައި ހިތުގައި އިތުރު ރުޅިވެރިކަމެއް އުފެދިފައިވާ ހާލުގަ އެވެ. އެކޮޅުން ޖިނާހު އެންމެ ރަނގަޅޭ ބުނެލުމުން ހަމީދު ފޯނު ކަނޑާލުމަށްފަހު ކާރަށް އަރައި ދޮރު ލައްޕާލީ ވެސް ރުޅިވެރިކަމާ އެކީގަ އެވެ.
**
20 ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ޔުނާ ދަތުރުކުރަމުން ދިޔަ ކާރު މަޑުކޮށްލީ ފަޅު ހިސާބެއްގަ އެވެ. ކުޑަދޮރުން ބޭރުން ފެނިގެން ދިޔައީ އުސްކޮށް ނަގާފައިވި ސިމެންތި ފާރުތަކެވެ. އެ ފާރުތަކުގައި ކުލަ ނުލެވި ބައެއް ތަންތަނުން ކަނޑަކަނޑައިގެން ގޮސްފައިވުމުން އެއީ ނިމިފައި ނުވާ އިމާރާތެއްކަން ޔުނާއަށް ނަގައިގަނެވުނެވެ. މުޅި އެ ސަރަހައްދުގައި ވެސް އަލި ކަމެއްވީ އެ އިމާރާތުގެ ކުރިމަތީގައި ހަރުކުރެވިފައިވި އެންމެ ބޮކި ދަނޑިއެއްގެ އަލިންނެވެ.
މި އާދެވުނީ ނުބައި މަންޒިލަކަށްހެން ފުރަތަމަ ސިކުންތުކޮޅުގައި ޔުނާއަށް ހީވި އެވެ. އެހެނަސް ޖީޕީއެސް އިން ވެސް ފެންނަމުން ދިޔަ ގޮތުގައި މި އާދެވުނީ ޔުނާ ބުނި މަންޒިލަށެވެ. ޖިނާހު އޭނާ މިފަދަ ތަނަކަށް ގެންނާނީ ކީއްކުރަންތޯ ހިތް ސުވާލު ކުރި ވަގުތު ވެސް ނުތަނަވަސް ކަމުން އެ ހިތް ވަށާލެވިގެން ދިޔަ އެވެ.
"ނުފައިބަނީތަ؟" އެ ޑްރައިވަރު ސުވާލުކުރި އެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބުނު ޔުނާ ޖެހިލުންވުމަކާ އެކީ އާނއެކޭ ބުނަމުން އެ ޑްރައިވަރާ ފައިސާ ހަވާލުކުރުމަށްފަހު ކާރުން ފޭބި އެވެ. ޔުނާ ހީކުރީ އޭނަ ފޭބުމާއެކު އެ ކާރު އެތަނުން ދާން ދުއްވާލާނެ ކަމަށެވެ. އެހެނަސް ޔުނާ ފޭބުމަށްފަހު ޖެހިލުންވުމަކާ އެކީ ހިނގަން ފެށުމުން ވެސް އެ ކާރު އެތާ އޮތީ އެވެ. އެކަމާމެދު ޔުނާ ހިސާބަކަށް ހިތްހަމަޖެހުނެވެ. އެއްވެސް ގޯސް ކަމެއް ހިނގަން ފަށައިފިނަމަ އޭނާއަށް އެ ކާރަށް އަރައިގެން ފިލޭނެ ކަމަށް ނިންމުނެވެ. އެ ކާރު ތެރޭގައި އިނީ ކޮން ނިޔަތެއްގައި ހުރި މީހެއްކަން ޔުނާއަށް ރޭކާ ވެސް ނުލަ އެވެ.
"އަނހަ! ޔުނޫ ތި އައީދޯ؟" އެއްފަރާތަކުން އައި ޖިނާހުގެ އަޑު އިވިފައި ޔުނާއަށް އެދިމާލަށް ބަލައިލެވުނެވެ. އެ ހިނދު ޖިނާހު ފުރިހަމަ ހިނިތުންވުމަކާ އެކީ އޭނާއާ ދިމާލަށް އަންނަމުން ދިޔަ އެވެ. ޖިނާހު އޭނާއަށް ގޮވާލި ނަމުން މާޒީގެ ހަނދާންތައް އާވެގެން ދިޔަދިޔަހެން ޔުނާގެ މޭ ނުބައި ކުރި އެވެ. ހަމަ އެވަގުތު ޖިނާހު އައިސް އޭނަގެ ކުރިމަތީގައި މަޑުކޮށްލި އެވެ.
"ލޯންގް ޓައިމް ނޯ ސީ، ލަވް!" ޖިނާހު އެހެން ބުނެ ޔުނާގެ ގައިގައި ބައްދާލަން އުޅުނެވެ. އެހެނަސް ޔުނާ އޭގެ ކުރިން ފަހަތަށް ފިޔަވަޅެއް އަޅާލުމުން ޖިނާހުގެ ހަރަކާތްތައް މަޑުޖެހުނެވެ.
"ކީއްކުރަން ޖިނާހު ބައްދަލުކުރަން ބޭނުންވީ؟ ވީހާވެސް ކުރުކޮށް ތިދައްކާ ވާހަކައެއް ދައްކާލިއްޔާ ރަނގަޅު. އަހަރެން ގެއަށް ދާން ބޭނުން ވީހާވެސް އަވަހަކަށް." ޔުނާ ސީރިއަސްކަމާ އެކީ ބުނެލި އެވެ.
"އޫ ..... ހަރުކަށި ފިރިއެއްގެ އަތްދަށު ވީމަ ވާގޮތްދޯ؟ މިހާރު ވެސް މަށާ އިންނަމަ ތިހެން ނުވީހޭ. ރޭގަނޑު ލަހުން ގެއަށް އަޔަސް އޯކޭ ކޮށްފަ އަހަރެން ބާއްވާނީ. އަދި ފިރިހެނެއް ގައިގަ ބައްދާލިޔަސް އެއީ މައްސަލައެއް ނޫނެއްނު؟" ޖިނާހު ޔުނާ އިތުރަށް ފޫހިކުރުވި ރާގަކަށް ވާހަކަ ދެއްކި އެވެ.
"ނޫނޭ ... އެއީ މައްސަލައެއް. ޚުދު އަހަރެން ވެސް ހިތްހަމައެއްނުޖެހޭނެ އަހަރެންގެ ފިރިމީހާ އެހެން އަންހެނެއް ގައިގަ ބައްދާލާކަށް. ވީއިރު އަހަރެން ވެސް ހިލޭ ފިރިހެނަކާ ގައިގޯޅިވާން ގަސްދެއް ނުކުރާނަން. އަހަރެންގެ ފިރިމީހާ އަހަންނަށް އެފަދަ ގޮތަކަށް ބޭވަފާތެރި ނުވެސްވާނެ. ވީއިރު އަހަރެން ވެސް އޭނާއަށް ބޭވަފާތެރިއެއް ނުވާނަން އިންޝާﷲ!" ޔުނާ ސާބިތުކަމާ އެކީ ބުނެލި ވާހަކައިން ޖިނާހު ކިތަންމެ ބޭނުމެއް ނުވިޔަސް އެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވެގެން ދިޔަ އެވެ. ކޮންމެ ގޮތެއް ވިޔަސް އެ އިޙްސާސުގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ޖިނާހު ހިނިތުންވުމެއް ފަތުރާލި އެވެ.
"އެންމެ ރަނގަޅު ... ޔުނޫ ޖެހޭނީ އަހަންނާއެކީގަ އެހެރަ ގެއަށްދާން. ހަމަ ކުޑައިރުކޮޅަކަށް ވާހަކަ ދައްކާފަ ޔުނޫ ދިޔަ ދޭނަން. އެންމެ ރަނގަޅު؟" ޖިނާހު އެހި އެވެ. ޔުނާ ޖިނާހު އިޝާރާތް ކުރި ދިމާލަށް ބަލައިލި އެވެ. ހެދިފައިވި އުސް ފާރުތަކުގެ ވާތް ފަރާތުގައި ރީއްޗަށް ހެދިފައިވި މެދުމިނުގެ ގެ އެއްވި އެވެ. ޔުނާ އެއްފަހަރު އެ ގެއަށް އަނެއް ފަހަރު ޖިނާހަށް ބަލައިލަމުން ވިސްނާލި އެވެ. ފުރަތަމަ ސިކުންތުގައި އިންކާރު ކުރަން ބޭނުންވި އެވެ. އެހެނަސް އެއިން އޭނާ އާއި ޖިނާހުގެ ވާހަކަ ދިގުވުން ނޫން ކަމެއް ނުވާނެކަން ދަނެގެން ޔުނާ އެ ގެއާ ދިމާލަށް ދާން ފެށީ އެހެން ގޮތެއް ހިޔާލު ކުރަމުންނެވެ. އަތުގައި އެޅުވިފައިވި އަތް ދަބަސް ތެރެއިން ޔުނާ ފޯނު ނެގީ ވަގުތުން ޒިހާނަށް މެސެޖެއް ވިޔަސް ކޮށްލުމަށް ނިންމަމުންނެވެ. އެހެނަސް އެހާ ހިސާބަށް ފޯނުގެ ނެޓްވޯކް ނުލިބޭކަން އެނގުންވީ ހިނދު ޔުނާގެ އަތް ފިނިވެގެން ދިޔަ އެވެ. ހިތް ބިރުގަތެއް ކަމަކު ޔުނާ އެކަން ފޮރުވަން މަސައްކަތް ކުރަމުން ފޯނު އަތް ދަބަހަށް އަޅައިލި އެވެ. އޭނާ ފޮރުވަން އުޅުނެއް ކަމަކު އޭނާގެ ފަހަތުން އަންނަމުން ދިޔަ ޖިނާހަށް ދެންމެ ކަންތައްވީ ގޮތް ޔަގީންވުމުން އޭނާގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވި އެވެ.
ޔުނާ އާއި ޖިނާހު އެކުއެކީގައި ގޮސް އެތާ ހުރި ގެއަށް ވަން މަންޒަރު ބަލަން އިނދެފައި އެތާ އޮތް ކާރުގައި އިން ޑްރައިވަރު ޑިކީ ހުޅުވާ ބަޓަނަށް ފިތާލުމަށްފަހު ކާރުން ފޭބި އެވެ. ކާރުގެ ދޮރު ލައްޕާލުމަށްފަހު އެމީހާ ކާރުގެ ފަހަތަށް ގޮސް ޑިކީ ހުޅުވާލި އެވެ. އެއަށްފަހު ޑިކީގެ ތެރޭގައި އޮތް ދިގު ބަޑިއެއް ނަގައި ޑިކީ ލައްޕައިލި އެވެ.
ޖިނާހާ އެކީ ޔުނާ ގޮސް ވަން ގެ ވެގެން ދިޔައީ ޔުނާ ހީކުރި ވަރަށްވުރެ ތަނަވަސް އަދި ރީތި ގޮތަކަށް ހެދިފައިވި ގެއަކަށެވެ. ގޭގެ ތެރެއަށް ވަންތަނާހެން ފެނިގެން ދިޔައީ މާބްލް ޓައިލްސް ޖެހިފައިވި ކުޑަ ހޯލެކެވެ. މުޅި އެ ހޯލަށް ފަނޑު އޮރެންޖު ކުލައިގެ އައްޔެއް ވެރިކުރުވިފައިވީ އިރު ހޯލުގެ މެދުގައި ދެ މީހުންނަށް އިށީނދެވޭ ގޮތަށް މޭޒެއްވި އެވެ. އެ މޭޒުގައި މަތިޖެހިފައިވި ތަށިތައް ހުރިގޮތުން އެއީ ކެއުމެއްކަން އެނގުނެވެ. އެތާގެ މަތިން ފުރާޅު ފެންނަމުން ދިޔައިރު ފުރާޅުގެ ދެ ފަރާތުގައި ވެސް ފުޅާ ދެ ކުޑަދޮރު ހުރި ގޮތުން އުޑުގައިވި ތަރިތައް އެތެރޭގައި ތިބި އިރު ވެސް ފެންނަމުން ދިޔަ އެވެ.
"ރީތި ތަނެއްދޯ؟ އަހަރުމެން ޑޭޓް ކުރި އިރު ވެސް ޔުނޫ މިތަނަށް ގެންނަން އުޅުނީމޭ. އެކަމަކު ޔުނޫ ބިޒީ ބިޒީއޭ ކިޔާތީ ހަމަ ނުގެނެވުނީ. ޓޫ ބޭޑް ދޯ؟" ޔުނާ ވަށައިގެން ނަޒަރުތަކެއް ދެމުން ދަނިކޮށް ޖިނާހު ވާހަކަތައް ދައްކަމުން ކުރިއަށް ދިޔަ އެވެ. ޖިނާހު ހިނގަމުން ދިޔަ ވަރަކަށް ޔުނާއަށް ވެސް ފަހަތުން ހިނގެމުން ދިޔައީ ބޭއިޚްތިޔާރުގަ އެވެ. އެހެނަސް ޖިނާހު ދެއްކި ވާހަކަތަކުން ވީ ފޫއްސާއެކީ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. އެހިނދު ޔުނާއަށް ހުރެވުނީ މޭޒުގެ ކައިރީގަ އެވެ. އޭރު ޖިނާހު މޭޒުގެ މެދުގައި ބެހެއްޓިފައި ހުރި ފުޅިއެއް ނަގައި ބަންޑުން މޭޒުމަތީގައި ބެހެއްޓިފައި ހުރި ބިއްލޫރި ތަށި ސީދާ ކުރި އެވެ. އެއަށްފަހު އަތުގައި ހުރި ފުޅިން އެ ތަށްޓަށް ބުއިމެއް އަޅަން ފެށި އެވެ.
"ލެޓްސް ހޭވް އަ ޑްރިންކް ދޯ؟ ފޯ ދި އޯލްޑް ޓައިމްސް ...." ޖިނާހު ފުޅި ބަހައްޓަމުން ބުއިން ހުރި ތަށި ނަގައި ޔުނާއަށް ދިއްކޮށްލި އެވެ. ޔުނާ އަސަރެއް ނެތް ގޮތަކަށް ހީލި އެވެ.
"ޖިނާހު ދޭހާ އެއްޗެއް ހޯދާހާ ގަމާރެއް ނޫން އަހަރެން. ތި ދޭ ބުއިމެއް ބޯކަށް ނެތިން އަހަރެން. ޖިނާހާ އެކީ އެއް މޭޒެއްގެ ދޮށުގަ އިށީންނާކަށް ވެސް ނެތިން. ޖިނާހު އަހަންނާ އެކީގަ ކުރަން އުޅުނީ މިކަންތައް ވިއްޔާ އަހަރެން ހުންނާކަށް ބޭނުމެއް ނޫން. އަހަރެންގެ ފިރިމީހާ ހުންނާނީ މިހާރު އަހަރެންގެ އިންތިޒާރުގަ. އެހެންވީމަ ވަރަށް ސަލާމް!" ޔުނާ އެހެން ބުނެފައި ކުއްލި ގޮތަކަށް ފަސް އެނބުރިލަމުން ދާން އުޅުނެވެ. އެހިނދު ޖިނާހު އަތުގައި ހުރި ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ލައިގެން ހުރި ކޯޓުގެ ތެރެއިން ފިސްތޯލެއް ނެގި އެވެ. އަދި ދިގު ދެތިން ފިޔަވަޅު އެޅުމަށްފަހު އެ ފިސްތޯލު ޔުނާގެ ބުރަކަށީގައި ޖެއްސި އެވެ. ކުރެވުނު އިހުސާސާ އެކީ އިސާހިތަކު ޔުނާއަށް ފިޔަވަޅުތައް މަޑު ޖައްސާލެވުނެވެ. އެއީ ކޯޗެއްގެ އިހުސާސްކަން ނަގައިގަނެވުނު ވަގުތު ހިތް ބާރަށް ތެޅެން ފެށި އެވެ.
"އިތުރަށް އެންމެ ފިޔަވަޅެއް އަޅައިފިއްޔާ ވެސް މިއީ ޔުނާގެ އެންމެ ފަހު ދުވަހަށް ވެދާނެ. ޓު ބީ އޮނެސްޓް މި ތަނުން ބޭރަށް ގޮއްސިއްޔާ ވެސް ޔުނާގެ ދުވަސް ދިޔުން ވަރަށް ގާތް. އަހަރެން އެކަނި ނޫންވިއްޔާ ޔުނާގެ ނިމުން ގެންނަން މަސައްކަތް ކުރަނީ މިރޭ ..... އެކަމަކު ބުނަން، އަހަރެން ނެތިން ޔުނޫ ވަގުތުން މަރާލާކަށް. ޔުނޫ އަހަރެންގެ އެދޭ އެދުމެއް ފުރިހަމަ ކޮށްދިނިއްޔާ ފަހަރެއްގަ އަދި ދުވަސްކޮޅެއް ވަންދެން ދެން ހުރި މީހެއްގެ ކިބައިން ވެސް ޔުނޫ ރައްކާތެރި ކޮށްދޭނަން...." ޖިނާހު ޔުނާއާ ކައިރިވަމުން ދެން ވެސް ފިސްތޯލު ޖައްސައިގެން ހުރެ ވާހަކަ ދެއްކި އެވެ.
"ކް....ކޮން އެދުމެއް؟" ޔުނާ ދުވަހަކު ވެސް ބިރުނުގަންނަހާ ވަރަށް ބިރުގެންފައި ހުރެ އެހި އެވެ. އެހިނދު މުޅި މީހާ ތުރުތުރު އަޅަމުން ދިޔައިރު ލޮލަށް ކަރުނަތައް ވެސް ޖަމާވެފައިވި އެވެ. ޔުނާ ބަލަން ހުރެހުރެފައި ޖިނާހު ޔުނާގެ ކުރިމައްޗަށް އަންނަމުން ފިސްތޯލު ޔުނާއާ ދިމާލަށް ދިއްކޮށްލި އެވެ.
"އެހެރަ ކޮޓަރިއަށް ގޮއްސަ އަހަންނާ އެކީގަ ރެއެއް ހޭދަކުރަންވީ ...." ޖިނާހު އެއް ފަރާތަކުން ފެންނަމުން ދިޔަ ދޮރަށް ބޮލުން އިޝާރާތްކުރަމުން ބުނެލި އެވެ. އެހިނދު ލިބުނު ޝޮކާއި އައި ރުޅީގައި ޔުނާއަށް ޖިނާހާ ދިމާލަށް ބަލައިލެވުނީ ބުމަގޮށްޖެހި ދެއަތް މުއްކެވިފައިވާ ހާލުގަ އެވެ. ރުޅި ގަދަވެގެން ދިއުމުގެ ސަބަބުން އެތަކެއްޗެއް އެއްފަހަރާ ބުނަން ބޭނުންވި ހިނދު ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރި އެވެ. ނަތީޖާއެއްގެ ގޮތުން ޔުނާއަށް ހިމޭނުން ހުރެވުނެވެ. އެ ހިމޭންކަން ފެނިފައި އޭނާ ކާމިޔާބުވީއޭ ހިތައި ޖިނާހަށް ހިނިތުންވެލެވުނެވެ.
"ދެޓްސް ރައިޓް! ޔުނާއަށް އޮތީ މި ދެގޮތް. އެއްގޮތަކީ އަހަންނާ އެކީގައި އެ ކޮޓަރިއަށް ދިއުން. އަނެއް ގޮތަކީ މި ހުރި ތަނަށް މަރުވުން. ގޮތެއް ހިޔާރުކުރަން އަހަރެން ދޭނަން ވަގުތުކޮޅެއް .... މާ އުދަނގޫ ނިންމުމެއް ނޫން ކަންނޭނގެދޯ؟ އަޅެ ތެދުތެދަށް ބުނެބަލަ. ޔުނާ ބޭނުމެއް ނުވޭތަ އަހަރެން ކަހަލަ މީހަކާ އެކީ އެއްކޮޓަރިއެއްގަ .... އެއް އެނދެއްގަ .... އަހަރެންގެ އަތުތެރޭ ....." ޖިނާހު ޔުނާއާ ދިމާލަށް ފިޔަވަޅުތައް އަޅަމުން ބުނަމުން ދިޔަ ބަސްތައް މެދުކެނޑުނެވެ.
"މަރާލާ!" ޔުނާ ތުރުތުރު އަޅާ ހަރު އަޑަކުން އެހެން ބުނެލި އިރު މެރިފައިވި ދެލޮލުގެ ދޭތެރެއިން ކަރުނަތައް ފައިބައިގެން އައެވެ. ޔުނާ ބުނި އެއްޗަކުން ލިބުނު ޝޮކުގައި އިސާހިތަކު ޖިނާހުގެ ހިނިތުންވުން ފިލައި ދިޔަ އެވެ. ޖިނާހު ބަލަބަލާ ހުއްޓާ ޔުނާ ލޯ ހުޅުވާލަމުން ވާހަކަ ދެއްކި އެވެ.
"ބޭނުމެއް ނޫން ...... ޒިހާންގެ މަގާމު އެހެން އެއްވެސް މީހަކަށް ދޭކަށް ބޭނުމެއް ނޫން. ޒިހާން ދެރަ ކުރާކަށް ބޭނުމެއް ނޫން. އަހަރެން ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގައި ވަނިކޮށް އެ ހިތާމައިން އަރައިގަންނަން އަހަންނަށް އެހީވެދިނީ ޒިހާން. އަހަރެން ޒިހާންދެކެ ލޯބިނުވާއިރު ވެސް އަހަންނަށް ލޯބިދިނީ ޒިހާން. ޒިހާން އަމިއްލަ އަށް ދެރަވި ދުވަސްތަކުގައި ވެސް އަހަރެން ހިނިތުންވެހުރޭތޯ ޔަޤީންކުރީ ޒިހާން. ވީއިރު އަހަންނަށް ޒިހާނަށް އެހާބޮޑު ހިތާމައެއް ނުދެވޭނެ. ދިރި ނުއުޅެވޭނެ އޮޅުމަކުން ވިޔަސް ޒިހާނަށް އެފަދަ ހިތާމައެއް ދެވިއްޖެއްޔާ. އަހަންނަށް ކެތެއް ނުކުރެވޭނެ ޒިހާން ވޭނުގަ އުޅޭތަން ދެކެން." ޔުނާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުއިރު ރަނގަޅަށް ރޮވިފައިވި އެވެ. ޒިހާނަށްޓަކައި އޭނާގެ ހިތުގައިވި އިހުސާސްތަކުގެ ވަރުގަދަކަން ޔުނާއަށް އެނގުންވީ އެ ވަގުތެވެ. ނޭންގި ނަމަވެސް އެ އިހުސާސްތައް އޭނާގެ ހިތުތެރޭގައި ހެދިފޯދިގެން ގޮއްސިތާއޭ ހިތަށް އެރި އެވެ. އެހެނަސް އެ އިހުސާސްތައް ޒިހާނަށް ހާމަކޮށްދިނުމުގެ ފުރުސަތެއް އޭނާއަށް ލިބޭނެބާއޭ ޔުނާގެ ހިތަށް އެރީ ކުރިމަތިން ފެންނަމުން ދިޔަ ފިސްތޯލު އޭނަގެ މޫނާ ދިމާލަށް އަމާޒުވެވުނު ވަގުތެވެ.
"މިއީ ޔުނާ އަމިއްލައަށް ނިންމި ނިންމުމެއް." ޖިނާހު އެހެން ބުނެލީ ފިސްތޯލުގެ މަތީ ބަޔަށް ދަމާލަމުން ވަޒަނެއް ފޮނުވަން ތައްޔާރުވަމުންނެވެ. ޖިނާހު ޓްރިގަރަށް ދަމާލަން އުޅުނު ވަގުތު ކުއްލިއަކަށް އެ ގޭގެ މައިދޮރުގެ ތަޅުގައި މީހަކު ބާރަށް ހިފައި ހުޅުވަން އުޅުނު އަޑު އިވުނެވެ. އެއާއެކު ޖިނާހާއި ޔުނާގެ ނަޒަރު ވެސް އެ ދިމާލަށް ދަތުރުކުރި އެވެ. އެ ދޮރު ތަޅުލާފައި ވުމުން ދޮރު ނުހުޅުވުމުން އެމީހަކު ބާރުބާރަށް އެ ދޮރުގައި ތަޅަން ފެށި އެވެ. އެ ތެޅުމުގައި އެމީހެއްގެ ހުރި ރުޅިވެރިކަން ޖިނާހާ އެކީ ޔުނާ އަށް ވެސް ފާހަގަވި އެވެ.
"ކާކު މޮޔަވެގެން އުޅެނީ؟! ބޮޑު....." ޖިނާހު ހަރުއަޑުން ނުބައި އެއްޗެހި ގޮވަމުން ދޮރު ކައިރިއަށް ދިޔަ އެވެ. އެއަށްފަހު ދޮރުގައި ހުރި ލޯވަޅުން ބޭރުގައި ހުރި މީހަކު ފެނޭތޯ ބެލި އެވެ. އެހެނަސް ޖިނާހަށް ހައިރާން ކަމެއް ލިބުނީ ބޭރު ބަލައިލުމުން ވެސް ބޭރުން މީހަކު ނުފެނުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް ދޮރު ހުޅުވާލަން ޖިނާހު ޚިޔާލުކުރިއެއް ކަމަކު އެ ވާނީ ކާކަށްކަމުގެ ކުޑަ ހިލަމެއް އޭނައަށްވި އެވެ. އެއާއެކު އެ މީހަކަށް ދައްކާލަން ވިޔަސް އޭނަ ކޮންމެހެން ޔުނާއާ ކައިރިވާން ބޭނުންވި އެވެ. ސިކުނޑިއަށް ވެރިވި ނުލަފާ ޚިޔާލުތަކާ އެކީ އެތެރެއަށް ވަންނަން ދިޔަ ވަގުތު ޖިނާހު އަތުގައި އޮތް ފިސްތޯލު އެއްފަރާތަކަށް އުކަމުން ދިގު ފިޔަވަޅުތަކެއްގައި ޔުނާގެ ކައިރިއަށް ދާންފެށި އެވެ.
"ޔުނޫ އެ މަތިން ހަނދާން ނައްތާލާފަ އަހަރެން ކައިރިއަށް އާދޭ .... ނިކަން އަވަސްކޮށްލަން ހިނގާ ދެ މީހުން ..." ޖިނާހު ހިތުން އޭނާގެ ވާހަކައިގެ ރާގު ވެސް ބަދަލުކޮށްލީ ބޭރުގައި ހުރި މީހަކަށް އިއްވުމަށެވެ.
"ޖިނާހު.....ކް....ކައިރި ނުވާތި އަހަންނާ...." ޔުނާ ޖިނާހު ކައިރިވަމުން ދިޔަ ވަރަކަށް އަވަސް އަވަހަށް ފަހަތަށް ޖެހެމުން ބުނެލި އެވެ. އެންމެ ފަހުން ޔުނާ ގޮސް ފާރުގައި ޖެހުމުން އިތުރަށް ފަހަތަކަށް ނުދެވުނެވެ. އެ ވަގުތު ޖިނާހު ލަސްލަހުން ޔުނާއާ ކައިރިވާން ފެށި ހިނދު ޔުނާއަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. ޖިނާހު ހަމަހޭ ގެއްލިފައިވި ފަދައަކުން ޔުނާގެ މޫނުގައި ހިފަހައްޓާލަން އުޅުނު ވަގުތު މިފަހަރު ފުރާޅުމަތީގައި ބޮޑު އެއްޗެއް އައިސް ޖެހުނު އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ފުރާޅުގައި ހުރި ކުޑަދޮރު ހުޅުވި އެ ކުޑަދޮރުގެ ދޭތެރެއިން މީހަކު ގޭގެ ތެރެއަށް ފުއްމާލި އެވެ. އެމީހަކު ފަރިތަކަމާ އެކީ ފައިމައްޗަށް ތެދުވެ އިސްއުފުލާލަމުން އޭނާއަށް ބަލަން ތިބި ދެ މީހުންނަށް ބަލައިލި އެވެ. އެއީ ޒިހާން ނޫން ދެވަނަ މީހެއް ނޫނެވެ.
"އަންހެން ކުއްޖަކު ސާފު ބަހުން އިންކާރު ކުރީމަވެސް އެކަން ދޭހަކުރަން ނޭނގޭނީ ގަމާރަކަށް ކަންނޭނގެ ދޯ؟" ޒިހާންގެ ރުޅިވެރި ނަޒަރު ޖިނާހަށް އަމާޒުވި އެވެ.
އެހިނދު ޔުނާއަށް ކަރުނަތަކުގެ ތެރެއިން ހިނިތުންވެލެވުނު ވަގުތު ޒިހާންގެ ނަން ކިޔާލެވުނެވެ. އެ މަންޒަރާ އެކީ ދެންމެ ޒިހާން ބުނެލި ބަސްތަކަކުން އައި ރުޅީގައި ޖިނާހު ދަތްކުނޑި ވިކަމުން ގޮސް ޒިހާންގެ ގިރުވޯނުގައި ހިފަހައްޓާލި އެވެ. ބަދަލުގައި ޒިހާން ކުރީ ދުވަހު ހެން ޖިނާހުގެ މޫނުމައްޗަށް އެތި ފަހަރެއް ވިއްލި އެވެ. މިފަހަރު ޖިނާހު ބިންމައްޗަށް ނުވެއްޓުނީ އެކަމަށް ތައްޔާރުވެގެން ހުރީތީވެ އެވެ. އޭގެ ބަދަލެއްގެ ގޮތުން ޖިނާހު ވެސް ޒިހާންގެ މޫނު މައްޗަށް އެތި ފަހަރެއް ވިއްލަން އުޅުނެވެ. އެހެނަސް ޒިހާން ހުޝިޔާރުކަމާ އެކީ އެ ހަމަލާއިން ރެކުނެވެ. އަދި އޭނާގެ ފައިން ޖިނާހުގެ ފަޔަށް ހަމަލާ ދިނުމުން އެ ފަހަރު ވެސް ޖިނާހު ބަލިކަށިވާ ގޮތްވި އެވެ.
މިފަދައިން މިނެޓްތަކެއް ހިނގި އެވެ. މަންޒަރު ބަލަން ހުރި ޔުނާއަށް ދޭތެރެ ދޭތެރެއިން ޒިހާނަށް ގޮވެމުން ދިޔައީ ޒިހާނާމެދު ކަންބޮޑުވުމުންނެވެ. އެކަމާމެދު ވެސް ޖިނާހު އިތުރަށް ރުޅިގަދަވުން ނޫން ކަމެއް ނުވި އެވެ. އެންމެ ފަހުން ދެ މީހުން ތަޅަމުން ގޮސް އެ ހޯލުގެ ކަނާއި ހަމައަށް ދިޔައިރު ޒިހާންގެ ވެސް ތުންފަތާއި ދިމާލުން ނޫފަން ގަނެފައިވީ އިރު ޖިނާހުގެ ނޭފަތުން ލޭ އަންނަން ފަށައިފި އެވެ. އެހާ ހިސާބަށް ދިޔަ ހިނދު އެތާނގައި އޮތް ފިސްތޯލު ދެ މީހުންނަށް ވެސް ފެނިގެން ދިޔައީ އެކުއެކީގަ އެވެ. އޭތި ނަގަން ތިރިވީ ވެސް ދެމީހުން އެކުއެކީގަ އެވެ. އެހެނަސް ފިސްތޯލު ނެގޭ ގޮތްވީ ޒިހާނަށެވެ. އެއާއެކު ޖިނާހު ހިމޭންވެ އޭނާގެ އަތް މައްޗަށް ނެގިގެން ދިޔަ އެވެ.
"ދެންވެސް އަހަންނާ އަހަރެންގެ އަންހެނުންނާ ބެހެން ޚިޔާލު ވެސް ނުކުރާތި!" ޒިހާން އިންޒާރެއް ދިނެވެ. އެއާއެކު ޖިނާހު އަނެއްކާ ވެސް ނުބައި ބަހެއް ކިޔާލި އެވެ. ޒިހާން ވަކި އަޅާލުމެއް ނެތި ދުރުގައި ހުރި ޔުނާ ގާތު އަންނާށޭ ބުނެލީ ދެން ވެސް ޖިނާހަށް ފިސްތޯލު ދިއްކޮށްގެން ހުރެ އެވެ. ޔުނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޒިހާންގެ ކައިރިއަށް ދިޔަ އެވެ. އަދި ޒިހާންގެ މޫނުގައިވި ޒަޚަމްތަކުގައި ފިރުމައި ތަދުވޭތޯ އަހަން ފެށި އެވެ. ޒިހާން ގެއަށް ހިނގާށޭ ބުނަމުން ޔުނާގެ ކޮނޑުގައި ހިފަހައްޓާލަމުން އެގެއިން ނިކުތީ ޖިނާހަށް ފަހު ނަޒަރެއް ދެމުންނެވެ. ޔުނާ އާއި ޒިހާން އެކުއެކީގައި އެ އަނދިރި މާޙައުލަށް ނިކުތް ވަގުތު އެތަނަށް އިތުރު އެހެން ކާރެއް މަޑުކޮށް އެ ކާރުގެ ކައިރީގައި އެހެން މީހަކު ހުރިކަން އެ ދެމީހުންނަށް ވެސް ފުރަތަމަ ނޭނގުނެވެ. އެހެނަސް ހަމަ އެހިނދު ޖިނާހު އެ ގޭގެ ދޮރުމައްޗަށް އެރި ހިނދު އެއީ ކާކުކަން އެނގި ވާހަކަ ދެއްކި އެވެ.
"އަނހަ ހަމީދުބެ!!" ޖިނާހު ހަރު އަޑުން އެނަމުން ގޮވާލީ ވަކި މަގުސަދެއްގަ އެވެ. އޭނާގެ އެ މަގުސަދު ހާސިލުވި އެވެ. ޔުނާ އާއި ޒިހާންގެ ފިޔަވަޅުތައް މަޑުޖެހި އެ ދެ މީހުންނަށް ވެސް ކަނާތްފަރާތަށް ބަލައިލެވުނެވެ. އެ ހިނދު އެތާ ހުއްޓި ހުރި ހަމީދު ފެނިފައި ޔުނާގެ ދެލޯ ބޮޑުވީ ހިނދު އޭގެ ދެވަނަ ސިކުންތުގައި އޭނާ އަށް ޒިހާނާއި ދިމާލަށް ބަލައިލެވުނެވެ. އެ ހިނދު ޒިހާނަށް ހުރެވުނީ ނޭވާލާން ހަނދާން ނެތި ގަނޑުވެފަ އެވެ. މޭ ތެރޭގައި އެއްކަލަ ރިހުން އުފެދެން ފެށިހެން ހީވި ވަގުތު މިހާރުގެ އާދައިގެ މަތިން ޒިހާން ވަގުތުން އޭނާގެ ކަނާތު އަތް މުއްކަވާލި އެވެ. އެހެނަސް އޭނައަށް ރަނގަޅު ހިޔާލުތައް ކުރެވުނީ ވަކި ވަރަކަށެވެ. އިސާހިތަކު ނޭވާ ލެވެން ފެށި ވަގުތު ނޭވާ ކުރުކަން އެނގުންވީ ހިނދު މޭގައިވި ރިހުން ތޫނު ވާން ފެށި އެވެ.
"ޒިހާން....ޒިހާން! ޒިހާން އާދެބަލަ އެތާ އިށީންނަން..." ޒިހާންގެ ގައިން ވަރުދޫވާން ފެށިހެން ހީވި ވަގުތު ޔުނާ އެހެން ބުނެލަމުން އޭނަގެ ކޮނޑުމަތީގައި އޮތް ޒިހާންގެ އަތުގައި ބާރަށް ހިފަހައްޓާލި އެވެ. އަދި އުދަގުލާ އެކީ ހިނގާފައި ގޮސް ކައިރިން ފެނުނު ފާރު ކައިރިއަށް ޒިހާނާ އެކީ ތިރިވެލީ ޒިހާނަށް ލެނގިލައިގެން އިށީނުމުގެ ފުރުސަތު ދިނުމަށެވެ.
"ޒިހާން އެއްވެސް ކަމެއް ނުވާނެ. ފުންކޮށް ނޭވާ ލާ. އަހަންނަށް ބަލާ!" ޔުނާއަށް ހާސްކަމާ އެކީ އެހެން ބުނެލެވުނީ ޒިހާންގެ މޫނުގައި ދެއަތުން ހިފަހައްޓަމުންނެވެ. އެހިނދު އޭނައަށް ނޭނގި އޭނާގެ ލޮލަށް ކަރުނަތައް ޖަމާވެފައިވި އެވެ. ޒިހާން ޔުނާ ބުނިގޮތަށް ޔުނާގެ މޫނަށް ނަޒަރު ހުއްޓައިލި އެވެ. ޔުނާ ގާތު ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށް ބުނަން ބޭނުންވި އެވެ. އެންމެ ފަހުން މިހެން ވީ ދުވަހަށްވުރެ އެތައް ގުނައަށް އޭނާގެ ޙާލަތު ރަނގަޅީ ޔުނާ ކައިރީގައި ހުރީމަ ކަންނޭނގެއޭ ބުނަން ބޭނުންވި އެވެ. އެހެނަސް އެ ބަސްތައް ބުނަން ދުލަށް ނުކުޅެދުނެވެ. އަދި ހަމަ އެހެންމެ އެއްލި ކަޅިއަކުން ފެނުނު މަންޒަރުން ޒިހާން ހުއްޓުން އަރާ ގޮތްވި އެވެ. ޔުނާގެ ފުރަގަހުން ފެންނަމުން ދިޔަ އުސްފާރުގެ މަތިން ފެންނަމުން ދިޔަ ގޮޅިއެއްގައި ހުރީ އެ ދެ މީހުންނާއި ދިމާލަށް ދިގު ބަޑިއެއް ދިއްކޮށްގެން ހުރި ފިރިހެނެކެވެ. އެ ފިރިހެން މީހާ އެ ބަޑި އަމާޒު ކުރަނީ ކާކަށްކަން ޔަގީން ނުވިއެއް ކަމަކު ބަޑި ޖަހައިފިނަމަ ޔުނާގެ ގަޔަށް ވަޒަން އެރުމުގެ ފުރުޞަތު ބޮޑުކަން ޒިހާނަށް އެނގުނެވެ. އެކަން އެނގުންވިތާ ސިކުންތެއްގެ ތެރޭގައި ޒިހާން ކުއްލި ގޮތަކަށް ޔުނާގެ އުނަގަނޑުގައި ހިފައި ދެމީހުން އެކީގައި އެދިމާލުން ދުރުކުރުވަން އުޅުނެވެ. އެހެނަސް ޔުނާއަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރާ އެކީ ޒިހާނަށް ގެނެވުނު ހަރަކާތުން ޔުނާ އާއި އޭނައަށް ތިބެވުނު ތަން ބަދަލުވުން ނޫން ކަމެއް ނުވި އެވެ. ޒިހާންގެ ބިޔަ ހަށިގަނޑުން ޔުނާގެ ހަށިގަނޑު ފޮރުވިގެން ދިޔަ ވަގުތު ބަޑި ޖަހާލެވުނު އަޑު މުޅި ޞަރަހައްދުގައި ގުގުމާލި އެވެ. އެ އަޑާއެކީ ޔުނާއަށް ހަޅޭއްލަވާލެވުނު ވަގުތު އޭނާގެ ގައިގައި ހިފަހައްޓައިގެން ހުރި ޒިހާނަށް ލޮޅުމެއް އައެވެ. ޒިހާންގެ މޭތެރޭގައި މޫނު ފޮރުވައިގެން އޮތް ޔުނާއަށް އެވީ ކީއްކަން އެނގުންވީ ހިނދު މޭރޫރޫ އެޅި އެވެ. އިސާހިތަކު ޒިހާނާ ދުރުވެލަމުން ޒިހާނަށް ގޮވައިލެވުނީ އެ މޫނަށް ބަލައިލަމުންނެވެ. އެހިނދު ޒިހާންގެ އަނގަ ކުޑަކޮށް ހުޅުވި ހުއްޓުން އަރާފައިވި އެވެ. އިސާހިތަކު ޒިހާންގެ ދެލޯ މެރިގެން ގޮސް ޔުނާގެ ކޮނޑު މަތީގައި ޒިހާންގެ ބޯ އެޅުނެވެ.
ވާހަކަ
ވާހަކަ