ލަންކާ ގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 10،000 އިން މައްޗަށް އަރައިފިއެވެ.

ސްރީލަންކާގައި އިއްޔެ އެކަނިވެސް 314 ކޮވިޑް ކޭސް ފެނިފައިވާއިރު އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ޖުމްލަ 10،105 ކޭސް މިހާތަނަށް ފެނިފައިވާކަމަށް އިއުލާންކޮށްފައެވެ.

ލަންކާ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 5804 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނައިރު 444 މީހުން ހޮސްޕިޓަލުގެ ބެލުމުގެދަށުން ފަރުވާ ދެމުން އަންނަ ކަމަށްވެސް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

ކޮވިޑް ޖެހިގެން ލަންކާއިން 19 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އަދި މިހާތަނަށް 4282 މީހުން މިބަލީން ރަނގަޅުވެފައި ވެއެވެ.

ލަންކާގެ ހެލްތު ޕްރޮމޯޝަން ބިއުރޯ އިން ހާމަކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން އެގައުމުން މިހާތަނަށް 490،563 ޕީސީއާރް ޓެސްޓު ހަދާފައި ވެއެވެ.