ހަންގަނޑު އަވަހަށް މުސްކުޅިވެދާނެތީ ނުވަތަ ރޫޖެހިދާނެތީ ޅައިރުން ފެށިގެންވެސް ހަމަށް ފަރުވާތެރިވުމުގެ މުހިންމު ކަމަކީ އަބަދުހެން ވެސް އިވޭ ވާހަކަތަކެވެ. ފަހަކަށް އައިސް ސްކިން ކެއާއަށް ގިނަ ޕްރޮޑަކްޓްސްތަކެއް ތައާރަފުވެފައިވާއިރު އޭގެ ތެރެއިންވެސް "ރެޓިނޯލް" އަކީ ކޮންމެހެންވެސް ބޭނުން ކުރުން މުހިންމު ޕްރޮޑަކްޓެއް ކަމަށް ހަމުގެ ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ.

ވިޓަމިން އޭ އިން އުފައްދާފައިވާ މި ޕްރޮޑަކްޓަކީ ހަންގަނޑު އާކޮށްދިނުމާއި، ހަމުގެ ކުލަ އަލި ކުރުމަށާއި އަދި މިނޫންވެސް ގިނަ ކަންތައްތަކަށް އޮތް ފަރުވާއެކެވެ. ހަލާކުވަމުންދާ ހަންގަނޑު ރެޓިނޯލުގެ ސަބަބުން އަލުން ތާޒާކޮށްދެއެވެ. ފްރީ ރެޑިކަލްސްއިން ހަން ސަލާމަތް ކޮށްދޭއިރު ހަންގަނޑު އަވަހަށް މުސްކުޅިވުމުން ވެސް ދުރުކޮށްދެއެވެ.

މަރުވެފައި ހުންނަ ހަންތައް ނައްތާލުމާއި، ޕޯސްތައް ހުޅުވުމާއި ހަމުގެ އުޖާލާކަން އަނބުރާ ހޯދުމަށް ރެޓިނޯލު އެހީތެރި ވެދެއެވެ. ރެޓިނޯލު ބޭނުން ކުރަން ފެށުމުގެ ކުރިން އެނގެން ޖެހޭ ބައެއް ކަންކަމަށް މި އާޓިކަލުގައި ބަލައިލާނަމެވެ.

އާންމުކޮށް 30 އަހަރުވުމާ ގާތްވާއިރު ހަންގަނޑު މުސްކުޅިވުމަށް ހުޅުވިގެންދެއެވެ. އެގޮތުން އިރުން ހަމަށް ގެއްލުން ލިބުމާއި، މޫނުން ރޫތައް ފެންނަން ފަށާނީ އުމުރުގެ މިހާ ހިސާބުންނެވެ. މިއީ ހަންގަނޑަށް ފަރުވާ ނުބަހައްޓާނަމަ ގެއްލުން ލިބެން ފަށާ ހިސާބެވެެ. އެހެންކަމުން މިއީ ރެޓިނޯލު ބޭނުން ކުރަން ފަށަން އެންމެ މުހިންމު ވަގުތެވެ. އޭގެ ސަބަބުން ހަންގަނޑު ހަލާކުވުމުގެ ކުރިން ސަލާމަތްކުރުމަށް އެހީތެރިވެދެއެވެ.

މި ޕްރޮޑަކްޓަކީ ބާރުގަދަ ޕްރޮޑަކްޓެއްކަމުން އެއްފަހަރާ މާބޮޑަށް ބޭނުން ކުރަން ފަށައިފިނަމަ ހަމަށް ލިބެން ޖެހޭ ފަރުވާގެ ބަދަލުގައި ގެއްލުން ވުމަށް ހުށަހެޅެއެވެ. އެހެންކަމުން ފުރަތަމަ ބޭނުން ކުރަން ފަށާއިރު ހަފުތާއަކު ދެފަހަރު ކުޑަ އެތިކޮޅެއް މޫނާއި ކަރުގައި ބޭނުން ކުރަން ފެށިދާނެއެވެ. ހަމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ހަމަށް އިތުރު އުނދަގޫތަކެއް ނުވާނަމަ ބޭނުން ކުރުން އިތުރުކުރަމުން ދެވިދާނެއެވެ.

ރެޓިނޯލުގެ ސަބަބުން ހަންގަނޑު ސެންސިޓިވް ކޮށްލާނެތީ އެކްސްފޯލިއޭޓްކުރާ ދުވަސްތަކުގައި ބޭނުން ކުރުން އެހާ ރަނގަޅެއް ނުވާނެއެވެ.

ކޮންމެ އެއްޗެއްގައިވެސް ސައިޑް އިފެކްޓްސް ހުރެއެވެ. ބައެއް މީހުނަށް ކިތަންމެ މުހިންމު ޕްރޮޑަކްޓްސްތަކުންވެސް ބޭނުންވާ ފަރުވާއަށްވުރެ އެމީހާގެ ހަންގަނޑާ ނުގުޅޭތީ ލިބޭ ގެއްލުން ބޮޑެެވެ.

ރެޓިނޯލުގެ ސަބަބުން ހަންގަނޑު ހިކޭ ގޮތް ވުމާއި، ސެންސިޓިވް ވެގެންދާނެއެވެ. ހާއްސަކޮށް އަލަށް ބޭނުންކުރަން ފަށާއިރު މިކަން ބޮޑަށް ފާހަގަ ވާނެއެވެ.

މޫނުގައި ބިހި ނަގާނަމަ ރެޓިނޯލު ބޭނުން ކުރާއިރު ހާއްސަކޮށް ސަމާލުވާން ޖެހޭނެއެވެ.

އާންމުކޮށް ހަމަށް ފަރުވާދޭއިރު ކަރާއި ކަރުމައްޗަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ނަމަވެސް މޫނު ދޮންނަން ފަށާއިރުން ފެށިގެން ސްކިންކެއާ ރޫޓިން ނިމެންދެން މިދެގުނަވަނަކީވެސް މޫނާ އެެއްވަރަށް ފަރުވާތެރިވާން މުހިންމު ގުނަވަންތަކެކެވެ. ހާއްސަކޮށް ކަރަކީ އެންމެ ފުރަތަމަ ހަންގަނޑު މުސްކުޅިވާން ފަށާއިރު ރޫތައް ފެންނާނެ ގުނަވަނެވެ.

ހަމަ މިއާއެކު އަތަކީވެސް ފަރުވާތެރިވާން ޖެހޭ ގުނަވަނެކެވެ. ރެޓިނޯލު ބޭނުން ކުރާއިރު އަތުގައިވެސް އެ ހާކައިލުމުން އަތަށްވެސް ރައްކާތެރިކަން ލިބިގެންދާނެއެވެ.

ރެޓިނޯލުގެ ސަބަބުން ހަންގަނޑު އިތުރަށް ނާޒުކުވެގެންދެއެވެ. އޭގެ ސަބަބުން އިރުގެ ދޯދިތަކުން ހަމަށް ގެއްލުންވެގެންދެއެވެ. އެއީ ސަން ޕްރޮޓެކްޝަނެއް ބޭނުން ކުރިނަމަވެސް މެއެވެ. އެހެން ކަމުން ރެޓިނޯލު ބޭނުން ކުރަން އެންމެ ރަނގަޅީ ރޭގަނޑު ނިދުމުގެ ކުރިންނެވެ. ނަމަވެސް ދުވާލު ގަޑީގައި ރަނގަޅު ސަން ސްކްރީނެއް ބޭނުން ކުރުމަށް ހަނދާން ބަހައްޓަން ވާނެއެވެ.