ފިހާރަޔަކަށް ގޮސް ސެންޓު ޓެސްޓުކުރާ ކަރުދާސްކޮޅަކަށް ސެންޓު ޖެހުމަށްފަހު، އޭގެ ވަސް މީރުކަމުން އެ ގަންނަ ފަހަރު ގިނަވާނެއެވެ. ނަމަވެސް، ގެއަށް އައިސް އަމިއްލަ ގަޔަށް އެ ސެންޓު ޖެހުމުން، ކަރުދާސްކޮޅުން ދުވި މީރު ވަސް ނުދުވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ބޮޑު އަގު ދީފައި ގަންނަ މަޝްހޫރު ބްރޭންޑުތަކުގެ ސެންޓުތަކުން ވެސް މި މައްސަލަ ދިމާވެއެވެ. ހަމައެހެންމެ، ރައްޓެއްސެއްގެ ގައިން ދުވާ މީރު ސެންޓެއް އަމިއްލަ ގަޔަށް ޖެހުމުން، އެ ވަސް މުޅީން ތަފާތުވެ، އަވަހަށް ފިލައިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިއީ ސެންޓުގެ ފެންވަރު ދަށްވުމުން ދިމާވާ މައްސަލައެއް ނޫނެވެ.
މިއީ އިންސާނާގެ ހަމުގެ ކެމިސްޓްރީއާ ގުޅިފައިވާ ކަމެކެވެ. ސެންޓަކީ ހަމައެކަނި ފޯމިއުލާއެކެވެ. އެ ފޯމިއުލާ ފުރިހަމަވަނީ އެ މީހެއްގެ ހަމުގައި ހުންނަ ތަފާތު މާއްދާތަކާ އެކުވުމުންނެވެ. އެހެންކަމުން، އެއް ސެންޓެއް ތަފާތު ދެ މީހެއްގެ ގަޔަށް ޖެހުމުން ދުވާނީ ތަފާތު ދެ ވަހެކެވެ.
ހަމުގެ ކެމިސްޓްރީއާއި ސެންޓާ ހުރި ގުޅުން
ސެންޓެއް އުފައްދާފައި ހުންނަނީ މައިގަނޑު ތިން ފަށަލައަކަށެވެ. އެއީ ޓޮޕް ނޯޓްސް، ހާޓް ނޯޓްސް އަދި ބޭސް ނޯޓްސްއެވެ. ޓޮޕް ނޯޓްސްއަކީ ސެންޓު ޖަހާ ވަގުތު އެންމެ ފުރަތަމަ ދުވާ ލުއި ވަސްތަކެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ ލުނބޯ ނުވަތަ އޮރެންޖު ފަދަ ސިޓްރަސް ބާވަތްތަކުގެ ވަހެވެ. ހާޓް ނޯޓްސްއަކީ ސެންޓުގެ މައިގަނޑު ވަހެވެ. މިއީ މާބޮނޑިއެއް ފަދަ މަލުގެ ވަސްތަކެވެ. އަދި ބޭސް ނޯޓްސްއަކީ އެންމެ ގިނަ އިރު ވަންދެން ހަމުގައި ހަރުލާފައި ހުންނަ ބަރު ވަސްތަކެވެ. މީގެ ތެރޭގައި ވެނީލާ، އޭމްބަރ އަދި ލަކުޑީގެ ވަސްތައް ހިމެނެއެވެ. ހަމުގެ ކެމިސްޓްރީގެ ސަބަބުން މި ތިން ފަށަލަ ފާޅުވާ ގޮތާއި ދުވެލި އެކި މީހުންނަށް ތަފާތުވެއެވެ.
ސެންޓުގެ ވަސް ބަދަލުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ހަމުގެ ޕީއެޗް ލެވެލްއާއި، ހަމުގައި އުފެދޭ ތެޔޮ ނުވަތަ ސީބަމްގެ އިތުރުން ހަށިގަނޑުގެ ފިނިހޫނުމިނެވެ. ސައިންސުގެ ހޯދުންތަކުން އެނގޭގޮތުގައި، އިންސާނާގެ ހަމަކީ އާންމުގޮތެއްގައި ކުޑަކޮށް އެސިޑިކް ނުވަތަ ހުތްކަމެއް އެކުލެވޭ އެއްޗެކެވެ. ނަމަވެސް މި މިންވަރު އެކި މީހުންގެ ކިބައިގައި ތަފާތުވެއެވެ. ހަމުގައި އެސިޑް އެކުލެވޭ މިންވަރު މަތިނަމަ، ސެންޓުގެ ވަސް އިތުރަށް ތޫނުވެ، އޭގައި ހިމެނޭ ފުރަތަމަ ވަސްތައް (ޓޮޕް ނޯޓްސް) ވަރަށް އަވަހަށް އުދުހިގެން ދެއެވެ. މީގެ ސަބަބުން ސެންޓުގެ މެދުތެރޭގައި ހުންނަ ވަސްތައް (ހާޓް ނޯޓްސް) އަވަހަށް ފާޅުވާން ފަށައެވެ.
މީގެ އިތުރުން، ހަމުގައި އުފެދޭ ގުދުރަތީ ތެޔޮކަމަކީ ސެންޓުގެ ވަސް ހިފަހައްޓައިދޭ މައިގަނޑު އެއް ބާވަތެވެ. ތެޔޮ ހަންގަނޑެއް ހުންނަ މީހުންގެ ގަޔަށް ސެންޓު ޖެހުމުން، އެ ތެޔޮކަމުގެ ސަބަބުން ސެންޓުގެ މޮލިކިއުލްތައް ހަމުގައި ހަރުލައި، ވަސް ގިނައިރަށް ދެމިހުރެއެވެ. ހާއްސަކޮށް މަސްކް، ވެނީލާ އަދި ލަކުޑީގެ ވަސްތައް ފަދަ ބޭސް ނޯޓްސްތަކުގެ ވަސް ތެޔޮ ހަންގަނޑުގައި ވަރަށް ބޮޑަށް ފާޅުވެ، މީރު ވަހެއް އުފައްދައެވެ. މިއާއި ހިލާފަށް، ހިކި ހަންގަނޑެއް ހުންނަ މީހުންގެ ހަމުގައި ސެންޓު ހަރުލާނެ ތެތްކަމެއް ނުހުންނާތީ، ވަރަށް އަވަހަށް ސެންޓުގެ ވަސް ފިލައިގެން ދެއެވެ.
ހަށިގަނޑުގެ ފިނިހޫނުމިނާއި ދިރިއުޅުމުގެ އާދަތަކަކީ ވެސް ސެންޓުގެ ވަހަށް ބަދަލު ގެންނަ ކަންކަމެވެ. ހަށިގަނޑު ހޫނުވާ ވަރަކަށް ސެންޓުގެ ވަސް ގަދަވެގެން ދެއެވެ. އަދި ކެއުމުގައި ބޭނުންކުރާ ބާވަތްތަކުގެ ސަބަބުން ދާހިއްލާ މިންވަރާއި ދަލުގައި ހުންނަ މާއްދާތައް ބަދަލުވާއިރު، މި ދަލާ ސެންޓު އެކުވުމުން ވެސް މުޅިން އެހެން ވަހެއް އުފެދެއެވެ.
ކަރުދާހާއި އިންސާނާގެ ހަމުގެ ތަފާތު
ފިހާރަތަކުގައި ސެންޓު ޓެސްޓުކުރަން ގެންގުޅޭ ކަރުދާސްކޮޅަކީ އެއްވެސް ކަހަލަ ކެމިކަލް ރިއެކްޝަނެއް ނުހިނގާ، މުޅިން ނިއުޓްރަލް އެއްޗެކެވެ. ކަރުދާހުގައި ޕީއެޗް ލެވެލްއެއް، ގުދުރަތީ ތެޔޮކަމެއް، އަދި ހޫނުމިނެއް ނުހުރެއެވެ. އެހެންކަމުން، ކަރުދާސްކޮޅަކަށް ސެންޓު ޖެހުމުން އެ ދުވަނީ ސެންޓު އުފެއްދި ފަރާތުން ފުޅީގައި ބަންދުކޮށްފައިވާ އަސްލު ވަހެވެ. އެއީ އެއްވެސް ބަދަލެއް ނައިސް ހުންނަ ސާފު ވަހެވެ. ސެންޓު އުފައްދާ މީހުން ކަރުދާސް ބޭނުންކުރަނީ ސެންޓުގެ ފޯމިއުލާގެ ބެލެންސް ޗެކްކުރުމަށެވެ.
ނަމަވެސް، އިންސާނާގެ ހަމަކީ ދިރިހުރި ގުނަވަނެކެވެ. ހަމުގައި ހުންނަ ލޯވަޅުތަކުން ދާހިއްލުމާއި، ތެޔޮ އުފެއްދުމާއި، ހަށިގަނޑުގެ ހޫނުމިން ބަދަލުވުން ފަދަ ކަންކަން އަބަދުވެސް ހިނގަހިނގާ ހުރެއެވެ. ކަރުދާސްކޮޅަކުން ސެންޓުގެ ޓޮޕް ނޯޓްސް ރަނގަޅަށް ދެނެގަނެވުނު ނަމަވެސް، އެ ސެންޓެއްގެ އަސްލު ވަސް ނުވަތަ ބޭސް ނޯޓްސް އިންސާނާގެ ހަމާ ގުޅޭނެ ގޮތެއް ކަރުދާހަކުން ނޭނގޭނެއެވެ. އެހެންކަމުން، ކަރުދާސްކޮޅަކީ ހަމައެކަނި ސެންޓުގެ އާންމު ވަސް ދެނެގަތުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ސެންޓު ގަންނަން ނިންމަންވާނީ ކަރުދާހުން ދުވާ ވަހަށް ބިނާކޮށެއް ނޫނެވެ.
ސެންޓު ޓެސްޓުކޮށް އިހުތިޔާރުކުރާނެ ގޮތް
ސެންޓު ގަންނައިރު އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ހަމުގައި ޓެސްޓުކުރުމެވެ. މިގޮތުން، ހަށިގަނޑުގެ ވިންދު ޖަހާ ތަންތަން (ޕަލްސް ޕޮއިންޓްތައް) ކަމަށްވާ އަތުގެ ކުޑަހުޅާއި، ކަރުދޮށަށް ސެންޓު ޖަހާށެވެ. މި ހިސާބުތަކަކީ ލޭހޮޅިތައް ހަމާ ކައިރީގައި ހުންނަ ތަންތަން ކަމަށްވުމުން، ހަށިގަނޑުގެ ހޫނުމިން މި ހިސާބުތަކުގައި މަތިވާނެއެވެ. މި ހޫނުމިނުގެ ސަބަބުން ސެންޓުގެ ވަސް ރަނގަޅަށް ފެތުރިގެން ދެއެވެ.
ސެންޓު ޖެހުމަށްފަހު ވަގުތުން ވަސް ބަލައިގެން ގޮތެއް ނިންމުން ރަނގަޅެއް ނޫނެވެ. ސެންޓުގެ އެންމެ ފުރަތަމަ ދުވާ ވަސް (ޓޮޕް ނޯޓްސް) 5 ނުވަތަ 15 މިނެޓުގެ ތެރޭގައި ފިލައިގެން ދެއެވެ. ސެންޓުގެ އަސްލު ވަސް ހަމުގައި ހަރުލުމަށް (ޑްރައި ޑައުންވުމަށް) ވަގުތު ނަގައެވެ. ސިޓްރަސް ނުވަތަ ހުތް މޭވާގެ ވަސްތައް 10 ވަރަކަށް މިނެޓުން ހަރުލާއިރު، ލަކުޑި އަދި އޭމްބަރ ފަދަ ވަސްތައް ހަމުގައި ހަރުލުމަށް 90 މިނެޓު ވެސް ނަގައިފާނެއެވެ. އެހެންކަމުން، މަދުވެގެން 15 ނުވަތަ 30 މިނެޓު ވާންދެން މަޑުކުރުމަށްފަހު ވަސް ބަލާށެވެ.
މީގެ އިތުރުން، ސެންޓު ޖެހުމަށްފަހު ދެ އަތް އުނގުޅުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އޭގެ ސަބަބުން ސެންޓުގެ މޮލިކިއުލްތައް ހަލާކުވެ، ވަސް ބަދަލުވެއެވެ. ހިކި ހަންގަނޑެއް ހުންނަ މީހެއްނަމަ، ސެންޓު ޖެހުމުގެ ކުރިން ވަސް ނުދުވާ ލޯޝަނެއް އުނގުޅުމުން ސެންޓުގެ ވަސް ގިނަ އިރަށް ދެމިހުންނާނެއެވެ. މިއީ ސެންޓުގެ މޮލިކިއުލްތަކަށް ހިފަހައްޓާލާނެ ބިންގަލެއް ފޯރުކޮށްދޭ ކަމެކެވެ.
ސެންޓުގެ ވަސް ގިނަ އިރަށް ދެމެހެއްޓުމަށްޓަކައި ލޭޔަރިން ނުވަތަ ފަށަލަކުރުމުގެ އުކުޅު ބޭނުންކުރެވިދާނެއެވެ. މީގެ މާނައަކީ ސެންޓު ޖެހުމުގެ ކުރިން، އެ ސެންޓާ ގުޅޭ ވަހެއް ހުންނަ ބޮޑީ ވޮޝްއަކުން ފެންވެރުމަށްފަހު، ހަމަ އެ ވަހުގެ ލޯޝަނެއް އުނގުޅުމެވެ. މިގޮތަށް އަމަލުކުރުމުން ހަމުގައި ތެތްކަން ހަރުލުމުގެ އިތުރުން، ސެންޓުގެ ވަސް އެތައް ގުނައަކަށް ގަދަވެ، މުޅި ދުވަހު ދެމިހުރެއެވެ. މިއީ ހާއްސަކޮށް ހިކި ހަންގަނޑެއް ހުންނަ މީހުންނަށް ވަރަށް ފައިދާހުރި ގޮތެކެވެ.
ގަންނަން ނިންމުމުގެ ކުރިން އަމަލުކުރަންވީ ގޮތް
ސެންޓެއް ގަންނަން ފިހާރައަށް ދާ ދުވަހު، އެންމެ ކަމުދާ ސެންޓު އަތުގެ ކުޑަހުޅަށް ޖަހާށެވެ. އެއަށްފަހު ވަގުތުން ސެންޓު ގަތުމުގެ ބަދަލުގައި، ފިހާރައިން ނުކުމެ އެހެން ކަންކަމުގައި މަދުވެގެން އެއް ގަޑިއިރު ހޭދަކުރާށެވެ. މި ވަގުތުގެ ތެރޭގައި ތިބާގެ ހަމުގެ ޕީއެޗް ލެވެލްއާއި، ހޫނުމިނާއި، ތެޔޮކަމާ ސެންޓު އެކުވެ، އޭގެ އެންމެ ފަހުގެ އަސްލު ވަސް (ބޭސް ނޯޓްސް) ފާޅުވާނެއެވެ. އެއް ގަޑިއިރު ފަހުން އަތުން ދުވާ ވަހަކީ، އެ ސެންޓު ގަނެގެން ބޭނުންކުރާނަމަ މުޅި ދުވަހު ތިބާގެ ގައިން ދުވާނެ ވަހެވެ. އެހެންކަމުން، ސެންޓު ގަންނަން ފައިސާ ދެއްކުމުގެ ކުރިން މި ޓެސްޓު ހެދުމަކީ، ފަހުން ހިތާމަކުރަން ނުޖެހި، ތިބާގެ ހަމާ އެންމެ ގުޅޭ ސެންޓު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.




އިންޑިއާ
ބިއުޓީ
ބޮލީވުޑް
ވިޔަފާރި
ކޮމެންޓް