(29 އޮކްޓޫބަރުގެ އަދަދާ ގުޅޭ)
އަންދަލުސުގެ އުތުރުގައި އޮތް ކްރިސްޓިއަން ސަރަޙައްދެއް ކަމުގައިވާ ޤަޞްޠިލާގެ ރަސްގެފާނު ފާޑިނަންޑު (އެކެއް) ވަނީ މުސްލިމު އަމީރުން ދާޚިލީ ހަނގުރާމަތަކުގެ ފައިދާ ހޯއްދަވައި މުސްލިމުންގެ އެތައް ސަރަޙައްދުތަކެއް އޭނާގެ ރަސްކަމާ އެއްކޮށްލައްވައިފައެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކާ ހަނގުރާމަ ކުރައްވަމުން ގެންދެވި މުސްލިމު ރަސްރަސްކަލުންގެ ތެރެއިން ކޮންމެވެސް އެއްފަރާތަކަށް އޭނާ އެހީވެދެއްވައެވެ. އެ އެހީފުޅުގެ ބަދަލުގައި އޭނާގެ ރަސްކަމާ ގުޅިފައި އޮންނަ ކޮންމެވެސް ސަރަޙައްދެއް އަތުލައްވައެވެ. އޭގެއިތުރަށް އޭނާގެ ލަޝްކަރުގެ ޚަރަދުބަރަދު ހަމަޖައްސަވަނީވެސް މުސްލިމު ރަސްރަސްކަލުންގެ އަތްޕުޅުން ޖިޒީ އަތުލައްވައިގެންނެވެ.
މުސްލިމުންގެ ރަސްރަސްކަލުން އެބޭފުޅުންގެ ދާޚިލީ ހަނގުރާމަތަކުގައި ފާޑިނަންޑާމެދު ބައްލަވަނީ ނިޔާކަނޑައަޅުއްވާ ފަރާތްކަމުގައެވެ. އެހެންކަމުން ފާޑިނަންޑުގެ ރުހުން ހޯއްދެވުމަށްޓަކައި އެއްބޭފުޅަކަށްވުރެ ގިނައިން އަނެއް ބޭފުޅަކު އޭނާއަށް ޖިޒީ ދެއްވަން ވާދަކުރައްވައެވެ.
މިދެންނެވި ހަމަނުޖެހުންތަކާއި ކޯޅުންތަކުގެ ދައުރުގައި އިޝްބީލިއްޔާގެ އައްބާދީ ޚާންދާނުގެ ރަސްގެފާނު مـعتـضد ވަނީ އޭނާގެ ބާރު ވަރަށް ގަދަކުރައްވާފައެވެ. އޭނާ ބައެއްފަހަރަށް ހީލަތާއި ބަހަނާއިން އަނެއްބައިފަހަރު ކަނޑިކޮޅުގެ ބާރުގައިވަނީ އަންދަލުސުގެ މުސްލިމުންގެ ވަރަށްބޮޑު ސަރަޙައްދެއް އޭނާގެ ރަސްކަމުގައި ޝާމިލު ކުރައްވައިފައެވެ.
އަންދަލުސުގެ މުސްލިމުން ކުރީކޮޅުގައި ހީކުރަމުން ގެންދިޔައީ އޭނާއަކީ އަންދަލުސުގެ މުސްލިމުން ހަލާކުގެ ވަޅުގަނޑުން ސަލާމަތްކޮށްދެއްވާނެ ފަރާތަކަށް ވާނެކަމުގައެވެ. ނަމަވެސް އޭނާގެ އަނިޔާވެރިކަމުގެ ސަބަބުން އާއްމުން ދާދި އަވަހަށް އޭނާދެކެ ފޫހިވެއްޖެއެވެ.
مـعتـضد އަކީ ދެފުށްދެގޮތްކަމުގައި އެއްވަނަ ދަރަޖައިގެ ބޭފުޅެކެވެ. އޭނާގެ އެތެރެފުށުގެ ނުބައިކަމުގެ ހައްދެއް ނެތެވެ. ބަދަލުހިއްޕަވާ މިޒާޖު އިންތިހާއަށް ހުރެއެވެ. ގޮތްދޫނުކުރެއްވުމުގައި ލާމަސީލެވެ. ރާފޮދު ހިއްޕެވުމާއި، ފާސިޤުކަމާއި ފާޖިރުކަމުގައި އޭނާ ހުންނެވީ އަންދަލުސުގެ އެހެނިހެން އަމީރުންނަށްވުރެ އެތައްތަނެއް ކުރިއަށެވެ. އެހެންކަމާއެކުވެސް އޭނާއަކީ ޅެމަށް ލޯބިކުރައްވާ ބޭފުޅެކެވެ. ޅެންވެރީންނަށް ކަމޭހިއްތަވާ ބޭފުޅެކެވެ. އޭނާގެ ހަށިކޮޅުގެ ބަދަވިކަމާއި، ޖިސްމާނީ ބާރުފުޅުގެ ވަރުގަދަކަމުން އިންތިހާދަރަޖައިގެ ޢައްޔާޝީ ދިރިއުޅުއްވުމެއް އުޅުއްވިއިރުވެސް އޭނާ ހުންނެވީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން އާދަވެފައެވެ. ދުޝްމިނުންނަށް އަނިޔާކުރައްވައިގެން ޤަތުލުކޮށްލެއްވުމަކީ އޭނާ ވަރަށް އުފާފުޅުވާ ކަމެކެވެ.
مـعتـضد އޭނާގެ ދުޝްމިނުންގެ ބޮލުގެ ނާށިގަނޑުތަކުގައި މާގަސް އިންދަވައި އެތަކެތިން އޭނާގެ ގަނޑުވަރުގެ ގޯތިތެރެ ޒީނަތްތެރި ކުރައްވައެވެ. އެއީ އޭނާގެ ބަގީޗާއެވެ. ބޮޑެތިބޮޑެތި އަމީރުންގެ އިސްތަށިފުޅުގެ ނާށިގަނޑު ފޮށިކޮޅަކަށް އަޅުއްވައި އޭނާގެ ގަނޑުވަރުގެ ބިންގަރާހުގައި ރައްކާކުރެއްވިއެވެ. مـعتـضد އޭނާގެ ދަރިކަލުން إسماعيـل އޭނާގެ އަމުރުފުޅަށް ނުކިޔަމަންތެރިވެވަޑައިގަތުމުގެ ކުށުގައި އޭނާ އަތްޕުޅުން ޤަތުލު ކޮށްލެއްވިއެވެ.
مـعتـضد ޣަރުނާޠާގެ ބަރުބަރީ ރަސްގެފާނު ބާދީސާގެ ބައެއް ރަށްރަށް އޭނާގެ އަތްޕުޅުން ފިރުއްކަވައިގެންނެވިއެވެ. އެއްފަހަރަކު އޭނާ ރިންދާގައި ހުންނަވަނިކޮށް ބަރުބަރީ އަމީރުންތަކެއް އޭނާ ޤަތުލުކޮށްލައްވަން އުޅުއްވިއެވެ. އެކަން ކާމިޔާބުނުވީ ރިންދާގެ އަމީރެއްގެ ތިމާގެފުޅު ބޭފުޅަކު އެކަން މަނާކުރެއްވުމުގެ ސަބަބުންނެވެ. ނަމަވެސް مـعتـضد އަކީ އޭނާއާ ދެކޮޅަށް މިފަދަ ގޮތަކަށް ވިސްނައިފި މީހަކަށްވެސް މާފުދެއްވާކަހަލަ ބޭފުޅެއް ނޫނެވެ. އޭނާ އިޝްބީލިއްޔާއަށް އެނބުރި ވަޑައިގެން ރިންދާއާއި، މައުރޫރާއި، އަރާބިޝާއި، ސްރޭޝްގެ އެންމެ ކުރިއަށްތިއްބެވި ބަރުބަރީންގެ ފަސްދޮޅަސް އަމީރުންނަށް ޖާފަތަކަށް ދަޢުވަތު ދެއްވިއެވެ. އެބޭފުޅުން ވަޑައިގަތުމުން ފަރިއްކޮޅުގެ ކުރީން އޭނާ އެބޭފުޅުން ފޮނުއްވީ އޭނާ ތައްޔާރުކުރައްވައިފައިހުރި އާދަޔާ ޚިލާފު ހައްމާމު ތަކަކަށެވެ. ބަރުބަރީ އަމީރުން އެތަނަވަސް ހައްމާމުތަކުގައި ނާނިފިއްލަވަން ތިއްބަވަނިކޮށް ބޭރަށް ނިކުމެވަޑައިގަންނަވަންހުރި ހުރިހައި ދޮރުތަކެއް ބަންދުވެއްޖެއެވެ. ވައިވެސް ބަންދުވެއްޖެއެވެ. ހައްމާމުގެ ހޫނު ހައްތާދިޔައީ ގަދަވަމުންނެވެ. އެބޭފުޅުން ކެތްނުކުރެއްވޭފަދަ ގަދަ ހޫނުގައި ތެޅިފޮޅިވަޑައިގަންނަވަނިކޮށް އަވަހާރަވެއްޖެއެވެ. مـعتـضد ގެ މިއަނިޔާވެރި ޢަމަލުގެ ސަބަބުން ޣަރުނާޠާއާއި ޣަރުނާޠާގެ އަވަށްޓެރި ދައުލަތްތަކުގައި ޢަރަބީންނާއި ބަރުބަރީގެ މެދުގައި ކުރިޔަށްވުރެ ވަރުގަދަ ރޫޙަކާއެކު ދެކޮޅުވެރިކަމުގެ ޙަރަކާތްތައް ހިނގައިގަތެވެ. مـعتـضد ޤުރުޠުބާއަށްވެސް އެތައްފަހަރަކު ޙަމަލާ ދެއްވިއެވެ. ނަމަވެސް ޤުރުޠުބާ ފަތަޙަކުރެއްވުމުގެ ހުވަފެންފުޅު ޙަޤީޤަތަކަށެއް ނުވިއެވެ.
مـعتـضد ގެ މިދެންނެވި ސިޔާސަތުގެ ނަތީޖާއަކަށްވީ މުލޫކުއްތަވާއިފުންގެ ތެރެއިން ދެންތިއްބެވި ބޭފުޅުން އޭނާގެ ވެރިކަން ފުޅާކުރެއްވުމުގެ ސިޔާސަތުން ސަލާމަތްވެވަޑައިގެންނެވުމަށްޓަކައި ޤަޞްޠިލާގެ ކްރިސްޓިއަން ރަސްގެފާނު އެބޭފުޅުން އެކުވެރިއެއް ކަމުގައްޔާއި، ހަށިފާރަވެރިއެއް ކަމުގައި ހެއްދެވުމެވެ. އޭނާއަށް ޖިޒީ ދެއްވަން ފެއްޓެވުމެވެ.
ހިޖުރައިން 447 ވަނަ އަހަރު ފާޑިނަންޑު އޭނާގެ މޫނުފުޅުމަތީން ނިޤާބު ނަންގަވައިފިއެވެ. ބަޠުލިޔޫސްގެ އަމީރު مـظـفّـر ގެ ބައެއް ސަހަރުތައް ފިރުކައްވައިގެންނެވިއެވެ. ހިޖުރައިން 449 ވަނަ އަހަރު ސަރުޤިސްޠާގެ ބައެއް ސަރަޙައްދުތަކަށްވެސް ވެރިވެވަޑައިގެންފިއެވެ.
އަންދަލުސުގައި އިޝްބީލިއްޔާ ފިޔަވައި ދެން އެންމެ ބާރުހުރި ރަސްކަމަކަށް އޮތީ ޠުލައިޠުލާގެ ރަސްކަމެވެ. އެތާނގެ ރަސްގެފާނު مـأمـون زِنّـون ވެސް ހުންނެވީ ޤުރުޠުބާ ހިއްޕަވަން ވަރަށްބޮޑަށް ބޭނުންފުޅުވެފައެވެ. ނަމަވެސް ފާޑިނަންޑު އޭނާގެ ބައެއް ރަށްތައްވެސް ވަނީ އަތުލައްވައިފައެވެ. مـأمـون ހަނގުރާމަކުރެއްވުމުގެ ބަދަލުގައި އޭނާއަށް ވާރުދެއްވަން އެއްބަސްވެވަޑައިގަތީއެވެ. ގިނަދުވަހެއްނުވެ ސަރުޤިސްޠާގެ އަމީރުވެސް ފާޑިނަންޑުގެ ޑޯލާ ރަސްކަލަކަށް ވެވަޑައިގެންފިއެވެ. ފާޑިނަންޑު ދެން ދިމާކުރެއްވީ އިޝްބީލިއްޔާގެ ރަސްކަމާއެވެ. އިޝްބީލިއްޔާގެ އާއްމުން ހީކޮށްގެންތިބީ مـعتـضد، ޤަޞްޠިލާގެ ކްރިސްޓިއަން ރަސްގެފާނުގެ ނުޙައްޤު ޙަމަލާތަކާ ފިސާރި ކެރިވަޑައިގެން ކުރިމަތިލައްވާނެ ކަމަށެވެ. ނަމަވެސް مـعتـضد ވެސް ފާޑިނަންޑަށް ޖިޒީ ދެއްވަން އެއްބަސްވެވަޑައިގަތީއެވެ.
مـعتـضد ގެ މިދެންނެވި ބަލިކަށިފުޅުކަމަށްފަހު އޭނާއާމެދު އާއްމު މުސްލިމުން ވަރަށްބޮޑަށް މާޔޫސްވެއްޖެއެވެ. އެބައިމީހުން އޭނާގެ އަނިޔާވެރިކަމާއި ހަރުކަށިކަން ބަރުދާސްކުރަމުން އައީ ކޮންމެވެސް ދުވަހަކުން އަންދަލުސުގެ މުސްލިމުން ޤަޞްޠިލާގެ ކްރިސްޓިއަނުންގެ ނުރައްކަލުން ސަލާމަތްކޮށްދެއްވާނެކަމުގެ އުއްމީދުގައެވެ. އެހައިތަނުން ފެށިގެން މުސްލިމުންގެ ދެމީހަކު މަގެއްގެ މަތީން ބައްދަލުވެއްޖެނަމަ އެދެމީހުންގެ އެންމެފުރަތަމަ ސުވާލަކަށްވަނީ އަހަރެމެންގެ ކުރިމަގު އޮތީ ކޮންގޮތަކަށް ބާވައެވެ؟ މިސުވާލެވެ.
ފާޑިނަންޑު (އެކެއް) އަވަހާރަވުމަށްފަހު ޤަޞްޠިލާގެ ތަޚުތުގައި އިށީނދެވަޑައިގަތީ އަލްފާންސޫ (ހައެއް) އެވެ. އޭނާ ވަނީ ޞަލީބުގެ ދިދަ ޖަބަލުއްޠާރިޤާ ހަމައަށް ގެންދަވަން ޢަހުދު ކުރައްވައިފައެވެ. مـعتـضد އަވަހާރަވުމަށްފަހު އިޝްބީލިއްޔާގެ ތަޚުތުގައި އިށީނދެވަޑައިގެންނެވި ޒުވާނާގެ އެންމެ ފާހަގަކޮށްލެވޭ ސިފަތަކަކީ ޅެމަށްހުރި ކުޅަދާނަފުޅުކަމެވެ. مـعتـضد ގެ ދަރިކަލުން ތަޚުތުގައި އިށީނދެވަޑައިގެންފައި ޚިޔާރުކުރެއްވި ލަޤަބަކީ المـعتـمد بـاللـّه އެވެ.
ހިޖުރައިން 458 ގައި ފާޑިނަންޑު އަވަހާރަވެއްޖެއެވެ. ނަމަވެސް އަންދަލުސުގެ މުސްލިމުންނަކަށް ޤަޞްޠިލާގެ ކްރިސްޓިއަނުންގެ އަނިޔާތަކަކުން ސަލާމަތެއް ނުވެވުނެވެ. އަލްފާންސޫ (ހައެއް) ޤަޞްޠިލާގެ ތަޚުތަށް ވެރިވެވަޑައިގަތުމާއެކު އަންދަލުސުގެ އުތުރުގައިހުރި ކުދިކުދި ކްރިސްޓިއަން ރަސްރަސްކަން އޭނާގެ ދިދައިގެ ދަށަށް ޖަމާކުރައްވައިފިއެވެ. ޤަޞްޠިލާއާއި، ލިޔޫނާއި، ޖަލީޤިއްޔާއާއި، އަންނަވާރު އެއްކޮށްލެއްވުމުން އަލްފާންސޫގެ ބާރު ވަރަށްބޮޑަށް ގަދަވިއެވެ. ދެން އޭނާ ކުރިމަތިލެއްވީ މުސްލިމް އަންދަލުސުއަށެވެ. ފާޑިނަންޑުވެސް ހެއްދެވިގޮތަށް މުލޫކުއްޠަވާއިފުންގެ އެތައް ރަސްކަލުންނެއް އޭނާގެ ޑޯލާއިން ކަމުގައި ހައްދަވައިފިއެވެ. މުލޫކުއްތަވާއިފުގެ ކުދިކުދި ދައުލަތްތަކުގެ ސަރަޙައްދު ދިޔައީ ހަނިވަމުންނެވެ. އޭނާ މުސްލިމުން ލަވަމުން ގެންދެވީ ދެކުނުފަރާތަށެވެ. މެދުތެރޭ ކަނޑާ ދިމާއަށެވެ.
އަލްފާންސޫ މުސްލިމުންގެ އެއްރަސްކަލެއްގެ ކޮނޑުފުޅަށް އެކުވެރިކަމުގެގޮތުން އަތްޕުޅު އެއްލަވާއިރު އަނެއް ބޭފުޅަކަށް ބިރުދައްކަވައިގެން އެބޭފުޅެއްގެ ސަރަޙައްދުން ބައެއް އަތުލައްވައެވެ. ތިންވަނަ ބޭފުޅަކު ރަޙުމަތްތެރިއަކަށް ހައްދަވައިގެން ހަތަރުވަނަ ބޭފުޅެއްގެ ސަރަޙައްދުން ބައެއް އޭނާގެ ބާރުފުޅުގެ ދަށަށް ގެންދަވައެވެ. އަލްފާންސޫގެ މަޤުޞަދަކީ މުސްލިމުންގެ ދެއަތަށް ކިރިކިރިއޮތް ވެރިކަމުގައި އެންމެފަހުގެ އެތިފަހަރު ޖެއްސެވުންކަމީ އެކަކަށްވެސް ވަންހަނާވެފައިއޮތް ކަމެއްނޫނެވެ. އަންދަލުސުގެ މުސްލިމް އާއްމުން ތިބީ އިންތިހާދަރަޖައަށް ފިކުރު ބޮޑުވެފައެވެ. އެބައިމީހުންގެ އާމްދަނީގެ ބޮޑުބައި ދައްކާންޖެހެނީ އެބައިމީހުންގެ ވެރީންނަށެވެ. ވެރިކަމުގެ އެއްވެސް ޤާބިލިއްޔަތެއް ނެތް ވެރީންނަށެވެ. އެބޭފުޅުން އަލްފާންސޫއަށް ޖިޒީ ދެއްވުމަށްޓަކައެވެ. ޓެކްސްގެ ބަރުބޮޑުވުމުގެ ސަބަބުން އަންދަލުސުގެ މުސްލިމުންގެ މަސައްކަތްތެރިކަންވަނީ ހީނަރުވާން ފަށައިފައެވެ. ބައެއް ސަރަޙައްދުތަކުގެ އަމީރުން މުސްލިމުންގެ ލޭ އިތުރަށް ހިއްޕެވުމަށްޓަކައި ޓެކްސް ނަންގަވަން ހަވާލުކުރައްވައިފައިވަނީ ޔަހޫދީ ކަރުދާވެރީންނާއެވެ. ޙައްޤަށާއި އިންސާފަށް ލޯބިކުރާ މުސްލިމުން ތިބީ އަންދަލުސު ސަލާމަތްކޮށްދެއްވާނެ މުސްލިމް މުޖާހިދަކަށް ބަލަބަލައެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު